އަންނަހަފްތާގެ ހުކުރުދުވަހު ފެށުމަށް ހަމަޖެހިފަވާ، ޔޫރަޕު ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ޔޫރޯއަށް ތައްޔާރުވުނުގެ ގޮތުން ފްރާންސުން ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ފްރާންސް މޮޅުވީ ވޭލްސްއާ ވާދަކޮށް 3-0 ލަނޑުންނެވެ. ދުނިޔޭގެ ޗެމްޕިއަން ފްރާންސަށް މެޗުގައި ލަނޑުތައް ކާމިޔާބުކޮށްދިނީ ކައިލަން އެމްބާޕޭ އާއި އެންޓޮނީ ގްރީޒްމަންގެ އިތުރުން އޮސްމާނޭ ޑެމްބެލޭއެވެ.
މެޗުގައި ވޭލްސްއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ 25 ވަނަ މިނިޓުގައި އިނގިރޭސި ކުލަބު ލިވަޕޫލަށް ކުޅެމުން އަންނަ ވިލިއަމްސްއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމެވެ. އެއީ ވީއޭއާރް އެހީގައި ބަލައި ޕެނެލްޓީ އޭރިޔާ ތެރެއިން ގަސްތުގައި ބޯޅާގައި އަތްލުމުގެ ސަބަބުން ނެވެ. މިއީ ވިލިއަމްސް ވޭލްސް ގައުމީޓީމަށް ކުޅުނު 10ވަނަ މެޗެވެ.
އެކަމަކު ފްރާންސް އިން ލީޑް ނެގުމުގެ ކުރިން ލިބުނު ޕެނަލްޓީ ބެންޒީމާއަށް ވަނީ ކާމިޔާބު ކުރެވޭގޮތް ނުވެފަ އެވެ. މިއީ ފަސްއަހަރު ފަހުން އޭނާ ފްރާންސްގެ ޖާޒީގައި ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ޖަރަމަނާ ދެކޮޅަށް ނުކުތުމުގެ ކުރިން ފްރާންސް އަންގާރަ ދުވަހުގެރޭ ބަލްގޭރިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ. އެންމެފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް ބަލިވީ ފައިނަލުގައި ޕޯޗުގަލް އަތުންނެވެ.
ކޮމެންޓު ފޮނުވާ