ދުނިޔެ މިއަދު ދެކެމުން މިދަނީ މިޖީލު ދެކެފައި ނުވާފަދަ ބޮޑުވެގެންވާ ކާރިސާއެކެވެ. ފާއިތުވެދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައިވެސް ދުނިޔެ ކުރިމަތިލާން ޖެހިފައި ނުވާފަދަ ނުރައްކާތެރި ސިއްޙީ ކާރިސާއަކާއެވެ.
ސިއްޙީ އާލަމީ ވަބާތައް ދުނިޔެއާއި ކުރިމަތިވެދިއުމަކީ އާންމު ކަމެއް ނޫނެވެ. އެހެންނަމަވެސް، ގައުމުތަކަށް ފެތުރެިގެން ގޮސްފައިވާ ނުރައްކާތެރި ބަލިތަކާ ފާއިދުވެޔި ކައިރި މާޒީތަކުގައި ދުނިޔެ ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ. މިސާލެއްގެ ގޮތުން އެފްރިކާގެ ފަގީރު ބައެއް ގައުމުތަކުން ފެނިފައިވާ އެބޯލާ ވައިރަސް ފަދަ، ދޫނި ރޯގާފަދަ، ފުރާނައަށް ނުރައްވާފަދަ ގައިންގަޔަށް އަރާ ބަލިތައް ދުނިޔޭގެ ގައުމުތަކުން ފެނިފައި ހުއްޓަސް، ސިއްޙީ މާހިރުންނާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމާއެކު، މިބަލިތައް ގައުމުތަކުގެ ބޯޑަރުތައް ފަހަނައަޅާ، މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ ނުދީ ހިފެހެއްޓިފައި އެބަހުއްޓެވެ.
އެންމެފަހުން އާލަމީ ވަބާއެއްގެ ގޮތުގައި، ސިއްޙީ ކާރިސާއަކާ ދުނިޔެ ކުރިމަތިލާން ޖެހިފައިވަނީ 1918 ވަނައަހަރުއެވެ. އެއީ އެއަހަރު ދުނިޔެއަށް ފެތުރިގެންދިޔަ އިންފުލުއެންޒާ ޕެންޑަމިކްއެވެ. މި ބަލި ޖެހެނީ H1N1 ވައިރަހުގެ ސަބަބުންނެވެ. މިވައިރަސް އޭރު އެންމެ ފުރަތަމަ އުފަންވެގެން އައީ ދުނިޔޭގެ ކޮން ގައުމެއްގެ ކޮން ހިސާބަކުންކަމާމެދު އެންމެންނަށް އެއްގަލަކަށް އެރިފައިނުވި ނަމަވެސް، މިބަލި 1918 އަދި 1919 ވަނަ އަހަރު މުޅި ދުނިޔެއަށް ފެތުރިގެން ދިޔައެވެ.
އެމެރިކާގައި 1918 ވަނަ އަހަރު މިބަލި އެންމެ ފުރަތަމަ ފެނިގެން ދިޔައީ އެހަރުގެ ފިނި މޫސުމު (ސްޕްރިންގ)ގައި އެމެރިކާގެ އަސްކަރިއްޔާގައި މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގައިންނެވެ. އަންދާޒާ ކުރިވިފައިވާ ގޮތުގައި، 1918 ވަނައަހަރުގެ އިންފުލުއެންޒާ ޕެންޑަމިކްގައި މިބަލި 500 މިލިއަން މީހުންނަށް ޖެހުނެވެ. އެއީ އޭރުގެ މުޅި ދުނިޔޭގެ އާބާދީގެ ތިންބައި ކޮށްފަ އެއްބައެވެ.
އަދި މި އާލަމީ ވަބާގައި، 1918-1919ގައި މުޅި ދުނިޔެއިން 50 މިލިއަން މީހުން މަރުވެގެން ދިޔައެވެ. އެމެރިކާގައި އެކަނިވެސް 675,000 މީހުން މި ސިއްޙީ ކާރިސާގައި ދުނިޔެ ދޫކޮށްފައި ވެއެވެ.
