އަންނަ ހަފްތާގައި ފަށާ ޔޫރޯ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރޭ ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކުން ޖަރުމަނު އާއި ނެދަލޭންޑް އެއްވަރުވެއްޖެ އެވެ.
ޖަރުމަނުން ގޯލެއް ޖަހާފައިވަނިކޮށް ޑެންމާކުން ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު ޖަރުމަނުން ވަނީ ދެ ވަނަ ހާފްގެ ކުރީކޮޅުގައި ފްލޯރިއަން ނިއުހައުސް ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އެކަަމަކު މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޑެންމާކުގެ ޔޫސެފް ޕޯލްސަން ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ.
ނެދަލެންޑްސް އާއި ސްކޮޓްލެންޑް އެއްވަރުވީ 2-2 އިންނެވެ. ނެދަލެންޑްސް ދަނޑުގައި ކުޅުނު މެޗުގައި ލީޑުނެގީ ސްކޮޓްލެންޑުންނެވެ. މެޗުގެ 11 ވަނަ މިނިޓްގައި ސްކޮޓްލެންޑްގެ ގޯލު ޖެހީ ޖެކް ހެންޑްރީ އެވެ. އެކަމަކު އޭގެ ހަ މިނިޓް ފަހުން މެމްފިސް ޑިޕާއި ވަނީ ނެދަލެންޑްސް އަށް އެއްވަރުކޮށްދީފަ އެވެ. މެޗުގެ 64 ވަނަ މިނިޓްގައި ކެވިން ނިސްބެޓް ޖެހި ގޯލާ އެކު ސްކޮޓްލެންޑް ވަނީ އަލުން ލީޑުނަގައިފަ އެވެ.
އެކަމަކު މެޗުގެ ފަހު މިނިޓްގައި ޑިޕާއި ވަނީ އިތުރު ގޯލެއް ޖަހައި ދެ ވަނަ ފަހަރަށް ނެދަލެންޑްސް އަށް އެއްވަރުކޮށްދީފަ އެވެ. މެޗުގައި ތަފާތު ކުޅުމެއް ދެއްކި ޑިޕާއި މި ގޯލު ޖެހީ ހިލޭ ޖެހުމަކުންނެވެ.