ދުނިޔޭގައި މިހާތަނަށް އަދިވެސް ފަރުވާއެއް ފެނިފައި ނުވާ، އެއިޑްސްބަލި ޖެހިފައިވާ މީހަކު އެމެރިކާއިން އެންމެ ފުރަތަމަ ފެނުނުތާ 40 އަހަރު ފުރުން ފާހަގަ ކޮށްފިއެވެ.
މި ބައްޔާއިގުޅޭ މައުލޫމާތު އެންމެ ފުރަތަމަ އާންމު ވެފައިވަނީ، 1981 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު، ނުކުތް، އެމެރިކާގެ ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް (CDC)ގެ ވީކްލީ ޕަބްލިކް ހެލްތު ޑައިޖެސްޓުގައެވެ.
މި އަދަދުގައި އޭރު ވާގޮތުން އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ލޮސް އޭންޖްލްސްގައި އެއް ޖިންސުން ގުޅުންހިގާ މީހުންގެ ތެރެއިން 5 މީހެއްގެ ކިބައިން އާންމުކޮށް ނުފެންނަ ވައްތަރުގެ، ފުއްޕާމެއަށް ޖެހޭ ބައްޔެއް ކަމުގައިވާ ނިއުމޯސިސްޓިސް ކެރިނީ ނިއުމާނިއާ (PCP) ފެނިފައިވާ ކަމަށާއި އަދި އޭގެތެރެއިން 2 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކުރިއެވެ.
މިއީ، ދުނިޔޭގައި 32 މިލިއަން މީހުންގެ ފުރާނަ ގެއްލިގެން ދިޔަ، އެޗްއައިވީގެ އެންމެ ނުރައްކާތެރި ހާލަތު ކަމުގައިވާ އެކުއަރޑް އިމިއޫންޑޭފިޝަންސީ ސިންޑްރޯމް (AIDS)ގެ ބަލިމީހުން އެމެރިކާގައި އެންމެ ފުރަތަމަ ފަހަރަށް ރިޕޯޓު ކުރެވިގެންދިޔަ ފަހަރެވެ.

އެމެރިކާގެ ސެންޓަރ ފޯރ ޑިސީސް ކޮންޓްރޯލް (CDC)ގެ ރިޕޯޓު ނޫސްތަކުގައި ޝާޢިއުކުރުމުގެ މަދު ދުވަސް ކޮޅެއްފަހުން މި ބަލީގެ އިތުރު ކޭސްތައް އެމެރިކާގެ އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިން ފެނިގެން ދިޔައެވެ. އަދި މި މީހުންގެ ކިބައިން ފެނިގެން ދިޔައީ ހެމައެކަނި ނިއުމޯސިސްޓިސް ކެރިނީ ނިއުމާނިއާ (PCP)އެއް ނޫނެވެ. މީގެ އިތުރުން މި މީހުންނަށް އިތުރު ބައެއްޔެއް ކަމުގައިވާ މަދުން ނޫނީ ނުފެންނަ ވައްތަރުގެ ކެންސަރެއްކަމުގައިވާ ކަޕޯސިސް ސާރކޯމާ (KS)ވެސް ޖެހިފައިވާކަން އެގުނެވެ.
އޭގެ މަހެއްހާ ދުވަސްފަހުން، އެމެރިކާގެ CDCގެ މޯބިޑިޓީ އެންޑް މޯރޓަލިޓީ ވީކްލީ ރިޕޯޓުގައި، ނިއުޔޯކް ސިޓީގައި މިބަލީގެ 26 މީހަކު ތިބިކަމުގައި ރިޕޯޓު ކުރިއެވެ. މިއަށްފަހު، އެމެރިކާގެ އެކި ކަންކޮޅުތަކުގައި މިބަލި ބާރަށް ފެތުރިގެން ގޮސްފައިވެއެވެ.
މިމަހުގެ 5 ވަނަ ދުވަސް އެމެރިކާގައި ފާހަގަ ކޮށްފައިވަނީ، މިބަލި ޖެހިފައިވާ މީހަކު އެގައުމުން ފެނުނުތާ 40 އަހަރު ފުރުނު ދުވަހުގެ ގޮތުގައެވެ. މިގޮތުން ފާއިތުވެދިޔަ 40 އަހަރުގެ ތެރޭގައި 700،000 މީހުން އެއިޑްސް ބަލީގައި އެމެރިކާގައި މަރުވެފައި ވެއެވެ.
އެހެންނަމަވެސް، ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި، ސައިންސާއި ބޭސްވެރިކަމުގެ ގޮތުން، އެއިޑްސްބައްޔާއި ދެކޮޅަށް ހޯދިފައިވާ ބޮޑެތި ކުރިއެރުންތަކާއެކު، މި ބަލި ޖެހޭ މީހުންނަށް ބައްޔާއިއެކު ދުނިޔޭގައި ދެމިތިބެވޭ މުއްދަތު އިތުރު ކުރެވޭނެ މަގުތައް ހޯދިފައިވި ނަމަވެސް، އެއިޑްސް ބައްޔަކީ މިއަދާއި ހަމައަށްވެސް ފަރުވާއެއް ހޯދިފައި ނުވާ ބައްޔެކެވެ.
މި މުނާސަބަތާއި ދިމާކޮށް، އެމެރިކާގެ ރައީސް ޖޯ ބައިޑްން ނެރުއްވި ބަޔާނުގައި، އެއިޑްސްއާއި ދެކޮޅަށް ކުރެވޭ ހަގުރާމާގައި އެމެރިކާގައައި އަދި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާއިން ކޮށްފައިވާ މަސައްކަތްތައް ފާހަގަ ކޮށްފައި ވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެއިޑްސް ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުން އިތުރު ކުރުމަށާއި، އަދި އެއްހަމަޔަކުން ފަރުވާ ފޯރުކޮށް ދިނުމަށާއި އަދި އެއިޑްސްއަށް ފަރުވާއެއް ހޯދުމަށް ކުރަންޖެހޭ ހޭދައަށް 670 މިލިއަން ޑޮލަރު ހަމަޖައްސާ ދިނުމަށް އޭނާ ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގައި އެދިފައެވެ.
ކޮމެންޓު ފޮނުވާ