އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދގެ މައި މަރުކަޒުގައި ބޭއްވުނު، އެ ޖަމިއްޔާގެ ޖެނެރަލް އެސެމްބްލީގެ 76 ވަނަ ދައުރުގެ ރިޔާސަތަށް ބޭފުޅަކު އައްޔަންކުރުމުގެ، ވާދަވެރި އިންތިޚާބު ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުއްﷲ ޝާހިދު ރޭ ވަނީ ކާމިޔާބު ކުރައްވާފައެވެ.
ޢާއްމު މަޖިލީހުގެ ރިޔާސަތުގެ ވޯޓުލުން އޮތީ ރާއްޖޭގެ ގަޑިން ރޭގެ އިރާކޮޅުގެ ވަގުތެއްގައި ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައެވެ. މި އިންތިޚާބު، ދިވެހިރާއްޖޭގެ ކެންޑިޑޭޓް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވީ ވޯޓުގައި ބައިވެރިވި ޤައުމުގެ ތެރެއިން 143 ޤައުމުގެ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. މި އިންތިޚާބުގައި ވޯޓުލީ 191 ގައުމުގެ ތެރެއިން އިދިކޮޅު ކެނޑިޑޭޓް، އަފްގާނިސްތާން ކުރީގެ ފޮރިންގ މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގަތީ، 48 ވޯޓެވެ.
2021 ސެޕްޓެމްބަރު 14 ގައި ފެށޭ ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފަރާތުން ރިޔާސަތު ބަލަހައްޓަން ފޮރިން މިނިސްޓަރ ޝާހިދު ނޮމިނޭޓްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްއެވެ. މިއީ އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ. އަދި ދިވެހިރާއްޖެ ވެގެން މިދިޔައީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދގެ ރިޔާސަތު ބަލަހައްޓާ 6 ވަނަ ޤައުމަށެވެ.
އދގެ ޢާއްމު މަޖިލީހަކީ އދގެ މައިގަނޑު 6 ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. އަދި މިއީ ސިޔާސަތު ކަނޑައެޅުމާއި މަޝްވަރާކުރުމުގެ މައިގަނޑު ގުނަވަންވެސްމެއެވެ. އދގެ ޢާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ އެމަޖިލީހުގެ ރައީސްއެވެ. އަދި އާއްމު މަޖިލީހުގެ ރައީސް، ބައިނަލްއަޤްވާމީ ބައްދަލުވުންތަކާ ސަރަހައްދީ ބައްދަލުވުންތަކުގައި އދގެ މުޅި މެމްބަރޝިޕް ތަމްސީލްކުރައްވާނެއެވެ.
ދިވެހިރާއްޖެއިން އދގެ މެމްބަރު ޤައުމަކަށްވީ މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭ، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ކުޑަ ގައުމަކަށް ބޮޑު ކާމިޔާބީއެއް
އދއަކީ ދުނިޔޭގެ އެކުވެރި ދައުލަތްތަކުގެ މައްޗަށް އެކުލެވޭ، ދުނިޔޭގެ ސުލްހައާއި އަދި އެނޫނަސް، ދުނިޔެއިން ފަގީރުކަން ނައްތާލުމާއި، ދޭދޭ ގައުމުތަކުގެ މެދުގައި ކުރިމަތިވާ ބޮޑެތި މައްސަލަތަކާއި، ދުނިޔެއަށް ކުރިމަތިވާ ކާރިިސާތަކުން ގައުމުތައް ސަލާމަތްކުރުމާއި، މިހެންގޮސް، ދުނިޔެއަށް ކުރިމަތިވާ އެތަކެއް މައްސަލަތަކެއްގެ ހައްލު، ގައުމުތަކުގެ މެދުގައި މަޝްވަރާ ކޮށްގެން ހޯދުމުގެ މުހިންމު މަސްއޫލިއްޔަތުތަކާއި ޒިންމާ އުފުލަމުންދާ، އުމުރުން ބައި ގަރުނެއްހާ އަހަރު ވީ ޖަމިއްޔާއެވެ.
