ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ އަދި ތަހުގީގުގެ އިތުބާރަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުކުރެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓްވީޓްގައި ވަނީ، އެފަދަ މައްސަލައެއްގެ ތަހުގީގަށް ހުރަސްއެޅިދާނެފަދަ އަދި ތަހުގީގުގެ އިތުބާރަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުކުރެއްވުން އެދިވަޑައިގެންފައެވެ.
އަދި އެފަދަ މައްސަލައެއްގައި ހިމެނޭނެ ހުރިހާ ކަމެއް ބަލަމުންދާކަމަށާއި، މިހަމަލާއާއިގުޅޭ ކުޑަ މައުލޫމާތެއްވިޔަސް، ވަރަށް ގިނަ މައުލޫމާތުވިޔަސް އެއްވެސް ފަރާތަކަށް އެނގިވަޑައިގެންފައިވާނަމަ ފުލުހުންނާއި ސީދާ ހިއްސާކޮށްދެއްވުމަށް އިލްތިމާސްކުރެއްވިއެވެ.
މައުލޫމާތު ހިއްސާކުރެއްވުމަށް ގުޅުއްވާނީ 9704000 އަށް. މައުލޫމާތާއި ފޮޓޯއާއި ވީޑިއޯ ތިރީގައިވާ ލިންކު ބޭނުން ކުރައްވައިގެން ހިއްސާ ކުރައްވާ
https://t.co/GQ7ZqCbmfo
ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު ދަންނަވަން.— Mohamed Hameed (@M_Hameedh) May 23, 2021
ހަމީދު ވިދާޅުވީ، ރައްޔިތުންގެ މަޖްލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރެވިގެން 6 މެއި ގައި ދެވުނު ޓެރަރިސްޓް ހަމަލާއާއިގުޅޭ ތަހުގީގު، ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށްކަމަށެވެ.
ރައްޔިތުންގެ މަޖްލިސްގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރެވިގެން 6 މެއި ގައި ދެވުނު ޓެރަރިސްޓް ހަމަލާއާއިގުޅޭ ތަހުގީގު، ފުލުހުންގެ ޚިދުމަތުން ކުރިއަށް މިގެންދަނީ ވަރަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށް.
— Mohamed Hameed (@M_Hameedh) May 23, 2021
ތަހުގީގަށް ހުރަސްއެޅޭފަދަ ވާހަކަތައް ނުފެތުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިލްތިމާސްކުރައްވާފައި މިވަނީ، ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ހޯދިފައވާ ކުރިއެރުންތަކާއި ގުޅޭގޮތުން ސުވާލު އުފައްދާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްވެސް ޓްވީޓްކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ. އަދި ތަހުގީގަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