ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން އިންގްލޭންޑް މޮޅުވެއްޖެ އެވެ.
އޮސްޓްރިއާ އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު އިންގްލޭންޑް މޮޅުވީ 1-0 އިންނެވެ. ފުރަތަމަ ހާފުގައި އޮސްޓްރިއާ ކޮޅަށް ގޯލެއް ޖަހަން އިންގްލޭންޑްގެ ޓްރެންޓް އަލެކްސަންޑަ-އާނޯލްޑާއި ހެރީ ކޭން އަދި ބުކާޔޯ ސަކާ ފޮނުވާލި ބޯޅަތައް ގޯލަކަށް ހަދައިނުލެވުނެވެ. ނަމަވެސް ދެ ވަނަ ހާފް ފަށައިގެން 12 މިނިޓް ތެރޭ އިންގްލޭންޑްގެ ހަމައެކަނި ގޯލު ޖެހީ ބުކާޔޯ ސަކާ އެވެ.
މިއީ އާސެނަލަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ސަކާ އިންގްލޭންޑަށް ޖަހައިދިން ފުރަތަމަ ގޯލެވެ. މިއީ އޭނާ ސީނިއާ ގައުމީ ޓީމަށް ކުޅެދިން ފަސް ވަނަ މެޗެވެ.
އޮސްޓްރިއާ އަށް އެއްވަރުކޮށްދޭން މާސެލް ސަބިޓްޒާ ޖެހި ޝޮޓް އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
އިންގްލޭންޑް މި މެޗުން މޮޅުވި ނަމަވެސް އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ވަނީ އަނިޔާވެގެން ބަދަލުކުރަން ޖެހިފަ އެވެ. އެއީ އާނޯލްޑްގެ އިތުރުން ޖެކް ގްރީލިޝް އެވެ.