މިގޮތުން ބަލާއިރު، މުޅި ދުނިޔެ ތަމްސީލްކުރާ މިފަދަ ބޮޑު ޖަމިއްޔާއެއްގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު، ރާއްޖެފަދަ ކުޑަ ގައުމަކަށް ލިބުމަކީ ކުޑަ ކާމިޔާބީއެއްގެ ގޮތުގައި ބެލެވޭނެ އެއްވެސް ހަމައެއް ނުފެނެއެވެ. އަދި އަމުދުން ރާއްޖެފަދަ، ތަރައްގީއާއި، އަދި ކުރިމަތިވާ ތަފާތު ކާރިސާތަކުގައި ބައިނަލް އަގުވާމީ އެހީތެރިކަމަށް ބަރޯސާވާންޖެހޭ ގައުމަކަށް، މިޖަމިއްޔާގެ އެންމެ މުހިންމު އެއްގުނަވަނުގެ ރިޔާސަތަށް އާދެވުމަކީ، އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފައިދާ ކުރަނިވިކަމަކަށް ނޫނީ ވެގެން ނުދާނެއެވެ.
މީގެ ތެރޭގައި ފާހަގަ ކޮށްލަންޖެހޭ މުހިންމު ކަންކަން އެބަހުއްޓެވެ. މިސާލެއްގެ ގޮތުން، މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް ކާރިސާގައި، ރާއްޖެއަށް ބޭނުންވާ ބައިނަލްއަގުވާމީ އެހީތެރިކަން މާލީގޮތުންނާއި އިންސާނީ ވަސީލަތްތަކުގެ ގޮތުން ހޯދުމުގައި މުޅި ދުނިޔޭގައިވެސް ގޮންޖެހުންތައް ނުހަނު ބޮޑުކޮށް އެބަހުއްޓެވެ.
އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަަރައިގަތުމުގައި، ދުނިޔޭގެ ހުރިހާ ގައުމުތަކެއްވެސް ވަނީ، މާރކެޓަށް ނިކުމެ، ލޮބީކޮށް، އާދޭސްކޮށް، އަދި ދޭދޭ ގައުމުތަކާ އޮންނަ ގުޅުމުގެ ތެރެއިން ލިބެން އޮތް އެހީއެއް ލިބިގަތުމަށް އަވަސް ވެގެންފައެވެ. މިގޮތުން އުފެދިައި އޮތް ބޮޑު ޑިމާންޑްގެ ތެރޭގައި މަސައްކަތްކޮށް، ކުރިޔަށް ދެވެން އޮތީ ބައިނަލް އަގުވާމީ ގުޅުންތައް ވަރުގަދަ ވީވަރަކުންނެވެ. ބައިނަލްއަގުވާމީ މުޖުމައަށް އެގައުމެއް ހުޅުވާލެވުނު މިންވަރަކުންނެވެ.
އދގެ އާންމު މަޖިލީހުގެ ރިޔާސަތުގައި އޭޝިއާ ފެސިފިކް ތަމްސީލްކުރުގެ ފުރުސަތު ދިވެހި ރާއްޖެއަށް ލިބިގެންދިއުމަކީ، ދިވެހިރާއްޖެއިން، ބައިލަނަލް އަގުވާމީ މުޖުތަމައުގައި އަދާކުރާ ދައުރު އިންތިހާއަށް ފުޅާވެ، އަދި ރާއްޖޭގެ ޚާރިޖީސިޔާސަތުވެސް އިތުރަށް ވަރުގަދަވެ ހަރުދަނާވެގެން ދިއުމަށް ލިބިގެން ދިޔަ ފރުސަތެކެވެ.
