ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން "މެއި 6″ގެ ނަމުގައި ކޮމިޓީއެއް އެމްޑީޕީގެ ތެރޭގައި އުފެއްދުމަށް ހުށައަޅައިފި

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން "މެއި 6″ގެ ނަމުގައި ކޮމިޓީއެއް އެމްޑީޕީގެ ތެރޭގައި އުފެއްދުމަށް ހުށައަޅައިފި

Author
މުޙައްމަދު ޖިމީ
09 ޖޫން 2021 11:03
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ތަހުގީގު ހިނގާ ގޮތް އެމްޑީޕީގެ ތެރެއިން ބަލައި ފާރަވެރިވުމަށް "މޭ ހައެއް" ގެ ނަމުގައި ކޮމިޓީއެއް އުފެއްދުމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެޕާޓީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ. އެ ގަރާރާއި ގުޅިގެން ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް 10 މެންބަރުންގެ ސޮޔާއެކު ވައްޑެ ވަނީ ހުށައަޅުއްވާފައެވެ.

ވައްޑެ ވިދާޅުވީ، ހަމަލާދީގެން އުޅެނީ އެމްޑީޕީގެވެސް ރައީސްއަށްކަމަށާއި، އެހެންކަމުން އެޕާޓީން އެ ހަމަލާގެ ކަންކަން ގާތުން ބަލަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީން އެކަމުގެ ވާހަކަ ދައްކައި އެކަމުގެ ހަގީގީ ތެދު މައުލޫމާތު ރައްޔިތުންނަށް ތިލަކޮށްދޭންޖެހޭކަމަށެވެ. އަދި އެހަމަލާގެ ތަހުގީގު ދިގުލައިގެން ދާތީ، އެމްޑީޕީގެ ޢާންމު މެންބަރުންގެ ކަންބޮޑުވުންވެސް އެބައޮތްކަމަށާއި އެކަމުގެ ޝަކުވާތައް ލިބެމުން އަންނަކަމަށެވެ. ވައްޑެ ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާ އެޕާޓިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ދެކޭކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ކަންކަން ބެލުމަށް ޚާއްޞަ ކޮމިޓީއެއް އުފެއްދުމަށް ވައްޑެ ހުށައަޅުއްވާފައިވާއިރު، އެ ކޮމިޓީގައި ހިމެނުމަށް ވައްޑެ ހުށައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރަކާއި، ރައީސް ނަޝީދު ކަނޑައަޅުއްވާ މެމްބަރަކާއި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު މުހައްމަދު ޝިހާބާއި ފެންކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމްއެވެ.

ވައްޑެ ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގް ފުރިހަމަކޮށް އެކަމުގެ ހަގީގަތް ހާމަނުކޮށްފިނަމަ މުޅި ޖިނާޢީ އަދުލުގެ ނިޒާމާއި ެދު ރައްޔިތުންނަށް އިތުބާރު ގެއްލިދާނެކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށް އެއްމަސްވެފައިވާއިރު، ފުލުހުން އެ ހަމަލާއާއި ގުޅޭގޮތުން އެންމެ ފަހުން ބޭއްވި ޕްރެސްކޮންފަރެންސްގައި އެ ހަމަލާއާ ގުޅޭގޮތުން އިތުރު މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މި ހަމަލާއާއި ގުޅިގެން މިހާތަަނަށް ހައްޔަރުކުރި ހަތަރު މީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ. މީގެތެރެއިން އަދުހަމް އަޙްމަދަކީ ރައީސް ނަޝީދަށް ހަމަލާދިނުމަށް ސައިކަލްގައި ހަރުކޮށްފައި އޮތް ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. ފުލުހުން އާއްމުކުރި ވީޑިއޯ ފުޓޭޖްތަކަށް ބަލާއިރު މީނާ މިކަން ކޮށްފައިވަނީ ރައީސް ނަޝީދަށް ފާރަލައިގެން ފިލާ ހުރެކަން އެގެއެވެ. ދެން މި މައްސަލާގައި ހަރަުކޮށްފައިވާ ތަހްމީނު އަޙްމަދަކީ ބޮން ހަރުކޮށް ގޮއްވާލި ސައިކަލްގެ ވެރި ފަރާތެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި ހަމަލާދިނުމުގައި ބައިވެރިވި މީހުންގެ އިތުރުން މި ހަމަލާދިނުމުގެ ފަހަތުގައި ތިބެ އެކަމަށް ހަރަދުކުރީ ކޮންބައެއްތޯވެސް ހޯދާނެކަމަށެވެ. އަދި މިކަމަށް ފަންޑުކުރި މީހުން ހޯދުމަށް ރައީސް ނަޝީދުވެސް ވަނީ ގޮވާލައްވާފައެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. އަދި އެ ޒަހަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެއްވުމަށްފަހު ޖަރުމަންވިލާތަށް ވަޑައިގެން އިތުރު ފަރުވާ ވަނީ ހޯއްދަވާފައެވެ. އަދި އަންނަ މަހު އެނބުރި ރާއްޖެ ވަޑައިގެންނެވޭވަރު ވާނެކަން ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.