އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިޔަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތަށް ފޭސްބުކް ނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށް ނިންމާފައިވާކަން ފޭސްބުކްއިން މި ހަފްތާގެ ހުކުރުދުވަހު އިއުލާން ކޮށްފިއެވެ. އަދި މިއަށްފަހު، ސިޔާސީ ފަރާތްތައް އެ ޕްލެޓްފޯމުގެ އާންމު ޕްރޮޓޮކޯލްތަކުގެ ތެރެއިން އިސްތިސްނާ ނުކުރާނެކަންވެސް ފޭސްބުކްއިން ހުކުރު ދުވަހުވަނީ ހާމަ ކޮށްފައެވެ.
"އޭނާ ސަސްޕެންޑް ކުރަންޖެހުނު ސަބަބުތަކަށް ބަލާއިރު، އޭނާވަނީ ފޭސްބުކްގެ ގަވާއިދުތައް މުގުރާލާފަ، އަދި އޭގެ ނަތީޖާއެއްގެ ގޮތުން، އެންފޯސްމަންޓް ޕްރޮޓޮކޯލްތަކުގެ ތެރެއިން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު ވަނީ އަޅަން ޖެހިފަ،" ފޭސްބުކްގެ ބައިނަލް އަގުވާމީ ގުޅުންތަކާބެހޭ ނާއިބު ރައީސް ނިކް ކްލެގް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.
"އެހެންކަމުން، އެންމެ ފުރަތަމަ އޭނާގެ ފޭސްބުކް އެކައުން ސަސްޕެންޑް ކުރި ދުވަސް ކަމަށްވާ މިއަހަރުގެ ޖެނުއަރީމަހުގެ 7 ވަނަ ދުވަހުން ފެށިގެން ކުރިޔަށް އޮތް 2 އަހަރުގެ މުއްދަތައް އޭނާގެ ފޭސްބުކް އެކައުންޓް ސަސްޕެންޑް ކޮށްފައި ބޭއްވުމަށް ވަނީ ނިންމާފަ،" އޭނާ ވިދާޅުވެފައި ވެއެވެ.
ފޭސްބުކްގެ މި ނިންމުން އައިސްފައި މިވަނީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ޓްރަމްޕްގެ ސަޕޯޓަރުން ދިން ހަމަލާތަކަށް އޭނާ ތާއީދު ކުރުމާގުޅިގެން، އެންމެ ފުރަތަމަ އެއްވެސް މުއްދަތެއް ނެތްގޮތަށް އޭނާ ސަސްޕެންޑު ކުރުމަށް ނިންމި ނިންމުމަށް ފޭސްބުކްގެ އޯވަސައިޓް ބޯޑުން ފާޑުކިޔާފައި ވަނިކޮށެވެ.
ފާއިތުވެދިޔަ މަހު، ފޭސްބުކް އޯވަރ ސައިޓް ބޯޑުން ނިންމާފައިވަނީ، އެ ޕްލެޓްފޯމުގެ ނިންމުން އިތުރު 6 މަސް ދުވަހުގެ ތެރޭގައި އަލުން މުރާޖައާ ކުރަން ޖެހޭ ގޮތަށެވެ.
“މި ނިންމުމަށްފަހު ކުރިޔަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި، ބޯޑުގެ މިނިންމުން އަލުން މުރާޖައާކޮށް، ޖެނުއަރީ 7 ވަނަ ދުވަހު އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަން ޖެހޭތޯ ނުވަތަ ނޫންތޯ އަލުން ނިންމަން ޖެހޭނެ،” ބޯޑުގެ ނިންމުމުގައި ބުނެފައި ވެއެވެ. “އަދި މި ނިންމުން ވާންވާނީ، ފޭސްބުކް ޕްލެޓްފޯމްގެ އުސޫލުތައް މުގަރާލާފައިވާ މިންވަރަށާއި، އަދި މުސްތަގުބަލުގައި ލިބިގެންދާނެ ގެއްލުންތަކުގެ މައްޗަށް ބިނާވާ ނިންމުމަކަށް. އަދި އަޅާ ފިޔަވަޅުރައް ވާންވާނީ، ފޭސްބުކްގެ އުސޫލުތަކާއި ޚިލާފްވާ ފަރާތްތައް ޒިންމާދާރު ކުރުމަށް ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ބޭނުންވާ މިންވަރަށް ހާލަތަށް ބަލާ، އެއްވެސް ފޮރުވުމެއް ނެތި އަޅާ ފިޔަވަޅުތަކަކަށް.”
