ކޮޕާ އެމެރިކާ ބްރެޒިލަށް ބަދަލުކޮށްފި

ކޮޕާ އެމެރިކާ ބްރެޒިލަށް ބަދަލުކޮށްފި

ކޮޕަ އެމެރިކާ މި އަހަރު ބާއްވަން ނިންމި އާޖެންޓީނާ އާއި ކޮލަމްބިއާގައި ބޭއްވޭގޮތް ނުވުމުން އެންމެ ފަހުން ވެސް މުބާރާތް ހޯސްޓްކުރި ބްރެޒިލްގައި އެ މުބާރާތް ކުރިއަށް ގެންދަން ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން ނިންމައިފި އެވެ.

މި ފަހަރު ފުރަތަމަ ހޯސްޓްކުރަން ބެލި ދެ ގައުމުގެ ތެރެއިން ކޮލަމްބިއާގައި އެކަން ކުރެވެން ނެތްކަަމަށް ނިންމައި އާޖެންޓީނާގައި އެކަނި މެޗުތައް ކުޅެން ނިންމީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ކޮލަމްބިއާގައި ކުޅެވެން ނެތީ އެ ގައުމުގައި ސިޔާސީ މަސްރަހު ގޯސްވެ ގިނަ ހަޅުތާލުތަކެއް ކުރިއަށްދާތީ އެވެ.

އާޖެންޓީނާގައި ކޯވިޑް-19ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މި މަހު 21 ވަނަ ދުވަހު ވަނީ އެ ގައުމު ލޮކްޑައުން ކޮށްފަ އެވެ. މި މަހުގެ ނިޔަލަށް ލޮކްޑައުން ކުރުމާ އެކު އާޖެންޓީނާގެ ހުރިހާ ފުޓްބޯޅަ ހަރަކާތެއް ވެސް އޮތީ ސަސްޕެންޑްކޮށްފަ އެވެ. ލޮކްޑައުންގެ ނަތީޖާ ފެންނަން ނަގާ މުއްދަތަށް ބަލާއިރު، ކޮޕަ އެމެރިކާ ކުޅެވޭނެ ހާލަތަށް އެ ގައުމުގައި ކަންކަން ރޭވިގެންދާނީ އަދި މަހެއް ފަހުން ކަމަށް އާޖެންޓީނާ ސަރުކާރުން ކަނޑައެޅުމާ އެކު ކޮޕަ އެމެރިކާ ހޯސްޓް ކުރުމުގެ ފުރުސަތު އެ ގައުމަށް ގެއްލުނީ އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ކޮޕަ އެމެރިކާ ބޭއްވީ ބްރެޒިލްގަ އެވެ. އެ ފަހަރު ޗެމްޕިއަންކަން ހޯދީ ވެސް އެ ޓީމުންނެވެ. ކޮޕަ އެމެރިކާ މި ފަހަރު ކުރިއަށްދާނީ އަންނަ މަހުގެ 13 އިން ޖުލައި 10 އަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *