ލުއިޒް ސުއަރޭޒް ކާމިޔާބުކޮށްދިން ލަނޑުން މޮޅުވެ އެތުލެޓިކޯ މެޑްރިޑުން އެގާރަ ވަނަ ފަހަރަށް ސްޕެނިޝް ލީގު (ލަލީގާ) ކާމިޔާބުކޮށްފިއެވެ.
ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން އެތުލެޓިކޯއިން ކަށަވަރުކުރީ ލީގުގެ ފަހު މެޗުގައި މިރޭ ފަހަތުން އަރައި ރެއާލް ވަލޮޑޮލިޑް 1-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ. އެތުލެޓިކޯއިން އެންމެ ފަހުން ލީގު ކާމިޔާބުކުރީ 14-2013 ވަނަ އަހަރުގެ ސީޒަންގައެވެ.
ލީގަށް އެތުލެޓިކޯ އާ އެންމެ ގާތުން ވާދަކުރި ރެއާލް މެޑްރިޑް ވެސް ވަނީ އެ ޓީމުން މިރޭ ކުޅުނު ލީގުގެ އެންމެ ފަހު މެޗުގައި ވިޔަ ރެއާލް އަތުން މޮޅުވެފަ އެވެ. އެކަމަކު ރެއާލް އަށް ލީގު ޗެމްޕިއަން ކަން ދިފާއު ނުކުރެވުނީ މިރޭގެ މެޗުތަކަށް ނުކުތުމުގެ ކުރިންވެސް ރެއާލްއަށްވުރެ ދެ ޕޮއިންޓް ކުރީގައި އެތުލެޓިކޯ އޮތުމުންނެވެ.
މިރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރެލިގޭޓްވުމުގެ ބިރާ ކުރިމަތިވެފައިއޮތް ރެއާލް ވަލޮޑޮލިޑުންނެވެ. މި ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އޮސްކާ ޕްލާނޯއެވެ. މެޗުގެ ފުރަތަމަ ހާފުވެސް ނިމުނީ މި ނަތީޖާއިން ވަލޮޑޯލިޑް ކުރީގައި އޮވެގެންނެވެ.
ނަމަވެސް ދެވަނަ ހާފް ފަށައިގެން އެތުލެޓިކޯއިން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކްތައް ވަރުގަދަކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 57 ވަނަ މިނެޓުގައި އެންހެލް ކޮރޭއާ ވަނީ ލަނޑެއް ޖަހާ އެތުލެޓިކޯއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީ، އެޓީމަށް ހިތްހަމަޖެހުން ގެނެސްދީފައެވެ. މި ލަނޑު ޖެހިތާ 10 މިނެޓު ފަހުން ބާސެލޯނާއިން އެތުލެޓިކޯއަށް ކުޑަ އަގެއްގައި ބަދަލުވި ސުއަރޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 1-2 އަކަށް ބަދަލުކޮށްލާފައެވެ.
މި ސީޒަންގެ ސްޕެނިޝް ލީގު މިރޭ ނިމިގެން ދިޔައިރު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގަތައް ލަލީގާއިން ކަށަވަރުކުރި ޓީމުތަކަކީ ޗެމްޕިއަން އެތުލެޓިކޯއާއި، 84 ޕޮއިންޓާއެކު ދެވަނައިގައި އޮތް ރެއާލް މެޑްރިޑް އަދި 79 ޕޮޮއިންޓާއެކު ތިންވަނައިގައި އޮތް ބާސެލޯނާގެ އިތުރުން 74 ޕޮއިންޓާއެކު ހަތަރު ވަނައަށް ދިޔަ ސެވިއްލާއެވެ.