ފަލަސްޠީން އާއި ދެކޮޅަށް ހައްދުފަހަނަ އެޅި އިޒްރާއިލުން ދެމުންގެންދާ ހަމަލާތަކާއި ދެކޮޅަށް ދިވެހިން އެއްތަންކުރި "މޯލްޑިވްސް ސްޓޭންޑް ވިތު ފަލަސްތީން" ގުރޫޕް ފޭސްބުކުން ބޭންކޮށްފިއެވެ.
ފޭސްބުކުން އެ ފިޔަވަޅު އެޅިއިރު، އެ ގްރޫޕްގެ މެމްބަރުންގެ ގޮތުގައި 50،000 އާ ގާތްކުރާ އަދަދަކަށް މީހުން ތިއްބެވެ. އިޒުރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމާލަތަކާ ދެކޮޅަށް އަޑުއުލުމަށްޓަކައި ރާއްޖޭގައި ބާއްވާ ހުރިހާ ހަރަކާތްތަކެއްގެ އެންމެ ފަހުގެ މައުލޫމާތު މި ގްރޫޕުން ލިބެން ހުއްޓެވެ. އޭގެ ތެރޭގައި އިވެންޓުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ވެސް ހިމެނެއެވެ.
ފަލަސްތީނާ އެއްކޮޅަށް އަންނަ ހަފުތާގައި ވެސް ޚާއްސަ ހަރަކާތްތަކެއް ބާއްވަން މިގުރޫޕުން އައީ ރާވަމުންނެވެ. އިޒުރޭލާ ދެކޮޅަށް އަޑުއުފުލާ މީހުންނާއި ޕޭޖުތަކާއި އަދި ގްރޫޕްތައް ވެސް ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމުތަކުން މި ދުވަސްކޮޅު ދަނީ ހުއްޓުވަމުންނެވެ.
ފޭސްބުކް އަދި ސޯޝަލް މީޑިއާގެ އެހެން ޒަރީއާތަކުންވެސް އިޒްރޭލާއި ދެކޮޅު ގްރޫޕްތަކާއި، ޝުޢުރުތައް ފާޅުކުރާ މީހުން ބްލޮކްކޮށް، ސަސްޕެންޑް ކުރަމުން ދިޔަ ނަމަވެސް، އިޒްރާއިލްގެ ލާއިންސާނީ އަނިޔާއާއި ދެކޮޅަށް އަޑު އުފުލައި، ހިންގާ އެލި ހަރަކާތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އިތުރުވަމުންނެވެ. އިޒްރޭއިލުގެ ހަމަލާތަކުގައި ފަލަސްތީނުގެ އެތަކެއް ބަޔަކު ވަނީ ގަތުލުވެ، ޝަހީދުވެ ގޮސްފައެވެ. މިހަމަލާތައް ދުނިޔޭގެ އެކި ޤައުމުތަކުންނާއި، އިސްލާމީ ބޮޑެތި ޖަމްއިއްޔާ ޖަމާއަތްތަކުން ދަނީ ކުށްވެރި ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