ގިނަ ގައުމުތަކެއްގެ ސަމާލުކަން ރާއްޖެއަށް ހުއްޓި، އަދި އަމުދުން ރިޔާސަތު ބަލަހައްޓާ ގައުމެއްގެ ހައިސިއްޔަތުން، ދުނިޔޭގެ "ގްލޯބަލް ޕޮލިޓިކްސް"ގެ ތެރެއިން ބައެއްކަން ކަމުގައި ރާއްޖެއަށް ބަރޯސާވުން އިހުނަށްވުރެ ބޮޑަށް އިތުރުވެގެންދާނެ ކަމެއްވެސްމެއެވެ.
މިގޮތުން އެންމެ ބޮޑަށް ފާހަގަ ކޮށްލަންޖެހޭ އެއްކަމަކީ، އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބު ވެގެންދިޔަ ވަގުތެވެ. މުޅި ދުނިޔެވެސް މިއަދު މިއޮތީ ކޯވިޑް19ގެ ނުރައްކާތެރި ކާރިސާގައި، ގޮތް ހުސްވެފައި ކަހަލަ ގޮތަކަށެވެ. ގައުމުތަކަށް ބޭނުންވާ ވެކްސިންތައް ހޯދުމާއި، އަދި ސިއްޙީ ދާއިރާއަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ހޯދުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ އެތަން މިތަނުގައި އަތްފުނާ އަޅަމުންނެވެ.
އަދި ހަމައެއާއެކު، ކޯވިޑް19އަށްފަހު، އިގުތިސާދުތައް ނަގާ ކޮލަށްޖެހުމުގައިވެސް ގެންގުޅޭނެ ސިޔާސަތުތައް ރާވާ، ހިންގުމަށް ދުނިޔޭގެ ގައުމުތައް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، އާންމު މަޖިލިހުގެ ރިޔާސަތުގައި ރާއްޖޭގެ ފޮރިންގ މިނިސްޓަރު އިންނަވައިގެން، ރާއްޖެއަށް ބޭނުންވާ އެހީތެރިކަން އެކި ގޮތްގޮތުން ހޯދާ ދިނުމުގައި، މިފުރުސަތަކީ ހުޅުވިގެންދިޔަ ތަނަވަސް ދޮރެއްކަމުގައި ގަބޫލު ކުރަން ޖެހެއެވެ.
ފާޑުކިޔާ ފަރާތްތަކުގެ ނަޒަރުން ބޭކާރު ފުރުސަތެއް
އދގެ އާންމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެ އިންތިޚާބު ވެގެން ދިއުމުގައި، ބައިނަލް އަގުވާމީގޮތުން ލިބެންހުރި މަންފާތައް ގިނަކަމުގައި ގިނަބަޔަކު ގަބޫލުކުރި ނަމަވެސް، އާންމު އުސޫލުން ޚިޔާލު ތަފާތު އެތައް ބަޔަކުވެސް ރާއްޖޭގައި ތިބިކަން ފާހަގަ ކޮށްލެވެއެވެ. އަދި މި ޚިޔާލުތަފާތުވުންތައް ގުޅި ލާމެހިފައި އޮތީ އަދުގެ ހާލަތާކަންވެސް ފާހަގަ ކޮށްލަންޖެހެއެވެ. އެއީ ކޯވިޑް19ގެ ހާލަތާއެވެ. ހާލަތު ރާއްޖޭގައި ދަނީ ގޯސްވަމުންނެވެ. ކޮންމެ ދުވަހަކުވެސް މިބަލީގައި ރާއްޖޭގައިވެސ ދަނީ މީހުން މަރުވަމުންނެވެ. އަދި ހާލަތުގެ އިގްތިސާދީ ގޮންޖެހުންތައް އެހާމެ ބޮޑުވެސް މެއެވެ.
