ފަލަސްތީނަށް މުހިންމު މޮޅެއް

ފަލަސްތީނަށް މުހިންމު މޮޅެއް

Author
އިބްރާހީމް ސާޢިދު
04 ޖޫން 2021 04:30
0

މިހާރު ކުރިއަށްދާ ކޮލިފައިން ބުރުގެ ގްރޫޕް ޑީ ގައި ފަލަސްތީނުން ސިންގަޕޫރާ ވާދަކޮށް 0-4 އިން މެޗް ކާމިޔާބުކޮށްފިއެވެ.

2022ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށާއި، 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕްގައި ވާދަކުރާ ޓީމްތައް ހޮވުމަށްޓަކައި މިހާރު ކުރިއަށްދާ ކޮލިފައިން ބުރުގަ ސިންގަޕޫރާއި ފަލަސްތީން ބައްދަލުކުރި މެޗްގައި ފަލަސްތީނުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. ފަހު ލަނޑު ފަލަސްތީނުން ކާމިޔާބުކުރީ މެޗް ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ.

މެޗުގެ ފުރަތަމަ 30 މިނެޓްގެ ތެރޭގައި ފަލަސްތީނުން ނަތީޖާ 0-3 އަށް ބަދަލުކޮށްލި އިރު އެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީން ކާމިޔާބުކުރި ލަނޑުތަކެކެވެ. ސިންގަޕޫރާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ފަލަސްތީން 1-2 ލަނޑުން ވަނީ ބަލިވެފައެވެ. ގްރޫޕް ޑީގައި ފަލަސްޓީނާއި ސިންގަޕޫރުގެ އިތުރުން ދެން ހިމެނެނީ ސައޫދީ އަރަބިއްޔާ، އުޒްބަކިސްޓާން އަދި ޔަމަންއެވެ.

ފަސް މެޗް ކުޅެގެން ހޯދި 11 ޕޮއިންޓާއެކު މި ގްރޫޕްގެ އެއް ވަނާގައި ސައޫދީ އަރަބިއްޔާ އޮތް އިރު ހަމަ އެ އަދަދަށް މެޗު ކުޅެގެން ހޯދި ނުވަ ޕޮއިންޓާ އެކު ދެވަނައިގައި އޮތީ އުޒްބަކިސްތާންއެވެ. ހަތް ޕޮއިންޓާއެކު ތިންވަނައިގައި  ފަލަސްތީން އޮތް އިރު ހަތަރު ވަނައިގައި އޮތް ސިންގަޕޫރަށްވެސް ވަނީ ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައެވެ. ފަލަސްތީންނަށް ގްރޫޕްގައި ބާކީ އެއް މެޗު އޮތް އިރު ސިންގަޕޫރަށް އަދި ބާކީ ދެ މެޗް އެބަ އޮތެވެ. ގްރޫޕްގެ ފުލުގައި އޮތް ޔަމަން އަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. ކޮލިފިކޭޝަންގެ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން ގްރޫޕްގެ ތިންވަނައަށް ދާ ޓީމަށް އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ގޮތުން ކުޅެންޖެހޭ އެހެން ބުރަކަށް ދިޔުމުުގެ ފުރުސަތު އޮތް އިރު އެ ފުރުސަތު ހޯދުމުގެ އަމިއްލަ ބާރެއް މިހާރަކު ފަލަސްތީނަކަށް ނެތެވެ.

އެކަމަކު ފަލަސްތީނު ދެން ކުޅެން ޖެހޭ މެޗަކީ ފުލުގައި އޮތް ޔަމަނާ ވާދަކުރާ މެޗް ކަމަށް ވެފައި، ފަލަސްތީނަށްވުރެ ފަހަތުގައި އޮތް ސިންގަޕޫރާއި ޔަމަނަށް ބާކީ ދެން ހުރި މެޗްތަކަކީ ގްރޫޕްގެ އެންމެ ވަރުގަދަ ދެ ޓީމާ ދެކޮޅަށް ކުޅެންޖެހޭ މެޗްތަކެއް ކަމަށްވުމާއެކު ކޮލިފިކޭޝަންގައި ފަލަސްތީނަށް ކުރިއަށްދިއުމުގެ ފުރުސަތު ލިބިދާނެ ކަމަށް ގަބޫލުކުރެވެއެވެ.

އޭޝިއާ ސަރަހައްދުގެ ކޮލިފިކޭޝަންގައި އިއްޔެ ކުޅުނު އެހެން ބައެއް މެޗްތަކަށް ބަލާއިރު މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ނޭޕާލް ވަނީ ޗައިނީސް ޓައިޕޭ އާ ވާދަކޮށް 0-2 އިން މޮޅުވެފައެވެ. ބަންގްލަދޭޝް އާއި އަފްގާނިސްތާން ބައްދަލުކުރި މެޗް 1-1 އިން ވީ އެއްވަރެވެ. އިންޑިއާ އިން ގަތަރާ ވާދަކޮށް 0-1 އިން ވަނީ ބަލިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.