ކުށްކުރާ މީހުންގެ ވަނަވަރު ޢާންމުކުރުމުގައި ތަފާތެއް ނުކުރަން: ޢިމްރާން

ކުށްކުރާ މީހުންގެ ވަނަވަރު ޢާންމުކުރުމުގައި ތަފާތެއް ނުކުރަން: ޢިމްރާން

Author
މުޙައްމަދު ޖިމީ
09 ޖޫން 2021 11:36
0

ކުށްކުރާ މީހުންގެ ވަނަވަރު ޢާންމުކުރުމުގައި ފުލުހުން ތަފާތު ނުކުރާކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް، ލިޔުމުން ޖަވާބު ހޯއްދެވުމަށް ހުށައެޅުއްވި ސުވާލުތަކަށް ދެއްވި ޖަވާބުގައެވެ. މީކާއިލް ވަނީ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރާއިރު، ހުރިހާ ފަހަރަކު އެއް އުސޫލުން ޢަމަލު ނުކުރަނީ ކީއްވެތޯ ސުވާލުކުރައްވަފައެވެ. އޭގެ ޖަވާބުގައި  މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ދިވެހި ފުލުހުން ތަހުގީގްކުރާ ޖިނާޢީ ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަބަދުވެސް ހާމަކުރަމުންދަނީ ތަފާތުކުރުމެއްނެތި އާންމުކުރެވޭ އެއް އުސޫލަކުންކަމަށެވެ. އެގޮތުން ވަނަވަރު ޢާންމުކުރާއިރު ޖިނާއީ ބޮޑެތި ކުށްތަކުގެ ޠަބީއަތާއި ކުށުގެ ކުޑަބޮޑުމިނާއެކު ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މީހާގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާއާއި އެމީހަކީ ތަކުރާރުކޮށް ކުށްކުރާ ރެކޯޑު އޮތް މީހެއްތޯއާއި، އެކުށުގެ ޢަމަލަކާއި ޖުމްލަކޮށް މުޅި މުޖުތަމައުގެ މަސްލަހަތު ގުޅިފައި އޮތް މިންވަރުފަދަ ކަންކަމުގެ މައްޗަށް ބައްލަވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ޢިމްރާން ވިދާޅުވީ، މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރާއި، އެ މައްސަލައަކާއި އެމީހަކާ އޮތް ގުޅުންބަލައި މައްސަލައާއި ގުޅޭ މައުލޫމާތު ހާމަކުރުމުގައި ހިންގާ ތަހުގީގަށް ހުރަސް ނޭޅޭގޮތަށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ބެލޭކަމަށެވެ.

މީކާއީލް ވަނީ 2021 މެއި 1ގައި މާލޭގައި ބޭއްވި އެއްވުމުން ރޫޅާލުމަށް ފުލުހުން ޢަމަލުކުރިގޮތާއި ގުޅޭގޮތުންވެސް ސުވާލުކުރައްވާފައެވެ. އެ އެއްވުން ރޫޅާލުމަށް ހަރަކާތްތެރިވި ފުލުހުންނަކީ ޓްރެއިނިން ލިބިފައިވާ ބައެއްތޯއާއި ސާރވިސް ނަންބަރު ފެންނަގޮތަށް ހުރިތޯ ސާފުކުރުމަށް ހުށައެޅުއްވި ސުވާލުގެ ޖަވާބުގައި ހޯމް މިނިސްޓަރ ވިދާޅުވީ، 1 މެއި 2021 ވަނަ ދުވަހުގެ ރޭ ރަސްފަންނުގައި ޖިންސީ އަނިޔާއާއި ފުރައްސާރައާއި ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި އެއްވުން ކޮންޓްރޯލްކުރުުމުގައި ފުލުހުންގެ ދައުރު އަދާކޮށްފައިވާ ގޮތާއި ގުޅޭ މައްސަލައިގެ ތަހުގީގު ނިންމާ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އެއް މައްސަލައާމެދު ގޮތްނިންމުމުގެ މަރުހަލާގައި އޮތްކަަމަށެވެ. އެ އެއްވުމުގައި ހަރަކާތްތެރިވި ފުލުހުންގެ ޔުނިފޯމް ހުރީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކުރާ މިންގަނޑަށް ސާރވިސް ނަންބަރު ފެންނަގޮތަށްކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