މިގޮތުން ބައެއް ފަރާތްތަކުން ފާހަގަ ކުރާ އެންމެ ބޮޑު އެއްމައްސަލައަކީ، އިގްތިސާދީ ގޮތުން ދަތި ދަނޑިވަޅެއްގައި، ޖެނެރަލް އެސެމްބްލީގެ ރިޔާސަތު ކާމިޔާބު ކުރުމަށް ކުރަން ޖެހުނު ޚަރަދު ތަކެވެ.
ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ ކުރިޔަށް އޮތް 76 ވަނަ ދައުރުގެ ރިޔާސަތަށް ދިވެހިރާއްޖެއިން ކުރިމަތިލުމަށް ސަރުކާރުން ނިންމެވި ނިންމުމަކީ މުހިންމު ނިންމުމަކަށް ވާތީ، އަދި މިމަގާމަށް ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ފޮރިންގ މިނިސްޓަރު އަބުދުﷲ ޝާހިދު ނޮމިނޭޓް ކުރެއްވުމާއި ގުޅިގެން، ޝާހިދު މިމަގާމަށް އިންތިޚާބުކުރުމަށް ކުރަންޖެހޭ ކެމްޕޭނަށް ޚަރަދު ކުރުމަށް މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ވަނީ 4.35 މިލިއަން ރުފިޔާ ހިމަނުއްވާފައެވެ.
އަދި، މި މަގާމަށް އެމަނިކްފާނު އިންތިޚާބު ކުރުމަށް މުޅި ފޮރިންގ ސާވިސްގެ އެހީތެރިކަން ލިބި، ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ އެމްބަސީތަކުން، ދިގު މުއްދަތެއްވަންދެން، ދުނިޔޭގެ ގައުމުތަކުގެ ތާއީދު ހޯދުމަށް މެދުނުކެޑި ބުރަ މަސައްކަތްތެއް ކޮށްފައިވެއެވެ. އަދި ޚުދު ފޮރިންގ މިނިސްޓަރު އަބުދުﷲ ޝާހިދު، މި މަގާމަށް ކެމްޕޭން ކުރެއްވުމަށް އެމެރިކާގެ ނިއުޔޯކުގައި ގާއިމްވެ މަހެއްހާ ދުވަހު ހުންނަވާފައި ވެއެވެ. މި މުއްދަތު ކަންދިމާކުރިގޮތުން، ދިމާވެގެން ދިޔައީ ރައްޖޭގައި ކޯވިޑް19ގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ދުވަސްކޮޅާއެވެ. އަދި މިބަލީގައި މަރުވާ މީހުންގެ އަދަދުވެސް އެންމެ މަތިވެގެން ދިޔައީ މިދުވަސްކޮޅުއެވެ.
During an economically tough time millions of public money has been spent on a campaign. Can @abdulla_shahid @MoFAmv tell me why, as an ordinary citizen, I should be excited about your election to the presidency of UN GA? What benefits will it bring to the people of this country?
— Niyaz Ibrahim (@niyaz_ibrahim) June 7, 2021
ސިޔާސީ ގޮތުން ސަރުކަރާ ޚިޔާލުތަފާތު ފަރާތްތަކުން، ދެކޭގޮތުގައި، ކޯވިޑްގެ ހާލަތު އެންމެ ގޯސްވެގެން ދިޔަ ދަޑިވަޅުގައި ފޮރިންގ މިނިސްޓަރު، ކެމްޕޭން ކުރެއްވުމަށް ގައުމުން ބޭރުގައި މަހެއްހާ ދުވަސް ހޭދަ ކުރެއްވުމަކީ ޒިންމާދަރުކަން ކުޑަ ކަމެކެވެ. އަދި އިގްތިސާދީގޮތުން ދަތި ދަނޑިވަޅެއްގައި، އާންމު މަޖިލިހުގެ ރިޔާސަތު ކާމިޔާބު ކުރެއްވުމަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރެއްވުމަކީވެސް، ބައެއް ފަރާތްތަކުން ދެކޭގޮތުގައި، ހޭދައާއި އެއްވަރުގެ ބަދަލެއް ރާއްޖެއަށް ލިބިގެންދާނެ ކަމެއް ނޫނެވެ.
