ކޯވިޑް-19 ގައި ރާއްޖެ މިއަދު ފެކެމުންދާ ބަނަ ދުވަސްތަކުގައި މިހާރު ޤައުމު އޮތް ހާލަތު ވެރިން ނިކުމެ ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ ހާލަތު ރާއްޖޭގައި އިންތިހާއަށް ގޯސްވެފައިވާއިރު، ފަރުވާދޭނެ ވަސީލަތްނެތި، އެކަށީގެންވާ ފަރުވާނުލިބި އެތައްބަޔަކު ދަނީ ދުނިޔެ ދޫކުރަމުންނެވެ. މިހާރު ކޮންމެ ދުވަހަކުވެސް މަރުވާ މީހުންގެ އަދަދު 4 އަކަށްވުރެ މަތީގައި އުޅޭއިރު، މިއީ ރާއްޖެފަދަ ކުޑަކުޑަ އާބާދީއެއް އޮތް ޤައުމަކާއި އަޅާބަލާއިރު ނިސްބަތުން މަތީ އަދަދެއްކަމަށް ޞިއްޚީ ހިދުމަތްތެރިން ދަނީ ވިދާޅުވަމުންނެވެ.
ކޯވިޑްގެ ހާލަތު ގޯސްވެފައިވާ މިދަނދިވަޅުގައިވެސް ސަރުކާރުގެ އެއްވެސް ހާސްކަމެއްނެތި ބަރަވެލި ސްޕީޑުގައި ކަންކަން ކުރަމުންދާތީ، މިކަންކަން ރަނގަޅު ކުރުމަށް ގޮވާލައި ސައީދު ވިދާޅުވީ ސަރުކާރުން މިކަމުގައި ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދީ ޤައުމު މިހާރު އޮތް ހާލަތު ކިޔައި ދޭންޖެހޭކަމަށެވެ. މިކަމުގައި ދައުލަތުގެ ވަޒީރުންނާއި، ކަމާއި ގުޅުންހުރި އިދާރާތަކުގެ އިސްބޭފުޅުން ރައްޔިތުންނާއި މުޚާތަބްކޮށް ކަންކަން ސާފުކޮށް ކިޔައިދޭން ޖެހޭކަމަށް ސައީދުވަނީ ވިދާޅުވެފައެވެ.
ކޯވިޑާއިއެކު ޞީއްޚީ ކަންކަންމިހާ ގޯސްވެ އެތައް ބަޔަކު މަރުވާއިރު، ރައްޔިތުން އިންތިޚާބުކުރާ ސަރުކާރުގެ ވަޒީރަކު ކުޑަމިނުން ޕްރެސް ގައި ވެރިވާންޖެހޭ. އަދި މިވަގުތު ޤައުމު އޮތް ހާލަތަކު ސާފުކޮށް ރައްޔިތުންނާއި ހިއްސާކުރަންޖެހޭ.
– ސައީދު ވިދާޅުވިއެވެ،
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ހުކުރުދުވަހުގެ އިރޮއޮއްސި ހަޔަކުން މިއަދު އިރޮއޮއްސި ހަޔަކަށް 1،960 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހއްދުން ޕޮޒިޓިވްވި 1،518 މީހުންނާއި، އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 431 މީހުންނެވެ. ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނައިރު މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް މިހާރުވަނީ 22،421 އަށް އަރާފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 294 މީހުންނަށެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 120 އަށް ވުރެ ގިނަ މީހުންވަނީ ނިޔާވެފައެވެ.
ކޮމެންޓު ފޮނުވާ