ފޭސްބުކް ޕްލެޓްފޯމުން އެންމެ ފުރަތަމަ ޓްރަމްޕާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަކި މުއްދަތެއްނެތި އަޅާފައި ވާތީ، އޯވަރސައިޓް ބޯޑުން ވަނީ އެ ނިންމުމަށްވެސް ފާޑު ކިޔާފައެވެ. “އެއްވެސް ހަރުދަނާ ކަމެއްނެތި ފިޔަވަޅު އެޅުމަށްފަހު، ދެން އެފިޔަވަޅުތަކާމެދު ގޮތެއް ނިންމުން މި ބޯޑާ މަތި ކުރުމަކީ، ފޭސްބުކްގެ ޒިންމާދާރުކަން ނެތުން،” ފޭސްބުކް ޕްލެޓްފޯމުގެ އޯވަރސައިޓު ބޯޑުގެ ނިންމުމުގައި ބަޔާން ކޮށްފައި ވެއެވެ.
ފޭސްބުކްއިން ބުނެފައިވަނީ، 2 އަހަރު ދުވަހަށް ޓްރަމްޕް ސަސްޕެންޑް ކުރަން ނިންމާފައިވަނީ، އުސޫލުތަކާ ޚިލާފުވާ ފަރާތްތަކަށް 2 އަހަރު ދުވަހުގެ ސަސްޕެންޝަން އަންނާނެކަން އެންގުމަށާއި އަދި ސިޔާސީ ލީޑަރުންނަށް ތަފާތު އުސޫލުތަކެއް ދެން އެ ޕްލެޓްފޯމުން ނުގެންގުޅޭނެކަން އެންގުމުގެ ގޮތުންވެސްމެއެވެ.
އަދި ކެލްގް ވިދާޅުވެފައިވަނީ، ޓްރަމްޕްގެ ސަސްޕެންޝަން ފަހުން އުވާލެވުނު ނަމަވެސ،ް ސަސްޕެންޝަން އުވާލުމަށްފަހު، ދެން ޓްރަމްޕް ފޭސްބުކްގެ އުސޫލުތަކާ އިތުރަށް ޚިލާފްވެއްޖެނަމަ، ފޭސްބުކް ޕޭޖާއި އަދި އެކައުންޓް ދާއިމަށް އުވާލުންފަދަ ފިޔަވަޅުތަކާ ޓްރަމްޕް ކުރިމަތިލާންޖެޖޭނެ ކަމަށެވެ.
ފޭސްބުކްގެ ސިޔާސަތުތަކަށް ގެނައި މައިގަޑު ބަދަލުތަކުގެ ތެރޭގައި، އާންމުންނާއި އަދި ސިޔާސީ ލީޑަރުންވެސް ފޭސްބުކުގައި ޝާއިއުކުރާ މައުލޫމާތާއި ޕޯސްޓުތަކާމެދު އެއްވެސް ތަފާތު ކުރުމެއްނެތި އެއްހަމަޔަކުން އަމަލުކުރަމުން ގެންދިއުން ހިމެނެއެވެ.
އިންސްޓަގްރާމާއި ފޭސްބުކުގައި 60 މިލިއަން މީހުން ޓްރަމްޕް ފޮލޯ ކުރަމުން ދެއެވެ.