ގަލްޓިއޭ ގެންދަން ނަޕޯލީން މަސައްކަތް ކުރަނީ

ގަލްޓިއޭ ގެންދަން ނަޕޯލީން މަސައްކަތް ކުރަނީ

Author
އިބްރާހީމް ސާޢިދު
27 މެއި 2021 02:19
0

ފްރާންސްގެ ޗެމްޕިއަންކަން ލިލް އަށް ހޯދައިދިންތާ ދެ ދުވަސް ފަހުން އެ ޓީމުގެ ކޯޗުކަން ދޫކޮށްލަން ނިންމި ކްރިސްޓޯފް ގަލްޓިއޭ އިޓަލީގެ ނަޕޯލީ އަށް ބަދަލުވާން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސް ފުޓްބޯލް އިން ރިޕޯޓްކުރާ ގޮތުގައި ގަލްޓިއޭ ލިލް ދޫކޮށްލަން ނިންމި އެއް ސަބަބަކީ އޭނާ ޑިވެލޮޕްކުރި ޒުވާން ކުޅުންތެރިންތަކެއް ވިއްކާލަން ލިލްގެ ބޯޑުން ނިންމި ހިސާބުންނެވެ. އެ ގޮތުން ގަލްޓިއޭ ޑިވެލޮޕްކުރި ދެ ކުޅުންތެރިން ބޯބަކަރީ ސޫމާރޭ ލެސްޓާ އަށް ވިއްކާލަން ނިންމާފައިވާއިރު، ގޯލްކީޕަރު މައިކް މައިގްނަން ވަނީ އިޓަލީގެ އޭސީ މިލާނަށް ބަދަލުވާން ނިންމައިފަ އެވެ. އަދި އިތުރު ކުޅުންތެރިން ވެސް އަންނަނީ އެކި ކްލަބްތަކާ ވާހަކަ ދައްކަމުންނެވެ.

ދިހަ އަހަރު ތެރޭ ލިލް އަށް ފުރަތަމަ ފަހަރަށް ފްރާންސްގެ ޗެމްޕިއަންކަން ހޯދައިދިން ގަލްޓިއޭ ބުނީ އޭނާ އެ ޓީމު ދޫކޮށްލަން ނިންމީ ޗެމްޕިއަންކަން ހޯދުމަށް ފަހު ކާމިޔާބީއަކާ އެކު ޓީމާ ދުރަށް ދިއުން ރަނގަޅުވުމުން ނޫން ކަމަށެވެ. ކޮންމެ ވަނައެއްގައި ނިންމި ކަމުގައި ވިޔަސް ވިސްނައިގެން ހުރީ ލިލް ދޫކޮށްލުމަށް ކަމަށެވެ.

ގަލްޓިއޭ ހޯދަން ފްރާންސްގެ ނީސް އާއި ލިޔޯނުން މަސައްކަތްކުރި ނަމަވެސް އޭނާ މިހާރު ބޭނުމީ އެހެން ގައުމެއްގައި ކޯޗުކަން ކުރާށެވެ. އެ ގޮތަށް ބަލާއިރު އޭނާއަށް އެންމެ ފަހި ފުރުސަތެއް އޮތީ ނަޕޯލީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.