ބެޓިން ކުންފުންޏެއްގައި ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗުގެ ކުންފުންޏެއްގެ ހިއްސާއެއް އޮތުމުން، އޭނާ ޖޫރިމަނާކުރަން ޔުއެފާއިން ނިންމައިފި އެވެ.
ޔުއެފާގެ ގަވާއިދު ބުނާ ގޮތުން މުބާރާތެއްގައި ކުޅޭ ކުޅުންތެރިއަކަށް ބެޓް ކުރާ އެއްވެސް ކުންފުންޏަކުން މާލީ މަންފާ ލިބޭގޮތަށް އެއްބަސްވުމެއް ނެހެދޭނެއެވެ. އެހެންކަމުން އެ މައްސަލަ ތަހުގީގުކުރަން ޔުއެފާއިން އެތިކްސް އެންޑް ޑިސިޕްލިނަރީ އިންސްޕެކްޓަރެއް މީގެ ކުރިން އައްޔަންކުރިއިރު، މީގެ ކުރިން ބެލެވިފައި އޮތީ މި މައްސަލާގައި ތިން އަހަރުގެ ސަސްޕެންޝަނެއް އިބްރަހިމޮވިޗަށް އައުން ގާތް ކަމަށެވެ.
ދާދި ފަހުން ސްވިޑެންގެ މީޑިއާއަކުން ވަނީ ބެޓިން ކުންފުންޏެއް ކަމަށްވާ "ބެޓްހާޑް" ގެ 10 އިންސައްތަ ހިއްސާ އިބްރަހިމޮވިޗުގެ ކުންފުންޏެއްގެ އަތުގައި އޮންނަ ކަމަށް ރިޕޯޓުކޮށްފަ އެވެ. އަދި އެކަމަށް ބާރުލިބޭ އެއް ހެއްކަކީ 2018 ވަނަ އަހަރު ބެޓްހާޑުން އެ ކުންފުނީގެ އެމްބެސަޑަރެއްގެ ގޮތުގައި އިބްރަހިމޮވިޗް ތައާރަފުކުރުން ކަމަށްވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.
މައްސަލަ ބެލުމަށްފަހު ޔުއެފާއިން ވަނީ 50،000 ޔޫރޯއިން އިބްރަހިމޮވިޗް ޖޫރިމަނާކުރަން ނިންމާފަ އެވެ. އަދި ހަމަ މި މައްސަލާގައި، އިބްރަހިމޮވިޗް ކުޅެމުން އަންނަ އޭސީ މިލާން ވަނީ 25،000 ޔޫރޯއިން ޖޫރިމަނާކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