އެހެންކަމުން، ދުނިޔެއަށް ކުރިމަތިވެގެންދާ އާމަލީ ވަބާތަކަކީ އޭގެ ގިލަންވެރިކަމުން ފަސޭހަކާމާއެކު މިންޖު ވެވޭ ވަބާތަކެއް ނޫނެވެ. އަދި އަދުގެ ދުނިޔޭގެ ބޭސްވެރިކަަަމާއި ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުމާއެކުވެސް، މުޅި ދުނިޔެ ތަހައްމަލް ކުރަމުންދާ ވޭނާއި، ހިތްދަތިކަން އަދި، އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކުން ސާފުވެފެގެންދާ އެއްކަމަކީ، ހަމައެކަނި ޖަހާ ވެކްސިނަކުން، އަދި ބަލި ކޮންޓްރޯލު ކުުރުމަށްޓަކާ އެޅޭ އެހެނިހެން (އައިސޮލޭޓް ކުރުމާއި ކަރަންޓީނު ކުރުންފަދަ) ފިޔަވަޅުތަކުން އެކަނިވެސް، ދުނިޔެއަށް ކުރިމަތިވަފައިވާ ސިއްޙީ މި ޢާލަމީ ވަމާއިން އަދި މިންޖު ވެވެން ނެތްކަމެވެ.
ރާއްޖޭގެ ހާލަތު
2019 ވަނައަހަރު ނިމެމުން ދަނިކޮށް، ޗައިނާގެ ވޫހާން ސިޓީން އެންމެ ފުރަތަމަ ފެނުނު ކޮރޯނާ ވައިރަަހުން ޖެހޭ ނުރައްކާތެރި ބަލި، ކޯވިޑް19 މިވަނީ ފާއިތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި ދުނިޔެއަށް ފެތުރިގެން ގޮސްފައެވެ. ޗައިނާގެ ބޯޑަރުތައް ފަސްދީ، ދުނިޔޭގެ ހުރިހާ ގައުމަކަށް ކަހަލަ ގޮތަކަށް މިބަލީގެ ވައިރަސް މިވަނީ ވާސިލް ވެގެންފައެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް19 ފެނިފައިވަނީ 2020ވަނަ އަހަރުގެ އެޕްރިލް މަހުއެވެ. އެއަށްފަހު، އިގްތިސާދީ ގޮތުން އެޅި ވަރުގަދަ ފިޔަވަޅުތަކާއެކުވެސް، މިބަލި ރާއްޖޭގައިވެސް އާންމު ވެގެންދިޔަ ނުދީ ހިފެއްޓިފައެއް ނުވެއެވެ. ބަލީގެ ހާލަތު ގޯސްވެ، މުޅި ދުނިޔޭގައި އާންމު ވެގެންދިޔަ އާ ވޭރިއަންޓްތަކާއެކު، ރާއްޖޭގެ ރަށްތަކަށްވެސް ބަލި ވަނީ ފެތުރިގެން ގޮސްފައެވެ.
ކޯވިޑް19އާއި ހަގުރާމަ ކުރަމުންދާތާ ދޮޅުއަހަރު ވެގެންދާއިރު، މިއަދު ރާއްޖޭގެ ހާލަތު މިވަނީ، މީގެކުރިން ހިތަށްވެސް އަރާފައި ނުވާފަދަ ހާލަތަކަށް ބަދަލުވެފައެވެ. އަދި ދިވެހިން މިއިން ޒަމާނަކު ދެކެފައި ނުވާފަދަ ހާލަތަކަށް މުޖުތަމަޢުގެ ބިރުވެރިކަން މިވަނީ އިތުރު ވެގެން ގޮސްފައެވެ.
ފާއިތުވެދިޔަ 2020 ވަނަ އަހަރަށް ބަލާއިރު، ކޯވިޑް19އަށް މީހުން ޕޮޒިޓިވް ވަމުން ގޮސްފައިވާ އެވްރެޖް ރޭޓަކީ، 100އާއި ގާތް ކުރާ އަދަދެކެވެ. އަދި އެއަސްފަހު 2021 ވަނަ އަހަރު ފެށިގެން އައުމަށްފަހު، މި ނިސްބަތް 200 އާއި ގާތް ކުރާ މިންވަރަކަށް މަތިިވެގެން ގޮސްފައި ވެއެވެ. އަދި 2021 ވަނަ އަހަރުގެ މެދުތެރެއާއި ހަމައަށް ދިޔައިރު، އެދުވަހެއް ދެކެން އެއްވެސް ދިވެއްސަކު ބޭނުންނުވި ދުވަސް މިއަދުމިވަނީ އަޅުގަޑުމެން އެންމެންނާވެސް ބައްދަލު ކޮށްފައެވެ.
މިއަދުގެ ރާއްޖޭގެ ހާލަތަކީ، އާބާދީގެ ނިސްބަތުން ކޯވިޑްގެ ނުރައްކާ މުޅި ދުނިޔޭގައިވެސް އެންމެ ނބޮޑު އެއްގައުމަކަށް ރާއްޖެ މިވަނީ ވެގެން ގޮސްފައެވެ. ކޮންމެ ދުވަހަކުވެސް، 2،000އާއި ގާތްކުރާ އަދަދަކަށް ކޯވިޑް19އަށް މީހުން ޕޮޒިޓިވް ވަމުން ދާއިރު، މިބަލީގައި ދުނިޔެ ދޫކުރަމުންދާ މީހުންގެ އަދަދު މިވަނީ ރާއްޖޭގައި އެތައް ގުނައަކަށް މަތިވެފައެވެ. ދުވާލަކަށް ހަތަރު ފަސް މީހަކު ދަނީ ކޯވިޑް ބަލީގައި ދުނިޔެ ދޫކުރަމުންނެވެ.
