ކުޅުދުއްފުށި ސިޓީގައި މޫނު ނިވާ ކޮށްގެން ތިބި ބަޔަކު، މީހަކު ހިފަހައްޓައި ކާރަކަށް އަރުވައިގެން ރަހީނުކޮށްގެން ގެންގޮސް އަނިޔާކޮށްފައިވާ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ރިޕޯޓް ކޮށްފައި ވަނީ ރޭ 8:48 ހާއިރު ކަމަށާއި އަނިޔާތައް ލިބުނު އުމުރުން 29 އަހަރުގެ ފިރިހެން މީހާގެ ހާލު ދެރަ ކަމަށެވެ.
އެމީހާއަށް މިހާރު ގެންދަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންގެންދާ ކަމަށާއި އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެގޮތުން ހަނިމާދޫމަގުން މިއަދު ހެނދުނު މާލެ ފުރުވާލެވޭނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ދާއޫދު ވިދާޅުވީ ޒަހަމްތަކަކާއެކު ރޭގެ ވަގުތެއްގައި އެ ހޮސްޕިޓަލަށް ގެންދިޔަ މީހާގެ ހާލު ސީރިއަސް ކަމަށާއި އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.
މި މައްސަލައާގުޅޭ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