މިގޮތުން ފާހަގަ ކޮށްލެވޭ އެންމެ މުހިންމު އެއްކަމަކީ، ރާއްޖެއަށް ފުރަތަމަ ފަހަރަށް، ބައިނަލް އަގުވާމީ ޕްލެޓްފޯމެއްގައި، މިވަރުގެ މަގާމެއް ލިބިގެން ދިއުމުން އިދިކޮޅު ސިޔާސީ ފަރާތްތަކުން މިކާމިޔާބީއަށް މަރުހަބާ ކިޔާފައިވެސް ނުވާކަމެވެ. އަދި ވަކީން ޚާއްސަކޮށް، ބައިނަލް އަގުވާމީގޮތުން ރާއްޖެއަށް ލިބޭ މިފަދަ ކާމިޔާބީތަކުގައި އިސްވެ އެކަން ފާހަގަ ކުރައްވާ، ކުރީގެ ރައީސް މައުމޫންވެސް، ސަރުކާރުގެ މިކާމިޔާބީއަށް މިހާތަނަށް އަދި މަރުހަބާ ވިދާޅުވެފައެއް ނުވެއެވެ. އަދި ސަރުކަރުން ހިންގާ ކޯލިޝަންގެ އެހެން ޕާޓީތަކުންވެސް، ދިވެހިރާއްޖެއަށް ލިބިގެން ދިޔަ މި ކާމިޔާބީއަށް މަރުހަބާ ކީތަނެއް ފެނިގެނެއް ނުދިޔައެވެ.
އެއް އަހަރުދުވަސް، ތަފާތު ފެންނަން ޖެހޭ
އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތުގެ ދައުރަކީ އެއްއަހަރު ދުވަހުގެ މުއްދަތެކެވެ. އަދި މި މަގާމުގައި އިންނަވާ ބޭފުޅަކު ވާން ޖެހޭނީވެސް، އދގެ އާންމު މަޖިލީހުގެ 193 ގައުމުގެ މެދުގައި ހަމަހަމަކަން ދަމަހައްޓަވާ ފަރާތަކަށްވެސް މެއެވެ.
އެހެންނަމަވެސް، ދިވެހި ދައުލަތުން ބޮޑު ޚަރަދެއް ކުރައްވައިގެން، މިގަމާމް ދިވެހިރާއްޖެއިން ކާމިޔާބު ކުރުމުގެ ބޭނުންތަކެއް ނެތިނުދާނެ ކަމުގައި ގަބޫލުކުރަން ޖެހެއެވެ.
މިގޮތުން، ފޮރިންގ މިނިސްޓަރ ޝާހިދު، އާންމު މަޖިލީހުގެ ރިޔާސަތުގައި ހޭދަކުރައްވާ މުއްދަތުގައި، ރާއްޖެއަށް، ތިމާވެށީގެ ފޯރަމްތަކުގައި، މިހާރަށްވުރެސް ބޮޑަށް ތަމްސީލުކުރުމުގެ ފުރުސަތު ލިބެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. ސަބަބަކީ، ދުނިޔޭގެ ކްލައިމެޓް ޗޭންޖެ ފޯރަމްތަކާއި، އަދި މިނޫނަސް ތިމާވެއްޓާބެހޭ ގިނަ މަސައްކަތްތަކެއް ޖެނެރަލް އެސެމްބްލީގެ ދަށުން ހިގަމުންދާނެ ތީއެވެ. މިގޮތުން ތިމާވެށި ހިމާޔަތްކުރުމާއި، ރައްޖެއަށް މުހިންމު ވަސީލަތްތައް ކަމަށްވާ އިއާދަކުރަނިވި ހަކަތައާއި، ކުނި މެނޭޖްކުރުމާއި، ކަނޑުތަކުގެ ދިރުމާއި، އަދި މިގެންގޮސް ތިމާވެއްޓާއި ބެހޭ އެތައް ދާއިރާއެއްގައި ރާއްޖެއަށް ފުރުސަތުތައް އިތުރަށް ހުޅުވިގެންދާނެ ކަމަށް ބައެއް ފަރާތްތަކުން އުއްމީދު ކުރެއެވެ.