މިއީ ފަހުގެ ޒަމާނެއްގައި ދިވެހިރާއްޖެ ކުރިމަތި ލާންޖެހިފައިވާ ހާލަތެއް ނޫނެވެ. ރާއްޖެއަކީ ބޮޑެތި ހަގުރާމަތަކާއި ކުރިމަތި ލާންޖެހިފައިވާ ގައުމަކަށް ނުވެފައި، އަދި ގުދުރަތީ ބޮޑެތި ކާރިސާތައްވެސް ގިނަގިނައިން އަންނަ ގައުމަކަށް ނުވުމާއިއެކު، މިއަދު ދިވެހިން ކޯވިޑް ބަލީގައި ދުނިޔެ ދޫކުރަމުން ދާ ބީދައިން، އަޚުންނާއި އުޚުތުންނާއި އާއިލާއާއި ރައްޓެހިންނާއި ތިމާގެ މީހުން، ދުނިޔެ ދޫކޮށް އެކަކު އަނެކަކާ އަބަދަށްޓަކާ ވަކިވާންޖެހުނު ޒަމާނެއް ދިވެހިން މިބީދައިން ދެކެފައެއް ނުވެއެވެ.
މުޅި ގައުމަށް ކުރިމަތިވި މިފަދަ ނުރައްކާތެރި ހާލަތަކާއި އެންމެ ފަހުން ދިވެހިން ކުރިމަތި ލާންޖެހުނީ 2014 ވަނަ އަހަރުގެ ސުނާމީ ކާރިސާގައެވެ. ގުދުރަތީ މިކާރިސާގައި 26 ދިވެހިން ދުނިޔެ ދޫކޮށް، ރައްޖޭގެ އިގްތިސާދު ބޮޑު އަދަވަޅަކަށް ވެއްޓިގެން ދިޔައެވެ. އެހެންނަމަވެސް، ގުދުރަތީ މި ނުރައްކާތެރި ކާރިސާއިން އަރައިގަތުމަށް އޭރު ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި، އެއްބައެއް ވަންތަ ކަން މިއީ، ތާރީޚީ ފަތްފުށްތަކުން މިއަދުވެސް ފެންނާން ހުރި ކަންކަމެވެ. އަދި އެހަދާންތަކަކީ، މިއަދުވެސް ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ހަނދާންތަކެކެވެ.
ކޯވިޑުން އަރައިގަނެވޭނީ އެއްބައިވަން ވެވިގެން
2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް 17 އަހަރު ފާއިތުވެގެން ދިޔައިރު، ދިވެހިރާއްޖެއަށްވެސް، އަދި ދިވެހި މުޖުތަމައަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އިގްތިސާދީ ގޮތުންނާއި، އިޖުތިމާއީ ގޮތުންނާއި، އަދި ސިޔާސީ ގޮތުންވެސްމެއެވެ.
ފާއިތުވެދިޔަ 20 ވަނަ އަހަރު ދުވަހުގެ ތެރޭގައި އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ދިވެހިރާއްޖެ ކުރިއެރުންތަކެއް ހޯދައިފި ކަމަށް މިއަދު ގިނަބަޔަކު ގަބޫލުކުރެއެވެ. އިޖުތިމާއީގޮތުން މުޅި ދުނިޔެއަށް ލޯހުޅުވި، މީހުން ހޭލުންތެރިވެ، ލިބިފައިވާ މިނިވަންކަންވެސް އެތައް ގުނައަކަށް އިތުރުވެގެން ހިގައްޖެ ކަމަށްވެސް މިއަދު ގިނަ ބަޔަު ގަބޫލު ކުރެއެވެ.
އެހެންނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، އިގްތިސާދީ ގޮތުން ލިބޭ އާމްދަނީ އާއި ކުރެވޭ ޚަރަދު ބޮޑުތަނުން އިތުރުވެގެން ދިޔަނަމަވެސް، ގާނޫނު އަސާސީގައި ލިޔެވި ބަޔާން ކުރެވިފައި އޮތް، ކިތަންމެ ރަގަޅަށް އަތުރާލެވިފައިވާ ޑިމޮކްރަޓިކް ނިޒާމެއް ދިވެހިން ބަލައިގެންފައިވި ނަމަވެސް، އަދި އިޖުތިމާއީގޮތުން، ބޭނުންހާ އެއްޗެއް ބުނެލެވި، ބޭނުން އިރަކު މުޒާހިރާ ކުރެވި، މިނިވަންކަން މިއަދު ދިވެހި މުޖުތަމަޢަށް އައިސްފައި އޮތް ނަމަވެސް، ދިވެހިންގެ ހާލަތަށް އައިސްފައިވަނީ ސުލްހަވެރި ބަަލުތަކެއް ނޫންކަމެވެ. ވަކިވަކި ފަރުދުންގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަން އަމިއްލަ ހާލާއިގެން އުޅެވޭވަރަށް ކުރިއަރައިގެން އަދިވެސް ގޮސްފައި ނުވާކަމެވެ. ސިޔާސީގޮތުން އުފެދިފައިވަނީ އެއްބައިވަންތަ ކަމުގެ ބަދަލުގައި އޮފެދިފައި އޮތީ ދެކޮޅުވެރިކަމާއި ނުތަނަވަސް ކަންކަމެވެ.
ހަމަ އެފަދައިން، މިއިން ޒަމާނަކު ދިވެހިން ދެކެފައި ނުވާފަދަ ސިއްޙީ ބޮޑު ކާރިސާއަކާއި ދިވެހިން މިއަދު ކުރިމަތި ލާންޖެހިފައިވާއިރު މި ކާރިސާގެ ތެރެއިންވެސް، ފެންނަމުންދަނީ، ދެކިޅުވެރިކަމާއި، އެއްބަޔަކު އަނެއް ބަޔަކަށް އާޑަ ފުރައްސާރަ ކުރުން ކަމެވެ. ކުޑަމިނުން، 2004ގެ ސުނާމީ ކާރިސާއިން ފެނިގެން ދިޔަފަ، އަދި އެއާއި ގާތްކުރާ މިންވަރެއްގެ އެއްބައިވަންތަ ކަމެއްވެސް މިއަދަކު ފެންނަން ނެތްކަމެވެ.
އެހެންނަމަވެސް، ގަބޫލު ކުރަންޖެހެނީ، މިއަދު ހަގުރާމަ ކުރަންޖެހިފައި މިވަނީ، އެންމެވެސް އެއް ދުޝްމަނަކާކަމެވެ. ކޯވިޑް19އަކީ، ވަކި ގައުމަކަށް، މުއްސަންޖަކަށް، ދެރަ ނިކަމެއްޗަކަށް، ބާރުގަދަ ސިޔާސީ ޝަޚުސިއްޔަތެއް ތަފާތު ކުރުމެއްނެތި އެންމެންނާއިވެސް އެއްހަމަޔަކުން ކުރިމަތި ލަމުންދާ، ދުޝަމަނެއްކަމެވެ.
އެކަކު އަނެކެއްގެ "ބޮލަށް ކަނޑަލުމަކުން"، ހުރި އުދާސްތައް ބަންޑުން ކޮށްލުމަކުން އަދި އެނޫނަސް، ދެކޮޅު ވެރިކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާ ބަދަލުކުރުމަކުން މިހާލަތުގައި ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތެވެ. ކޯވިޑްއާއި ހަގުރާމަ ކުރުމުގައި އެއްވެސް މީހަކަށް ތަފާތެއް ނެތްކަން މިއަދު އަޅުގަޑުމެން ކޮންމެ މީހަކަށްވެސް މިވަނީ ގަބޫލުކުރަން މަޖުބޫރު ވެފައެވެ.
އަދި އަމުދުން، މިބައްޔާއި ގުޅޭގޮތުން އަޅަންޖެހިފައިވާ ފިޔަވަޅުތަކަކީ، ފަރުދީ ހައިސިއްޔަތުން އަލަންޖެހޭ މުހިންމު ފިޔަވަޅުތަކަކަށް ވާއިރު، މިހާލަތުގައި، ހުރި އުދާސްތައް ފަހަތައް ޖައްސާފައ،ި ފަރުދީ ހައިސިއްޔަތުން ފިޔަވަޅު އަޅުއްވާ، އަަދި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދީ، މި ދަނޑުވަޅުގައި ގައުމަށްޓަކާ އެއްބައިވަންތައް ކަން އިސްނުކޮށްފިނަމަ، އެންމެން އެކީ ކަނުބަދެވިތިބެ ފެތިގެން ދިއުން ނޫން ހާލަތަކާ ނޫނީ ގައުމު ކުރިމަތިލާން ނުޖެހޭނެކަން މިއީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
މިއީ، ހަގީގަތުގައިވެސް އެންމެން ގައުމަށްޓަކާ އެއްބައިވަންތަ ވާންވީ ވަގުތެވެ.