މަޖިލީހުން ސަރުކާރު ހިންގުމަށް ހުރަސްއަޅާ، ސަރުކާރު ހިންގަން ޖާގަދޭންޖެހޭ: ބިގޭ

މަޖިލީހުން ސަރުކާރު ހިންގުމަށް ހުރަސްއަޅާ، ސަރުކާރު ހިންގަން ޖާގަދޭންޖެހޭ: ބިގޭ

Author
މުޙައްމަދު ޝަޒައިމް
11 ޖޫން 2021 09:49
0

މިއަދު ވެރިކަން ކުރަމުންދާ އެމްޑީޕީގެ ސަރުކާރަށް، އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ހުރަސް އަޅަމުންދާކަމަށާއި، ސަރުކާރު ހިންގުމަށް މަޖިލީހުންވެސް އަދި އެމްޑީޕީންވެސް ޖާގަދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާއަށްފަހު މަޖިލިސް ތެރެއިން ކުރިއަށްގެންދާ އިންކުއަރީގައި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ޚިޔާލުތަފާތު ބޮޑެތި ބައިބައިވުންތަކެއް ވަނީ އުފެދިފައެވެ. މިކަމުގެ ތެރޭގައި އެންމެބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައިވާ އެއްމެމްބަރަކީ މުހައްމަދު ރަޝީދު ހުސެއިންއެވެ. އޭނާއާއިމެދު އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ދެކެނީ އެމްޑީޕީއަށް ޚިޔާނާތްތެރިވެފައިވާ މެމްބަރެއްގެ ގޮތުގައެވެ.

އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ބިގޭއާއި ގުޅޭގޮތުން ދައްކަވަމުންދާ ވާހަތަކަށް ރައްދު ދެއްވައި ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޚިޔާލު ތަފާތުވުން ބޮޑުވެ، މިއަދު ފެނިގެންދަނީ އިންތިހާއަށް އެކަން ގޯސްވަމުންދާތަން ކަމަށެވެ. މިކަން ހުއްޓުވުމަށްޓަކައި، ކުރަންޖެހޭ ކޮންމެ މަސައްކަތެއް އަދި ދޭންޖެހޭ ކޮންމެ ވޯޓެއް ދީގެންވެސް އެކަން ކުރައްވާނެކަމަށް ބިގޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވެރިކަމާއި، މަޖިލިސް އެމްޑީޕީއަށް ލިބުމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ލިބިގެންދިޔަ ބޮޑު ހިތްހަމަ ޖެހުމެއްކަމަށެވެ. ނަމަވެސް ފެނިގެންދަނީ މަޖިލިސް ތެރެއިން ސަރުކާރަށް ހުރަސްއަޅައި، ސަރުކާރަށް ދަތިކުރާތަންކަމަށެވެ. ނަމަވެސް މިއީ ސަރުކާރަށް ޖެއްސުންކޮށް ކަންކަން ވިޔަނުދޭންވީ ވަގުތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމެއްގައި ސަރުކާރު ހިންގުމަށް އެމްޑީޕީ ތެރެއިންނާއި، މަޖިލިސް ތެރެއިން ދޭންޖެހޭނެ. މަޖިލީހުން ޖަވާބު ދާރީވެސް ކުރަންޖެހޭ. ނަމަވެސް ވެފައިވާ ވައުދުތަކާއި ޚިލާފަށް ކަނޑައެޅިގެން މަޖިލިސް ތެރެއިން ހުރަސް އެޅުމަކީވެސް ގޯހެއް. އެންމެ އެދެވޭ ގޮތަށް ސަރުކާރު ހިންގުމަށް މަޖިލީހުން ޖާގަދޭތަން  ފެނިގެންނުދޭ.

– ބިގޭ ވިދާޅުވިއެވެ.

މިހާރު އޮތް ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ބިގޭ ވިދާޅުވީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ކޮބައިކަން ރައްޔިތުން ކަނޑައަޅާފައިވާކަމަށެވެ. އަދި މިފަސްއަހަރުވެސް ރައްޔިތުން އިންތިޚާބު ވެރިޔަކީ ރިޔާސީ ނިޒާމުގެ ތެރެއިން ވެފައިވާ ވައުދުތަކާއިއެކު އިންތިޚާބު ކޮށްފައިވާ ވެރިއެއްކަމަށެވެ. މިހާލަތުގައި ނިޒާމު ބަދަލުކޮށް، ރައްޔިތުންގެ ނިންމުން ބަދަލު ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށާއި، ރައްޖެއަށް މިހާރު އޮތް ހާލަތުގައި އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް ބިގޭ ވިދާޅުވިއެވެ.

މިފަސްއަހަރުގައި އޮންނަން ވާނީ ރިޔާސީ ނިޒާމު. ރައީސަށް ޖާގަދޭންޖެހޭނީ އެނިޒާމުގެ ތެރެއިން. މަޖިލިސް ތެރެއިން ސަރުކާރަށް ޖާގަދޭންޖެހޭ ކަންކަން ކުރަން. ނިޒާމު ބަދަލު ކުރަންޔާ ވަރަށް ބޮޑަށް ވިސްނަންޖެހޭ. ދެނިޒާމަށް ބަލާއިރު އެންމެ ކަމުދަނީ ރިޔާސީ ނިޒާމު. އެމްޑީޕީއަކީ އަބަދުވެސް ތިންބާރު ވަކި ކުުރުމަށް މަސައްކަތް ކުރި ބައެއް، ބާރުތައް އެއްކުރުމަކީ އެމްޑީޕީ ތާއީދު ކުރި ކަމެއްނޫން. ބަރުލަމާނީ ނިޒާމެއްގައި އެސިފަގެއްލޭ. ވަޒީރުން ޖަވާބުދާރީ ވުމުގެ ފުރުސަތު ހަނިވެގެންދޭ.

– ބިގޭ ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ އެމްޑީޕީ ތެރެއިން މިއަދު ފެނިގެންދަނީ ނިމިދިޔަ ވެރިކަމުގައި ރައީސް ޔާމީންއާއި، ރައީސް މައުމޫންގެ ދެމެދުގައި އުފެދުނުފަދަ ޚިޔާލު ތަފާތުތުވުންތަކަށް ދާމަންޒަރުކަމަށެވެ. މިއީ އެއްވެސް ގޮތަކަށް ބަލައި ގަނެވޭނެ، އަދި ޔާގަވެސް ދެވެންޖެހޭ ވަރުގެ ކަންތައްތަކެއް ނޫންކަމަށާއި، ޚިޔާލު ތަފާތުވިޔަސް ހައްދެއްގެ ތެތޭގައި އެކަން އޮންނަންޖެހޭކަމަށް ގަބޫލު ކުރައްވާކަމަށް ބިގޭ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކްރޯޑް
މަޖްލިސްގެ ރައީސްއަށް ހީކުރެެނީ ތޯއްޗެ ތިމަންނާ މިގޮތަށް ޖެއްސުން ކުރީމަ ގައުމުގެ ރައީސްމީހާ އުނދަގޫ ވެގެން އިސްތިއުފާ ދީފާނެޔޭ. ވެރިކަން ތިޔަހާ ބޭނުމިއްޔާ ހަދަންވީގޮތް އެއޮތީ ރީކޯ ބުނެދީފަ އެހެން ހަދަންވީނު.