އިސްރާއީލުންނަށް ޖެހޭނީ، އިސްރާއީލު ދޫކޮށް، އެމެރިކާ ނުވަތަ ޔޫރަޕްގައި ހުރި އެމީހުންގެ ގެދޮރަށް ރުޖޫޢަވާން ކަމަށް، އިރާނުގެ ގުދުސް ފޯސްގެ ވެރިޔާ އިސްމާއިލް ޢަނީ، ހޮނިހިރު ދުވަހު ވިދާޅު ވެއްޖެއެވެ.
"އަހަރެމެން މި ގޮވާލަނީ، ޒަޔަނިސްޓުން އެމީހުން މިހާރު ހިފާފައިވާ ބިންތަކަށް ހިޖުރަކުރުމުގެ ކުރިން ވިއްކާލި، ޔޫރަޕާއި އެމެރިކާގައިހުރި އެމީހުންގެ ގެދޮރުތަކުގެ އަގުތައް މާބޮޑަށް އުފުލިގެން ދިއުމުގެ ކުރިން އެގެތައް އަލުން ގަނެ، އެގެތަކަށް އަލުން އެބުރި ދިއުމަށް،" އިރާނުގެ ސަރުކާރުގެ ހިއްސާ އޮންނަ ނޫހެއް ކަމުގައިވާ ފާރސް ނޫހުން އިސްމާއިލް ޢަނީ ވިދާޅުވިކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.
ޤުދުސް ފޯސްއަކީ، އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑު ކޯޕްސް (IRGC)ގެ ގައުމުން ބޭރުގެ ހަގުރާމައިގެ މުއާމަލާތްތަކާ ބެހޭ ފޯސްއެވެ.
އިސްމާއިލް ޢަނީ ގުދުސް ފޯސްގެ ކޮމާންޑަރުކަމާ ހަވާލު ވެވަޑައިގަތީ، އޭނާގެ ކުރިން އެމަގާމުގައި ހުންނެވި ގައްސާމް ސުލައިމާނީ، 2020ވަނަ އަހަރުގެ ޖެނުއަރީމަހު، އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ދިން ޑްރޯން ހަލާއެއްގައި ޝަހީދު ކޮށްލުމާއި ގުޅިގެންނެވެ.
ޢަނީ ވިދާޅުވެފައިވާ ގޮތުގައި، މިމަހުގެ ކުރީކޮޅު، ހަމާސްއިން އިސްރާއީލަށް ދިން ހަމަލާތަކުގައި އިސްރާއީލަށް އުމްރާނީގޮތުން ބޮޑެތި ގެއްލުންތަކެއް ދީފައި ނުވަނީ، އެތަންތަނުގައި ފަލަސްތީނުގެ ރައްޔިތުން ވަރަށް އަވަހަށް ދިރިއުޅެން ފަށާނެތީ ކަމުގައެވެ.
އަދި އޭނާ ވިދާޅުވެފައިވަނީ، މި ހަގުރާމާގައި، ގާޒާއިން އިސްރާއީލަށް ހަމަލާދިނުމަށް އުދުއްސާލާފައިވާ އެތައްހާސް ރޮކެޓަކީ، ހަމާސްއިން ގާޒާގައި އުފައްދާފައިވާ ރޮކެޓްތަކެއް ކަމުގައެވެ.
"ފަލަސްތީނުގެ ރައްޔިތުން ވިސްނަންވީ މުޅި ފަލަސްތީނުގައި ބިމުގައި ދިރިއުޅެން، އަދި ޒަޔަނިސްޓު ސަރުކާރުން މިހާރު ވިސްނަންވީ ވީހާވެސް އަވަހަކަށް މިބިންތައް ދޫކޮށް ދިއުމަށް،" ޣަނީ ވިދާޅުވެފައި ވެއެވެ.
މިމަހުގެ ކުރީކޮޅު، 11 ދުވަސްވަންދެން ކުރިޔަށްދިޔަ ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމަށްފަހު، އިސްރާއީލާއި ހަމާސްއިން ސުލްހަ ވުމަށް އެއްބަސްވީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
އިސްރާއީލަކީ ދައުލަތެއް ކަމަށް ގަބޫލުކޮށްފައި ނުވާ، އީރާނަކީ، ހަމާސް ޖަމާއަތަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ގައުމެވެ.
ކޮމެންޓު ފޮނުވާ