ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ ރަށްތައް ބަޔަކާ ހަވާލުކުރާނަމަ، އެ ރަށްތައް ހަވާލުކުރަން ޖެހޭނީ އެ ތަނުގެ ހަގީގީ ވެރިޔާ ކަމަށްވާ ދިވެހި ދައުލަތާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފޯޅަވަހީގެ މިލްކުވެރިކަމާ މެދު ދިވެހި ސަރުކާރުން ކުރާ ދައުވާ އަނެއްކާވެސް ތަކުރާރުކުރައްވާފައެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ބައެއް ކަން ތާރީހުން ސާފުކޮށް އެނގެން އެބައޮތެވެ.
"ނުވަ ވަނަ ހަސަން ރަސްގެފާނުގެ ލިޔުންކޮޅު، އެ ވަނީ ވަރަށް ސާފު. އެހެންވީމަ ރައިޓްފުލް އޯނަރަށް [ފޯޅަވަހި ބަޔަކާ ހަވާލުކުރާ ނަމަ] ހަވާލުކުރަން ޖެހޭނެ ކަމަށް ދިވެހި ރައްޔިތުން ގަބޫލުކުރަނީ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެގޮތަށް ހަވާލުނުކުރެވޭ ނަމަ، މިހާރު އޮތް ގޮތަށް އެ މައްސަލަ ދިގުދެމިގެން ދިއުމަކީ ވެސް ދިވެހި ދައުލަތަށް އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ އެކު ސަރުކާރުން މިހާރު ވެސް މަޝްވަރާތައް ކުރިއަށްގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތުން ނިންމައި، އެކަން ތަންފީޒުކުރުމަށް އެ ގައުމުން އެމެރިކާއާ އެކު މަޝްވަރާތައް ފެށި ނަމަވެސް، އެމެރިކާގެ ރަސްމީ ހުއްދަ ނުލިބުމުގެ ސަބަބުން މޮރިޝަސްއާ އެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން ވަނީ މަޑުޖެހިފައެވެ. އޭގެ ފަހުން، އިނގިރޭސި ބޮޑުވަޒީރު ނިންމެވި އެ ނިންމެވުން ބާތިލުކޮށް، ޗާގޯސް ޖަޒީރާތައް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމުގެ ހުށަހެޅުމަކަށް ވައިޓް ހައުސްއިން ބަލަމުން އަންނަ ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.
ކޮމެންޓު ފޮނުވާ