ބްރެޒިލްގެ ރައީސްގެ ކޯވިޑް ސިޔާސަތުތަކާ ދެކޮޅަށް ބޮޑެތި މުޒާހިރާތަކެއް

ބްރެޒިލްގެ ރައީސްގެ ކޯވިޑް ސިޔާސަތުތަކާ ދެކޮޅަށް ބޮޑެތި މުޒާހިރާތަކެއް

Author
ހުސެއިން
30 މެއި 2021 09:19
0

ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ކޯވިޑް19 ސިޔާސަތުތަކާމެދު ހިންހަމަ ނުޖެހުން ފާޅުކުރުމަށް ބްރެޒިލްގެ 16 ސިޓީއެއްގައި ބޮޑެތި އެއްވުންތައް ބާއްވައިފިއެވެ. މި މުޒާހިރާތަކުގައި ބައިވެރިންވަނީ، ބޮލްސޮނާރޯގެ އިސްތިއުފާއަށް ގޮވާ، އަދި އޭނާ މަގާމުން ދުރުކުރުމަށްވެސް ގޮވާލާފައެވެ.

ކަނާތުފިޔައިގެ ސިޔާސަތުތަކަށް ތާޢީދުކުރާ ބޮލްސޮނާރޯގެ ވަނީ މީގެކުރިން، ކޯވިޑް19ގެ ނުރައްކާތެރިކަމާމެދު ޝައްކު އުފައްދަވާ، މާސްއެޅުމާއި ދެކޮޅަށް ވާހަކަ ދައްކަވާ އަދި ވެކްސިންގެ ބޭނުންތެރިކަމާ މެދުވެސް އެތަކެއް ސުވާލުތަކެއް އުފައްދަވާފައެވެ. އަދި ކޯވިޑް ކާރިސާގައި ބްރެޒިލްގައި 450،000 މީހުން މިހާތަނަށް މަރުވެފައިވާއިރު، ރައީސް ބޮލްސޮނާރޯގެ ތާއީދުވެސް ވަނީ ކޯވިޑް ކާރިސާގެތެރޭގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ބްރެޒިލްގެ ވާތުފިޔައަށް ތާއީދު ކުރާ ސިޔާސީ ޕާޓީތަކުންނާއި، ޔޫނިއަންތަކުންނާއި އަދި ކިޔަވާކުދިންގެ ޖަމިއްޔާތަކުން އިސްނަގައިގެން ހޮނިހިރު ދުވަހު އިންތިޒާމްކުރި މި މުޒާހިތާތަށް ބްރެޒިލްގެ ވެރިރަށް ރިއޯޑީ ޖެނީރޯގެ ބަރެސިލިއާގައި ކުރިޔަށް ގޮސްފައިވަނީ ސުލްހަވެރިކަމާއެކުއެވެ. އެހެންނަމަވެސް އުތުރުގެ ސިޓީއެއް ކަމުގައިވާ ރެސިފޭގައި މުޒާހިރާ ކުރި ފަރާތްތަކާ ދެކޮޅަށް ފުލުހުންވަނީ ކަރުނަ ގޭހާއި އަދި ރަބަރު ވަޒަންވެސް ބޭނުން ކޮށްފައެވެ.

މި މުޒާހިރާތަކުގައި ބައިވެރިވި ގިނަ ބަޔަކު ތިބީ މާސްކު އަޅަގައިގެން އަދި ގިނަވަގުތު ގައިދުރުކަމަށްވެސް ސަމާލުކަން ދީގެންނެވެ. އަދި ބައިވެރިން ގޮވަމުން ދިޔައީ ބްރެޒިލްގައި މިހާރަށްވުރެ އަަވަހަށް ވެކްސިން ދީ ނިންމުމަށެވެ.

ރިއޯޑީ ޖެނީރޯގެ ބައެއް ހިސާބުތަކުގައި ބޭއްވުނު އެއްވުންތަކުގައި، މުޒާހިރާގެ ބައެއް ބައިވެރިންތިބީ، ބްރެޒިލްގެ ވާތުފިޔައިގެ ކުރީގެ ރައީސް ލުއިސް އިނާސިއޯ ޑަ ސިލްވާގެ ފޮޓޯތައްވެސް ހިފައިގެންނެވެއެވެ.

މިއަހަރު މޭމަހު، ކުރީގެ ރައީސް ލޫލާ ވަނީ، ބްރެޒިލްގައި ދެދައުރުގައި ވެރިކަން ކުރައްވާފައިވާ ކުރީގެ ރައީސެއްކަމުގައިވާ ފެނާންޑޯ ހެންރިކް ކާޑޮސޯއާއިއެކީ، އާންމުންގެ ތެރޭގައި މެންދުރުގެ ފަރިއްކޮޅަކުން ފެނިލައްވާފައެވެ. ދެބޭފުޅުން އެކީ އާންމުންގެ ތެރެއިން ފެނިލެއްވީ، އަންނަ އަހަރު ބޭވުމަށް ހަމަޖެހިފައިވާ ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސަ ބޮލްސޮނާރޯއަށް ދެވަނަ ދައުރެއް ލިބުނަނުދިނުމަށް ދެބޭފުޅުންވެސް އެއް އަމާޒަކަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަ ކޮށްދިނުމުގެ ގޮތުންނެވެ.

އަދި ބްރެޒިކްގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ސައު ޕޯލޯގައިވެސް މި މުޒާހިރާތައް ކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.