މީގެ އިތުރުން، ޖެނެރަލް އެސެމްބްލީގެ ރިޔާސަތަށް އިންތިޚާބު ވުމަށްފަހު ދެއްވި ފުރަތަމަ ތަގުރީރުގައިވެސް ޝާހިދު ވިދާޅުވެފައިވަނީ، އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ސަމާލުކަމެއް ދެއްވާނީ ކޯވިޑުން އަރައިގަތުމަށް ކަމަށްވާތީ، ކޯވިޑް19އާއި ދެކޮޅަށް ކުރެވެމުންދާ ހަގުރާމާގައި، ރާއްޖެއަށް ކުރިޔަށް އޮތްތަނުގައި މިހާރަށްވުރެ ބޮޑަށް ބައިނަލް އަގުވާމީ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް ގިނަބަޔަކު ދެކެއެވެ.
މިގޮތުން އދގެ ޖެނެރަލް އެސެމްބްލީގެ ރިޔާސަތުގައި ޝާހިދު ހޭދަކުރައްވާ 1 އަހަރުދުވަހުގެ މުއްދަތުގައި، ދައުލަތުން މިމަގާމު ކާމިޔާބު ކުރުމަށް ކުރި ހޭދައާއި މަސައްކަތަކީ، ރަގަޅު އިންވެސްޓަކަށް ވެގެންދާނެ ކަމުގެ އުއްމީދުގައި ދިވެހި ސަރުކާރުންވެސް އަދި، އެނޫން ގިނަބަޔަކުވެސް މިތިބީ ޝައުގުވެރިކަމާއެކު ބަލާށެވެ.
One Response
މި އީ މީނަ ފޭމަސް ވާންވެގެން ދެފައި އެއްތާކުނުޖަހާ ދަތުރުކޮއް ދައުލަތްހުސްކޮއްގެން ކުރިކަމެއް، ހޫ ކެއާސް، ޔޫއެންގެ އާންމު މަޖިލީހުގެ ރިޔާސަތުގަ ކޮންމެމީހަކު ހުއްޓަސް، އެނމެ އަހަރަކައް، މިކަންކުރުމުގަ ފޮރޮވިފަ ކިތަންމެކަމެއް އޮންނާނެ، ދެން ދިވެހިރާއްޖޭގެ ޙާރިޖީ ވުޒާރާ ހުންނާނީ އެމެރިކާގަ ހެންހީވަނީ، މިއީ މީނަ މިހާރައްވުރެގިނައިން ދައުލަތުގެ ޙަރަދުގަ ދަތުރުއަޅަންވެގެން ކުރިކަމެއް، ރާއްޖެ އައް ކޮންކަމެއްވާނީ، ޔޫއެންގެ އެންމެ ފަޙުރުވެރި 5 އަހަރުގެ މަގާމުގަ މިސްރުގެ ބުޡުރަސް ބުޡުރަސް އާލީ ހުރި، މިސްރައް އަދި ފަލަސްޘީނު ކަހަލަ ގައުމުތަކައް ކޮންފައިދާއެއްވީ، އިރާގު ސުންނާފަތިކުރީވެސް އެދައުރުގަ، އެހެންވީމަ މީނަ އަމިއްލަ ފައިދާޔައް ކުރާކަމަކުން މިގައުމައްވާނެ ކަމެެއްނޮއޮންނާނެ، ފިޖީ އަކީވެސް އާބާދީ ކުޑަ ގައުމެއް، އެގައުމުންވެސް އެެއްއަހަރައް ތިއާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާފަ އޮތީ