 އެރޭގެ މުޒާހަރާ ރޫޅާލުމުގައި "ކުއިކް ރިއެކްޝަން ޓީމު"ގައި ހަރަކާތްތެރިވި 10 ފުލުހުންގެ ތެރެއިން 8 ފުލުހުނަކީ ޕަބްލިކް އޯޑާ ޓްރެއިން ފުރިހަމަކޮށްފައިވާ ފުލުހުންނެވެ. އަދި ބާކީ ފުލުހުންގެ ތެރެއިން 1 ފުލުހަކީ ޕަބްލިކް އޯޑާ ޓްރެއިން ހަދާފައި ނުވިނަމަވެސް ޓީމް ލީޑްކުރަމުން އަންނަތާ އަހަރު ދުވަސްވެފައިވާ ފުލުހެކެވެ. އަދި އަނެއް ފުލުހަކީ މިހާތަނަށް ޕޮލިސް ރެކްރޫޓް ޓްރެއިނިން ކޯސް ފުރިހަމަކޮށްފައިނުވާ ފުލުހެކެވެ.

– ޢިމްރާން ޢަބްދުﷲ

ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރުުމުން ބޮޑެތި ފާޑުކިޔުން!

މޭޑޭއާއި ދިމާކޮށް ޒުވާނުން އިސްނަގައިގެން ކުރި ކުޑަ އަދި ބައިމަދު މުޒާހަރާއެއް ކޮންޓޯލްކުރުމަށް އާދަޔާ ނުބައްދަލު ބާރުގެ ބޭނުންކުރުމުން ފުލުހުންނަށް ބޮޑެތި ފާޑުކިޔުން އަމާޒުވިއެވެ.

ޒުވާނުންގެ މޫވްމެންޓެއް ކަމުގައިވާ “ރައިސް އަޕް މޯލްޑިވްސް”އިން އިސްނަގައިގެން މަސައްކަތުގެ މާހައުލުގައި، މަސައްކަތްތެރިންނަށް ކުރާ ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރައާއި ދެކޮޅަށް ކުރި ސުލްހަވެރި ހިނގާލުން ފެށީ މާފަންނުކޮޅު ސޯޝަލް ސެންޓަރުންނަށް މުޒާހަރާ ފަށައިގެން މާދުރަކަށް ނުދެވެނީ ގިނަ އަދަދެއްގެ ފުލުހުންނާއިއެކު ފުލުހުންގެ ވެހިކަމެއް މުޒާހަރާ ކުރިމައްޗަށް މަޑުކޮށް އެއްވުން ވަގުތުން ރޫޅާލުމަށް މަސައްކަތް ކުރިއެވެ.

އެއްވުން ރޫޅާލުމަށް ފުލުހުން މަސައްކަތް ކުރި ނަމަވެސް އެއްވި މީހުން ގޮވަންދިޔައީ ސުލްހަވެރިކަމާއިއެކު އަޑު އުފުލަން ޖާގަދީ އަދުލު އިންސާފު ޤާއިމް ކުުރުމަށެވެ. ނަމަވެސް ފުލުހުންވަނީ މުޒާހަރާ ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލާފައެވެ. މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަނީ އެއްވި މަދު ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުންނަށް އެކި ވަރުގެ އަނިޔާތައް ކޮށްފައެވެ.

މުޒާހަރާ ކޮންޓްރޯލް ކުރުމަށް އާދަޔާއި ޚިލާފް ބާރުގެ ބޭނުން ކުރުމައި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސޯޝަލް މީޑިޔާގައި އޮއްސާލާފައެވެ. މި މުޒާހަރާއަކީ އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރައާއި ގޯނާއިން ސަލާމާތްވުމަށް ގޮވާލައި ކުރި މުޒާހަރާއަކަށްވާއިރު މުޒާހަރާ ހުއްޓުވަށް ފުލުހުން އަމަލުކޮށްފައިވާގޮތުން ރާއްޖޭގައި އެފުރުސަތު ދޭން ބޭނުންވާ މިންވަރު ހާމަވާކަމަށް ޝުއޫރު ފާޅު ކުރި މީހުން ވަނީ ލިޔެފައެވެ. އިހުތިޖާޖުގައި އެކަށީގެންނުވާ ބާރުގެ ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ ފުލުހުންނަށް ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.