އަދީބުގެ ދައުވާތައް ބާޠިލްކުރި ފަނޑިޔާރު، މަޤާމުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

އަދީބުގެ ދައުވާތައް ބާޠިލްކުރި ފަނޑިޔާރު، މަޤާމުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

Author
މުޙައްމަދު ޖިމީ
24 މެއި 2021 12:34
0

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އުފުލި 7 ދަޢުވާއެއް ބާތިލް ކުރަން ނިންމެވި ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛް އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުން  ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައި ފޮނުވި މައްސަލ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ފަނޑިޔާރުކަމުން އިސްމާޢީލް ރަޝީދު ވަކިކުރުމަށް ޖޭއެސްސީން ފޮނުވި މައްސަލައިގެ ސިޓީ، މިއަދުގެ ޖަލްސާއަށް ވަނީ އިއްވާފައެވެ. އެ ސިޓީގައި ޖޭއެސްސީން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ 7 ޤަޟިއްޔާއެއް ހިންގައި ނިންމުމުގައި ޤާޟީ އިސްމާޢީލް ރަޝީދު ޢަމަލުކޮށްފައިވަނީ ޖިނާޢީ ޢިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާޢަތްތަކާއި ޚިލާފަށް، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ނޫންކަން ފާހަގަވެފައިވާކަމަށެވެ. އެ 7 ޤަޞިއްޔާއާ ގުޅިގެން އިޖުރާޢީ ގޮތުން ކަންތައްތަކެއް ފާހަގަވާކަމަށް ބުނެ ސުވާލުކުރުމަށް 12 ޖުލައި 2020 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށްފަހު އޭގެ ދެދުވަސް ފަހުން އެ ޤަޟިއްޔާތަކުގައި ޙުކުމްކޮށްފައިވާއިރު، އެ ދުވަހު ކުރި ޙުކުމަކީ 22 ފެބްރުއަރީ 2020 ވަނަ ދުވަހުން ފެށިގެން ތައްޔާރު ވެފައިވާ ޙުކުމެއްކަން، ތަޙުޤީޤަށް ހޯދުނު ޕެންޑްރައިވެއްގައި 22 ފެބްރުއަރީ 2020 ވަނަ ދުވަހު ސޭވްކޮށްފައިވާ "އިޖުރާއީގޮތުން ނިންމާ ނިންމުން" މި ސުރުޚީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުމުގައިވާ ނުކުތްތަކާއި ޙުކުމުގައިވާ ނުކުތްތަކަކީ އެއް ނުކުތާތަކަކަށްވުމުން އެނގޭކަމަށްވެސް ޖޭއެސްސީގެ ސިޓީގައި ވެއެވެ.

އަދި ފެބްރުއަރީ 22 ގައި "އިޖުރާއީ ގޮތުން ނިންމި ނިންމުން" މި ސުރުޚީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުން ސޭވްކޮށްފައިވާ ނަމަކީ "trip finale v2″ ކަމަށާއި އެ ނަމަކީ އާންމުގޮތެއްގައި މިބާވަތުގެ ފައިލެއް ފަނޑިޔާރަކު ސޭވްކުރާނެ ނަމެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ޤަބޫލު ނުކުރެވޭތީ އާއި، މި ނަމަކީ އެ ޤަޟިއްޔާތަކާ ގުޅުމެއް ނެތް އާދަޔާ ޚިލާފު ނަމެއްކަން ފާހަގަވާކަމަށް އެކޮމިޝަނުން ބުންޏެވެ.

އަދި ޤާޟީ އިސްމާޢީލް ރަޝީދު ބޭނުން ކުރުމަށް ކޮމްޕިއުޓަރ ސިސްޓަމެއް ކްރިމިނަލް ކޯޓުގައި ހުންނައިރު ކޯޓުގައި ހިންގާ ޤަޟިއްޔާތަކެއްގެ ލިޔެކިއުންތައް ޕެންޑްރައިވެއްގައި ގެންގުޅުމާއި އަދި ވަކިން ޚާއްސަކޮށް ވަކި ޤަޟިއްޔާތަކެއްގެ ލިޔެކިއުން އެކަނި އެ ޕެންޑްރައިވްގައި ހުރުމާއި، ޤަޟިއްޔާތަކެއްގެ ދައުވާ ހުށަހެޅުމާ ހަމައަށް ވެސް ނުދަނީސް އެ ޤަޟިއްޔާތައް ނިންމާނެގޮތުގެ ފައިލް އެ ޕެންޑްރައިވްގައި ތައްޔާރުވަމުންދިއުމުން ފަނޑިޔާރުގެ ޢަމަލުތަކާމެދު ސުވާލު އުފެދޭކަމަށް މިބަޔާނުގައި ޖޭއެސްސީން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އެ ހުރިހާ ކަމަކަށް ރިޢާޔަތްކުރާއިރު މިމައްސަލައިގައި ފާހަގަވެފައިވާ ހަތް ޤަޟިއްޔާގައި ޤާޟީ އިސްމާޢީލް ރަޝީދު ޙުކުމްކޮށްފައި ވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ނޫންކަން ފާހަގަވާކަމަށް އެކޮމިޝަނުން މިކަން ބެލިބެލުމުން ފާހަގަވެފައިވާކަމަށް ޖޭއެސްސީން ބުންޏެވެ.

އެހެންކަމުން ޤާޟީ އިސްމާޢީލް ރަޝީދުގެ މި ޢަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާއާއި، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ އިތުރުން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ޚިލާފު ޢަމަލުތަކެއްކަމަށްވާތީ، ޤާޟީ އިސްމާޢީލް ރަޝީދުކޮށްފައިވާ އެ ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާފަދަ ޢަމަލުތަކެއްކަމަށް ވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ޤާޟީ އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާ ދެކޮޅަށް ދައުލަތުން އުފުލި ހަތް ދައުވާ މިދިޔަ އަހަރުގެ ޖުލައި މަހު ކޯޓުން ބޭރުކޮށްލުމާއެކު އަދީބު މިނިވަންވިއެވެ. ނަމަވެސް ފަހުން ދައުލަތުން އެކަން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުންވަނީ މައްސަލަތައް އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްފައެވެ.

އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ފާޅުކަންބޮޑު ގޮތެއްގައި ކަނޑައެޅިގެން ޚިލާފަށް ޢަމަލުކުރިކަމަށް ތުހުމަތުކުރެވުމުން ޖޭއެސްސީންވަނީ ޤާޟީ އިސްމާޢީލް ރަޝީދު ސަސްޕެންޑްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.