މިއަހަރުގެ އޭޕްރީލް މަހު ފެށި އޭލެވެލް އެޑެކްސެލް އިމްތިހާޏު ކެންސަލް ކުރުމާއި ގުޅިގެން، ދަރިވަރުންނަށް ދިނުމަށް ނިންމި، ޓީޗަރ ބޭސްޑް އެސެސްމަންޓް، 74 ދަރިވަރަކު ހަދަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިއަހަރުގެ އެޑެކްސަލް އޭލެވެލް އިމްތިހާންގެ ބައެއް ޕޭޕަރުތައް ލީކުވުމާ ގުޅިގެން އިމްތިޙާން ރާއްޖޭގައި ވަނީ ކެންސަލްކޮށްފައެވެ. މިއިމްތިޙާން ކެންސަލް ކުރިނަމަވެސް އޮކްޓޯބަރ-ނޮވެމްބަރުގެ އިމްތިހާނަށް މަޑުކުރަން ބޭނުންވާ ކުދިންނަށް އެ ފުރުޞަތު ދީ އަވަހަށް އިމްތިހާން ހަދަން ބޭނުންވާ ކުދިންނަށް ޓީޗަރ ބޭސްޑް އެސެސްމަންޓެއް ދިނުމަށް އެޑިއުކޭޝަނުން ނިންމިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ޓީޗަރ ބޭސްޑް އެސެސްމަންޓް 14 ސްކޫލަކުން 74 ދަރިވަރުން ހަދަމުން އަންނަކަމަށެވެ. އަދި ޖޫންމަހުގެ 8 ގެ ނިޔަަލަށް އެ އެސެސްމަންޓްތައް ކުރިއަށްދާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ބާކީ ތިބި 2747 ދަރިވަރުން އޮކްޓޫބަރ ނޮވެމްބަރުގައި އޮންނަ އޭލެވެލް އިމްތިހާނަށްވަނީ ބަދަލުކޮށްފައިކަމަށްވެސް މަޢޫލޫމާތު ދިނެވެ. އެޑިއުކޭޝަނުން ބުނީ މި އިމްތިހާން ކުރިއަށްދާ ގޮތް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނާއި އެޑެކްސަލްއިންވެސް ވަރޗުއަލްކޮށް ބަލަމުން އަންނަކަމަށެވެ.
ދަރިވަރުންނަށް ދޭ ޓީޗަރ ބޭސްޑް އިމްތިހާނުގައި ދޭ ސުވާލު ކަރުދާސްތަކަކީ އެޑެކްސަލްގެ މިންގަނޑުތަކަށް ފެތޭ ސުވާލު ކަރުދާސްތަކެއްކަމަށާއި ދަރިވަރުންނަށް ލިބޭނީވެސް އެޑެކްސަލް ގްރޭޑް ސެޓްފިކެޓްތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެ ސުވާލު ކަރުދާހުން ދަރިވަރުންނަށް ލިބޭ މާކްސްއާއި މިހާރު ދަރިވަރުން ހަދާފައިވާ މޮކް އެގްޒާމްގެ މާކްސް އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާގޮތަށް ހަމަޖައްސާފައިވެއެވެ. އަދި ދަރިވަރުންގެ މާކްސްތައް އަންނަމަހުގެ މެދުތެރޭގައި އެޑެކްސަލްއަށް ފޮނުވަން ޖެހެއެވެ.
މިއަހަރުގެ އޭލެވެލް އިމްތިހާނުގައި މާލޭގެ ސްކޫލްތަކުން 1890 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލްތަކުން 931 ދަރިވަރުން ހިމެނޭހެން 2821 ދަރިވަރުން ބައިވެރިވިއެވެ.
ކޮމެންޓު ފޮނުވާ