މިނިވަންކަން ދެމެހެއްޓުމަކީ މިއަދު އޮތް އެންމެ ބުރަ މަސްއޫލިއްޔަތު: ރައީސް

މިނިވަންކަން ދެމެހެއްޓުމަކީ މިއަދު އޮތް އެންމެ ބުރަ މަސްއޫލިއްޔަތު: ރައީސް

Author
އަހުމަދު
26 ޖުލައި 2026 09:02
0

ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުމަކީ މިއަދު ދިވެހީންގެ ބޮލުގައި އެޅިފައިވާ އެންމެ ބުރަ މަސްއޫލިއްޔަތުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދިވެހި ރައްޔިތުންނަށް މިނިވަން ދުވަހުގެ ހޫނު ތަހުނިޔާ ފޮނުއްވާފަ އެވެ. މި މުނާސަބަތުގައި ރައީސް ވަނީ މިނިވަންކަން ދެމެހެއްޓުމުގެ މުހިންމުކަމާއި، އެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

"މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ، ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން. މި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ގައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ގާބިލުކަން އިތުރުކުރުމަށާއި، އަމިއްލަވަންތަކަމަށް އޮތް ފަހުރުވެރިކަން ދެމެހެއްޓުމަށާއި، މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ގާބިލުކަން އިތުރުކުރުމާއި، އަމިއްލަވަންތަކަމަށް އޮތް ފަހުރުވެރިކަން ދެމެހެއްޓުމަކީ މިނިވަންކަން ދިފާއުކުރުމުގައި ކޮންމެހެން ބޭނުންވާ ކަންކަން ކަމަށެވެ. އަދި މި ސިފަތަކުން ސިފަ ލިބިގަނެ، މިނިވަންކަމާއެކު ގައުމާއިގެން ކުރިއަށް ދިއުމަށް ރައީސް ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.