ކޯވިޑް-19އިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވި 1000 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާސްކު ނާޅައިގެން 253 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށާއި، ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅުނު 615 މީހަކު ޖޫރިމަނާކޮށް، ވެހިކަލްދުއްވި 150 މީހަކު ޖޫރިމަނާކޮށްފައިވާކަމަށެވެ.
މިހާ ގިނަ ޢަދަދެއްގެ ބަޔަކު ޖޫރިމަނާކޮށްފައިވާއިރު، ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކާއެކު ބޭރަށް ނިކުމެވޭނީ ފުލުހުންގެ ޚާއްޞާ ހުއްދައެއް ލިބިގެންނެވެ. އެ ހުއްދަ ލިބޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށެވެ.
ކޯވިޑުގެ ކޭސްތައް މާލެ ސަރަހައްދުގައި އިތުރުވުމާއ ގުޅިގެން އެޅިފިޔަވަޅުތަކާއެކު، ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ޖިމްތަކާއި ސެލޫންތައްފަދަ ތަންތަން އިންސްޕެކްޓްކުރުމުގެ މަސައްކަތް އަލުން ވަނީ ފަށާފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެފަދަ 81 ތަނެއް އިންސްޕެކްޓްކޮށްފައި ވާކަމަށާ، އޭގެ ތެރެއިން އެންމެ ފިހާރައެއް ފިޔަވާ އެހެން ހުރިހާތަނެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމައަށް އަޅާފައިވާކަން މަބްރޫކް ވިދާޅުވިއެވެ.
ކޯވިޑް-19އިން ރައްކާތެރިވުމުގެގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މަގުމަތީގައި އުޅޭއިރު މާސްކް އެޅުމަކީ މަޖުބޫރު ކަމެކެވެ. މި ބަލީގެ ނުރައްކާ ބޮޑުވުމާގުޅިގެން ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން މާލޭ ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ހަވީރު 4 އިން ހެނދުނު 8 އަކަށް ކާފިޢު އިޢުލާންކޮށް ބޭރުތެރެއަށް ނުކުމެ އުޅުމުގައި ޢަމަލުކުރާނެ ޚާއްސަ އުޞޫލުތަކެއް ކަނޑައަޅާފައިވެއެވެ. މާސްކް ނާޅައި އުޅުމާއި ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅޭނަމަ 1،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.
ކޯވިޑްގެ ފިޔަވަޅުތަކަށް ޢާންމުން ޢަމަލުކުރޭތޯ ބެލުމަށް ފުލުހުންނާއި ސިފައިން އަންނަނީ މަގުތަކުގައި ފޯރިމަރަމުންނެވެ.
ކޮމެންޓު ފޮނުވާ