އިނގިރޭސި ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން) ގެ ޕްލޭއޮފް މެޗުން ރޭ ސްވަންސީ ސިޓީ 2-0 އިން ބަލިކޮށް، ބްރެންޓްފޯޑުން އެ ކްލަބްގެ ތާރީހުގައި އަލަށް އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވެއްޖެ އެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލުގައި ބްރެންޓްފޯޑުން ވަނީ ފުރަތަމަ 20 މިނިޓް ތެރޭގައި ދެ ގޯލު ޖަހައިފަ އެވެ. ބްރެންޓްފޯޑުން ލީޑުނެގީ މި ފަހަރު އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީ ދެ ވަނަ ޑިވިޝަނުގެ އެންމެ ގިނަ ގޯލު ވެސް ކާމިޔާބުކުރި އިވާން ޓޯނޭ ވައްދާލި ޕެނަލްޓީންނެވެ. އޭގެ 10 މިނިޓް ފަހުން އެމިލިއާނޯ މޮރްކޮންޑޭސް ވަނީ ބްރެންޓްފޯޑްގެ ލީޑުފުޅާކޮށްދީފަ އެވެ. ސްވެންސީން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ 65 ވަނަ މިނިޓްގައި އެ ޓީމުގެ ޖޭ ފުލްޓަން އަށް ރަތް ކާޑެއް ދެއްކުމުންނެވެ.
ބްރެންޓްފޯޑުން ޕްރިމިއާ ލީގަށް ޕްރޮމޯޓްމިވީ ޕްލޭއޮފްގައި ކުޅުނު 10 ވަނަ ފަހަރު ފައިނަލުން މޮޅުވެގެންނެވެ. މީގެ ކުރިން ފައިނަލުން ހަތަރު ފަހަރު ބަލިވިއިރު، ފަސް ފަހަރު ސެމީން ވަނީ ކަޓައިފަ އެވެ. މިދިޔަ އަހަރުގެ ޕްލޭއޮފް ފައިނަލުގައި ބްރެންޓްފޯޑް ބަލިވީ 2-1 އިން ފުލަމް އަތުންނެވެ. ރޭ ސްވަންސީ އަތުން ހޯދި މޮޅާ އެކު ބްރެންޓްފޯޑް މި ވަނީ 74 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިނގިރޭސި ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދާފަ އެވެ. އިނގިރޭސި ފުރަތަމަ ޑިވިޝަން ޕްރިމިއާ ލީގަށް 1992 ވަނަ އަހަރު ރީބްރޭންޑް ކުރި ފަހުން ބްރެންޓްފޯޑް ލީގުގައި އަދި ނުކުޅެ އެވެ.
އަންނަ އަހަރުގެ ޕްރިމިއާ ލީގުގައި ބްރެންޓްފޯޑްގެ އިތުރުން ދެ ވަނަ ޑިވިޝަނުން ޕްރޮމޯޓްވެގެން ގޮސް ވާދަކުރާނީ ދެ ވަަނަ ޑިވިޝަންގެ ޗެމްޕިއަން ނޯވިޗް ސިޓީ އާއި ރަނަރަޕަށް ދިޔަ ވަޓްފޯޑް އެވެ. މި ދެ ޓީމު ޕްރިމިއާ ލީގަށް މި އައީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.