އިޒުރޭލުގައި އުފައްދާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރުމަށް ސަރުކާރަށް ގޮވާލައިފި

އިޒުރޭލުގައި އުފައްދާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރުމަށް ސަރުކާރަށް ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
23 މެއި 2021 10:51
0

އިޒުރޭލުގައި އުފައްދާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރުމަށް ދިވެހި ސަރުކާރަށް މާލޭ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ކުށްވެރިކޮށް މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުން ފަލަސްތީން ވުޖޫދުން ފޮހެލުމަށް އަމާޒުކޮށް ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން މާލޭ ސިޓީ ކައުންސިލުން ކުށްވެރިކުރާކަމަށެވެ. އަދި އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ މައުސޫމު އެތައް ކުޑަކުދިންނާއި ދުވަސްވީ މީހުންނާއި އަންހެނުންނަށާއި ފިރިހެނުންނަށް ނުހަނު ބޮޑެތި އަނިޔާތައްލިބި އެތައް ބައެއް ޝަހީދުވެގެން ދާކަމީ މާލޭ ސިޓީ ކައުންސިލް ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމެއްކަމަށާއި، އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާ އިންސާނީ ހަމަލާތަކާ ދެކޮޅަށް މާލޭ ސިޓީގެ އެންމެހައި ރައްޔިތުން ތިބިކަމަށާއި އަދި ހަމަ އެހެންމެ މާލޭ ސިޓީގެ އެންމެހައި ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއެކުގައިވާކަން ހާމަކުރާ ކަމަށެވެ.

އަދި މިއީ ފަލަސްތީނުގެ މައުސޫމު ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން ހިންގާ ޓެރަރިޒަމުގެ އަނިޔާވެރި އަމަލަކަށްވާތީ، މިކަމަކީ މާލޭ ސިޓީ ކައުންސިލް އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއްކަމުގައެވެ. މިއީ ފަލަސްތީނުގެ މުސްލިމުން ނައްތާލުމަށް އިޒުރޭލުން ރާވައިގެން ހިންގާ ޓެރަރިރަމުގެ ޢަމަލެއްކަށްވުމުން، މިކަމުގެ ސަބަބުން މާލޭ ސިޓީގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންގެ ހިތްތަކުގައި ނުހަނު ކަންބޮޑުވުން އުފެދިފައިވާކަމަށް މިބަޔާނުގައި ބުނެފައެވެ.

އެހެންކަމުން މިފަދަ ލާއިންސާނީ ޢަމަލުތައް ހިންގާ އިޒްރޭލުގެ އެއްވެސް ރައްޔިތަކު އުފައްދާ އަދި އިޒުރޭލުގައި އުފައްދާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރުމަށް ދިވެހި ސަރުކާރަށް މާލޭ ސިޓީ ކައުންސިލުން ގޮވާލަން.

– މާލެ ސިޓީ ކައުންސިލް ބަޔާނުގައި ވެއެވެ.

ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން ޝަހީދުވި އެންމެހައި ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށާއި މި އަނިޔާވެރި އަމަލުގެ ސަބަބުން އަނިޔާ ލިބުނު ފަލަސްތީނުގެ އެންމެހައި ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވައި ގެއްލުންލިބެމުންދާ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައި މާލެ ސިޓީ ކައުންސިލްގެ ބަޔާނުގައި ވަނީ ދުޢާ ދަންނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.