މަލާމާތާއި ފުރައްސާރައާއި ގަދަބަހާއި ބަދުބަސް ބުނެގެން އެއްވެސް ބާވަތެއްގެ ހައްދުފަހަނައެޅުމެއް ނުހުއްޓުވޭނެ ކަމުގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހަރުކަށި ފިކުރާއި، ހައްދު ފަހަނައަޅާފައިވާ މީހުންނާއި ދެކޮޅަށް މިހާރު ހިންގަމުންދާ އެކި ހަރަކާތްތަކުގެ ތެރެއިން ސިޔާސީ ބޭފުޅުންގެ ގަދަބަސްތަކާއި، އިންޒާރުތައް އެފަދަ މީހުންނަށް ދެމުންދާތީ މުހުތާޒު ވިދާޅުވީ އެފަދަ ހަރަކާތްތަކަކީ ގަދަބަސްވުނެ، އިންޒާރުދީގެން ހުއްޓުވޭނެ ކަންކަމެއް ނޫންކަމަށެވެ. ހައްދު ފަހަނަ އެޅުން ހުއްޓުވޭނީ އިލްމީ ގޮތުން ކުރެވޭ މަސައްކަތަކުން ކަމަށާއި، އެކަން ކުރުމުގައި ސިޔާސީ ބޭފުޅުންނާއި، ދީނީ އިލްމުވެރިންވެސް އެކައްޗެއް ކިޔައި އެއްބައިވަންތަކަމާއިއެކު މަސައްކަތް ކުރަންޖެހޭކަމަށް މުހުތާޒު ވިދާޅުވިއެވެ.
ހައްދުފަހަނައެޅުން ހުއްޓުވޭނީ އިލްމީ ގޮތުން. މަލާމާތާއި ފުރައްސާރައާއި ގަދަބަހާއި ބަދުބަސް ބުނެގެން އެއްވެސް ބާވަތެއްގެ ހައްދުފަހަނައެޅުމެއް ނުހުއްޓުވޭނެ. ގައުމުގެ ސަލާމަތާއި އިޖުތިމާއީ ހަމަޖެހުމަށްޓަކައި މިހަގީގަތް ސިޔާސީ ފަރާތްތަކާއި އިލްމުވެރިން ގަބޫލުކުރުން މުހިއްމު.
– މުހުތާޒު ވިދާޅުވިއެވެ.
ހަރުކަށި ފިކުރު ރާއްޖޭގައި މިހާބޮޑަށް ފެތުރިގެން ދިޔަ ސަބަބާއި ގުޅޭގޮތުން އެކި ފަރާތްތަކުން ދަނީ އެކި ގޮތަށް ވާހަަކަ ދައްކަވަމުންނެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ ހަރުކަށި ފިކުރަކީ އިސްލާމްދީނާއި، ދެކޮޅަށް ބަދުބަސްބުނެ، މާތް ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމީ ޝަރީއަތަށް ހަޖޫ ޖަހަމުން ދިއުމުގެ ސަބަބުން އުފެދިގެން ދިޔަ ޖަމާއަތެއް ކަމަށެވެ. އަދި މިކަން ހުއްޓުވޭނީ މި ދެބައިވެސް ހަމަޔަކަށް އެޅުވިގެންކަމަށް ގިނަ ބަޔަކު ދެކެއެވެ.
ދިވެހިންގެ ތެރޭގައި ހަރުކަށި ފިކުރުތަކަށް ތަބާވާ 1500 އަށްވުރެ ގިނަ މީހުން އުޅޭކަން ފާހަގަކުރެވިފައިވާކަމަށް ސަލާމަތީ ޚިދުމަތްތަކުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަލްޓަން ޕާކް ސަރަޙައްދުގައި ބޮމެއް ގޮއްވާލުމާއި، ހިމަންދޫގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައިވެސް އިސްކޮށް އުޅުނީ އެފަދަ ފިކުރުތަކަށް ތަބާވާ މީހުންކަމަށް ކަމަށާއި، ނޫސްވެރިޔާ ރިޟުވާންގެ ކޭހާއި ބްލޮގަރ ޔާމީން ރަޝީދުގެ ކޭސްގެ އިތުރުން 2017 ވަނަ އަހަރު ދެ އައި.އީ.ޑީއެއް ބޭނުންކޮށްގެން ގޮއްވާލަން އުޅުނު މައްސަލައިގައި ވެސް މިފަދަ ފިކުރުތަކަށް ތަބާވާ މީހުންގެ ބައިވެރިވުން ފާހަގަކުރެވިފައިވާކަމަށެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް 170 ދިވެއްސަކު ސީރިޔާއަށް ގޮސްފައިވާކަމަށް ސަލާމަތީ ބާރުތަކުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