ފުރާނަތައް ގެއްލި ނިމިދަނީ އަޅަންޖެހޭ ފިޔަވަޅު ނާޅާތިއްބާ، ދައުލަތް އޮތީ ނިދާފަ: ދިޔާނާ

ފުރާނަތައް ގެއްލި ނިމިދަނީ އަޅަންޖެހޭ ފިޔަވަޅު ނާޅާތިއްބާ، ދައުލަތް އޮތީ ނިދާފަ: ދިޔާނާ

Author
މުޙައްމަދު ޝަޒައިމް
23 މެއި 2021 09:36
0

ފުރާނަތައް ގެއްލި ނިމިދަނީ އަޅަންޖެހޭ ފިޔަވަޅު ނާޅާތިބައި ކަމަށާއި، މިހުރިހާ ކަމެއްވެގެންދާއިރު ފެންނަނީ ރައްޔިތުންނަށް ޚިދުމަތް ކުރަން އޮތް ދައުލަތް ނިދާފައި އޮތް މަންޒަރު ކަމުގައި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ހާލަތު ރާއްޖޭގައި އިންތިހާއަށް ގޯސްވެ ބަލީގައި ނިޔާވާ މީހުން ރެކޯޑް މިންވަރަށް މައްޗަށް ގޮސްފާއިރު، ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ބަލީގައި ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު މަރުވެގެންދާއިރު ދައުލަރުގެ ވެރިންގެ އެއްވެސް ހަބަރެއް ނެތުމަކީ އެންމެ ގިނަބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެވެ.

މިމައްސަލާގައި ކަންބޮޑުވުން ފާޅުކޮށް، ކުރީގެ ބަންޑާރަނައިބް ދިޔާނާ ސައީދު ވިދާޅުވީ ފެނިގެންދަނީ އެތައް ބަޔަކު މަރުވެގެންދާއިރުވެސް ދޭންޖެހޭ ފަރުވާ ނުދެވި، މުޅި ދައުލަތް ނިދާފައި އޮތް މަންޒަރުކަމަށެވެ. މިއަދު މިވާހަކަތައް ކިތަންމެ ރީއްޗަށް ދައްކަން އުޅުނަސް ނުދެއްކޭނެކަމަށާއި، ސަރުކާރު މިކަމުގައި ބޮޑުތަނުން ފެއިލްވެފައިވާކަމަށް ދިޔާނާ ވިދާޅުވިއެވެ.

މިއީ ނިދާފަ އޮތް ދައުލަތެއް. ފުރާނަތައް ގެއްލި ނިމިދަނީ އަޅަންޖެހޭ ފިޔަވަޅު ނާޅާތިއްބާ. ދެން މިވާހަކަ ރީތިކޮށް ނުދެއްކޭނެ.

– ދިޔާނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއިން މިހާތަނަށް ކޯވިޑްގައި 120 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރެއިން މިހާތަނަށް މިމަހު އެކަނިވެސް 50 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިއީ ނިސްބަތުން ވަރަށް މަތީއަދަދެކެވެ. އަދި މިވަގުތުގައިވެސް އެތައްބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާއިރު، ބަލީގައި ފަރުވާ ހީދަމުންދާ މީހުންގެ އަދަދުވެސް ވަނީ އިންތިހާއަށް މައްޗަށް އަރައިފައެވެ.

ކޯވިޑްގެ މިހާރުގެ ރާއްޖޭގެ ހާލަތު އޮހް ހިސާބުން އަރައި ގަތުމަށް އެޗްޕީއޭއިން ޒިންމާތައް އެކަހެރިކޮށް ސިފައިންނާއި ޒިންމާތައް ހަވާލުކުރުމަށްވެސް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ޝުއޫރު ފާޅު ކުރަމުންްނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.