ސްޕަޓްނިކް ވެކްސިން ހަދިޔާކުރާނެކަމަށް ބުނެ ހުށަހެޅީ ފޭކް ޑޮކިއުމެންޓް: މިނިސްޓަރ

ސްޕަޓްނިކް ވެކްސިން ހަދިޔާކުރާނެކަމަށް ބުނެ ހުށަހެޅީ ފޭކް ޑޮކިއުމެންޓް: މިނިސްޓަރ

Author
ޢަލީ އާދަމް
03 ޖޫން 2021 09:58
0

ރަޝިއާގެ ސްޕަޓްނިކް ވީ ވެކްސިންގެ 500،000 ޑޯޒް ހަދިޔާ ކުރުމަށް ބޭނުންވާ ކަމަށް ބުނެ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ސަރުކާރަށް ހުށައެޅީ ފޭކު ލިޔުންތަކެއް ކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ސްޕަޓްނިކް ވީ ވެކްސިންގެ 200،000 ޑޯޒް ގަތުމަށް ރާއްޖެއިން މިހާރު ވަނީ ސޮއިކޮށްފައެވެ. ނަމަވެސް ސަރުކާރުން ވެކްސިން ގަތުމަށް މަސައްކަތްކުރަނީ އެ ވެކްސިންގެ 500،000 ޑޯޒް ހަދިޔާކުރަން އަމިއްލަ ކުންފުންޏަކުން ހުށައަޅާފައިވަނިކޮށް ކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ޚަބަރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ އެފަދަ ހުށަހެޅުމެއް ލިބުމުން އެކަމުގެ ސައްހަކަން ބެލުމަށް ފޮރިން މިނިސްޓްރީއަށް ހުށައެޅި ކަމަށާ މިނިސްޓްރީން ބެލި ބެލުމުން އެ ކުންފުނިން ހުށައަޅާފައިވަނީ ފޭކު ޑޮކިއުމަންޓްތަކެއް ކަން އެނގިފައިވާ ކަމަށެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ އެހުށަހެޅުން ހުށަހަޅާފައިވަނީ ދިވެހި އަމިއްލަ ކުންފުންޏެއް ކަމަށްވާ ޑެލްޓާ ކުންފުނިން ކަމަށެވެ.

"އެ ލިޔުންތައް އަޅުގަނޑަށް ލިބުނީ ކޮންމެވެސް ވަރެއްގެ ޝައްކުތަކެއް ހިނގީ. އެއީ އާންމު ގޮތެއްގައި އަޅުގަނޑުމެންނަށް އެނގިފައި މި އޮންނަނީ އެ ޕްރޮޑިއުސްކުރާ ކުންފުނި ނޫންނަމަ އެ ފަރާތަކުންނޭ މި އެއްޗެހި ވިއްކާ ހަދަނީ. އެއަކަށް މެދުވެރިއެއް ބޭނުމެއް ނުވޭ،"

– މިނިސްޓަރ ނަސީމް

މިނިސްޓަރު ވިދާޅުވީ ވެކްސިން ހަދިޔާކުރުމަށް ހުށަހެޅި ފަރާތުގެ ޑޮކިއުމެންޓްތައް ފޮރިން މިނިސްޓްރީއަށް ފޮނުވައިގެން އެމިނިސްޓްރީ މެދުވެރިކޮށް ރަޝިއާއިން އެ ޑޮކިއުމެންޓްތައް ސައްހަތޯ ނޫންތޯ ބެލިއިރު އެއީ ސައްހަ ނޫން ޑޮކިއުމެންޓްތަކެއް ކަމަށެވެ.

"ރަޝިއާގެ ކަމާބެހޭ ފަރާތުން ވިދާޅުވަނީ އެއީ ފޭކް ޑޮކިއުމެންޓްތަކެކޭ. އެހެންވީމަ އެއްވެސް ސައްހަ ވާހަކަތަކެއް ހުރި އެއްޗެއް ނޫނޭ،"

– މިނިސްޓަރ ނަސީމް

ބައެއް ފަރާތްތަކުން އެފަދަ ހުށަހެޅުންތައް ހުށަހަޅާ ކަމަށާއި މި ދަނޑިވަޅުގައި މިފަދަ ކަންކަން ނުކުރެއްވުމަށް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ. ވެކްސިނަކީ ރައްޔިތުންގެ ގަޔަށް ޖަހާ އެއްޗެއް ކަމަށްވުމާއެކު އޭގެ ސައްހަކަން ވަރަށް ބޮޑަށް ޔަގީން ކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.