ކާކުހޭ ފަންޑު ކުރީ!

ކާކުހޭ ފަންޑު ކުރީ!

Author
ހުސެއިން
23 މެއި 2021 07:04
0

މިހިގާ މޭ މަހަކީ، ގިނަ ގޮތްތުން އާދަޔާ ޚިލާފު މަހެއް ކަމުގައި ދެންނެވިދާނެއެވެ.

ސަބަބަކީ، ކޯވިޑް19 ރާއްޖޭގައިވެސް ފެތުރެން ފެށިފަހުން، އާދަޔާ ޚިލާފަށް ގިނަ މީހުން ކޮންމެ ދުވަހަކުވެސް މި ބައްޔަށް ޕޮޒިޓިވް ވާން ފަށާފައިވަނީ މިމަހުގައެވެ. އަދި ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް މީހުން މަރުނުވާހާ ބާރު މިނުގައި މިހާރު މިބަލީގައި ކޮންމެ ދުވަހަކުވެސް މީހުން ދަނީ ދުނިޔެ ދޫކުރަމުންނެވެ.

ހަމަ އެއާއެކު، ފާހަގަ ކޮށްލެވެން އޮތް އަނެއް ކަމަކީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހު ދެވުނު ޓެރަރިސްޓް ހަމަލާއެވެ. މިހަމަލާ ނަޝިދަށް އަމާޒުކޮށް ދީފައިވަނީ، މިމަހުގެ 6 ވަނަ ދުވަހުގެ ރޭގެ އިރާކޮޅުގެ ވަގުތެއްގައި އެމަނިކްފާނު ކެނެރީގެއިން ނިކުންނަވާ ހިންގަވާފައި މަޖީދީ މަގަށް ނުކުތްތަނާ، ސީދާ އެމަނިކްފާނަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިގެންނެވެ.

މިހަމަލާގައި އެމަނުކްފާނަށް ލިބުނު ޒަޚަމްތަކަށް އޭޑިކޭގައި ފަރުވާ ދިނުމަށްފަހު، ފަހުން ޖަރުމަނުވިލާތައް ގެންދެވި އެގައުމުގައި ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ. އަދި ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު، ހާލަތު ބޮޑުތަނުން ރަގަޅު ވުމާއެކު، މިހާރުވަނީ ހޮސްޕިޓަލުން ދޫވެސް ކޮށްލެވިފައެވެ.

މި ހަމަލާއަކީ ފަހުގެ ތާރީޚެއްގައި ވަކި ފަރުދަކަށް އަމާޒުކޮށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާކަމުގައި ދެންނެވިދާނެއެވެ. ސަބަބަކީ، ފާއިތުވެދިޔަ ތަނުގައި ވަޅިންނާއި ތޫނު ހަތިޔާރުން ހަމަލާދީ މާލޭގައި މީހުންގެ ފުރާނަ ދުއްވާލާފައިވި ނަމަވެސް، ނަޝީދަށް އަމާޒުކޮށް ދެވުނު މިހަމަލާ ދީފައިވަނީ، ގޮވާތަކެތީގެ ބޭނުން ކޮށްގެން، ރިމޯޓު ކޮންންޓުރޯލުން އެތަކެތި ގޮއްވާލައިގެން ކަމުގައި ވާތީއެވެ.

ބޮން ގޮއްވާލި ސަރަހައްދު ފުލުހުން ބަންދު ކޮށްފައި

ހަމަލާގެ ތަހުގީގު

ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާ ދެވުމާއެކު، ހަމަލާދިން ސަރަހައްދު ބަންދުކޮށް ފުލުހުންވަނީ މި ހަމަލާގެ ތަހުގީގު ފައްޓަވާފައެވެ. އަދި މިހަމަލާގެ ތަހުގީގަށް އާންމު ރައްޔިތުންގެ އެހީތެރިކަމަށްވެސް ފުލުހުން އެދުނެވެ. މިގޮތުން ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން، ޚާއްސަ ވެބް ޕޯޓަލްއެއް ގާއިމުކޮށް، އާންމުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މަގުވެސް ފުލުހުން ފަހި ކޮށްދެއްވާފައި ވެއެވެ.

މިގޮތުން، ހޯމް މިނިސްޓަރ އިމްރާން އަބުދުﷲ ފަހުން ވިދާޅުވެފައިވަނީ، މިމައްސަލައިގެ ތަހުގީގަށް އާންމުންގެ އެހީތެރިން ވަރަށް ފުޅާދާއިރާއެއްގައި ލިބިގެން ދިޔަ ކަމަށެވެ.

ނަޝީދުއަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާ ދިން ފަރާތްތައް ހޯދާ ހައްޔަރު ކުރުމަށް ފުލުހުން ހިންގި އޮޕްރޭޝަންތަކުގައި، ހަމަލާ ދިންކަމަށް ތުހުމަތު ކުރެވޭ ފުރަތަމަ މީހާ އަތުލައިގެންފައިވަނީ، މިހަމަލާ ދިންތާ 2 ވަނަ ދުވަހު، މާލޭގެ ގެއަކުންނެވެ. އަދި ހަމަ އެދުވަހު އިތުރު އެހެން މީހަކު ފުލުހުން ހައްޔަރު ކޮށްފައިވާއިރު، ހަމަލާގެ އެންމެ އިސްކޮށް ހަރަކާތްތެރި ވެފައިވާ ކަމަށް ބެލެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވަނީ، ހަމަލާ ދިންތާ 4 ވަނަ ދުވަހުއެވެ. ގަބޫލުކުރެވޭ ގޮތުގައި މިމީހާ ހުރިތަނެއް ހޯދާ، އޭނާ އަތުލައިގަތުމުގައި ފުލުހުންނަށް އާންމު ރައްޔިތުންގެ އެހީތެރިކަން ފުޅާ ދާއިރާއެއްގައި ލިބިގެން ގޮސްފައިވެއެވެ.

ނަޝިދަށް އަމާޒުކޮށް ދެވުނު ހަމަލާގައި ތުހުމަތު ކުރެވޭ އެންމެ އިސްމީހާއޭގެ ފަހުން ފުލުހުންވަނީ މި ޓެރަރިސްޓް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ހަމަލާ ދިންރޭ މާލެތެރޭގައި އުޅެފައިވާ ގޮތް ދައްކުވައިދޭ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ. ފުލުހުން ފަހުން ހާމަ ކޮށްފައިވާ ގޮތުގައި، 6 މޭގެ ޓެރަރިސްޓު ހަމަލާގައި ޝާމިލްވާކަމަށް ތުހުމަތު ކުރެވޭ 4 ވަނަމީހަކުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އޭނާ ފުލުހުން ހައްޔަރު ކޮށްފައިވަނީ، މާލެއިން ބ. ދަރަވަންދޫއަށް ދަތުރުކޮށް، އެރަށުގައި ކަރަންޓީނުގައި ހުއްޓައެވެ.

މިގޮތުން މިހާތަނަށް، މިތަހުގީގާއި ގުޅޭގޮތުން ފުލުހުން ހާމަ ކޮށްފައިވާ މާއުލޫމާތުތަކުން، މި ތަހުގީގަށް ކުރިއެރުން ލިބިގެން ގޮސްފައިވާ މިންވަރު ސާފުކޮށް ހާމަވެގެން ނުދިޔަ ނަމަވެސް، މިހަމަލާއާއި ގުޅިގެން ބ. ދަރުވަންދޫއިން އެންމެފަހުން ފުލުހުން މީހަކު ހައްޔަރު ކުރުމާއި ގުޅިގެން، ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ގޮސްފައިވާކަމަށް ގިނަބަޔަކަށް ގަބޫލު ކުރެވިގެން ދިޔައެވެ.

އަދި ހަމަ އެއާއެކު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު މުހައްމަދު އަސްލަމް ދާދިފަހުން ވިދާޅުވެފައިވަނީ، ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިއަށް ގެންދަނީ ވަރަށް ބާރަށް ކަމަށާއި ފުލުހުންގެ މަސައްކަތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

މި މަހުގެ 6 ވަނަދުވަހު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާ ބެހޭ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ފުލުހުން އިއްޔެރޭ ވަނީ 241 ކޮމިޓީއަށް ދީފައެވެ. ގާނޫނުއަސާސީގެ 241 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ އެ ކޮމިޓީއަށް މައުލޫމާތު ދޭން މަޖިލީހުގައި އިއްޔެރޭ ބޭއްވި އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

އެހެންކަމުން، މަޖިލީހުގެ ކޮމިޓީންނާއި އަދި ފުލުހުންގެ ފަރާތުުން ލިބެންހުރި މައުލޫމާތުތަކަށް ބަލާއިރުވެސް، މި ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިޔަށް ދާގޮތުގެ ކަންބޮޑުވުންތަކެއް ހުރިކަމަށް ބެލެވޭނެ އެއްވެސް ފުރުސަތެއް އަދި ފެންނާކަށް ނެތެވެ. މާނައަކީ، މިފަދަ ހައްސާސް މައްސަލައެއްގެ ތަހުގީގު ކުރިޔަށް ދާއިރު، އަދި އާންމު ރައްޔިތުންގެ ކަންބޮޑުވުންވެސް އެހާމެ ބޮޑަށް ގުޅިލާމެހިފައިވާ މައްސަލައެއްގެ އެނެމް ފުނާހަމައަށް ދިއުމަށް މިހާރު ވަނީ މަގު ފަހިވެފައި ކަމުގައި ބެލެވުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ، ތަހުގީގު ރަގަޅަށް ކުރިޔަށް ދާނަމަ، މި ހަމަލާދިން މީހުންނާއި، ހަމަލާ ރޭވީ މީހުންނާއި އަދި، ހަމަލާ ދޭން ބަޔަކު ފަންޑުކޮށްފައިވާނަމަ އެބަޔަކާއި ހަމައަށްވެސް ތަހުގީގުގެ އަތްތައް ފޯރާނެކަމަށް ގަބޫލު ކުރަން ޖެހޭތީއެވެ.

ހަމަލާގެ މައުލޫމާތު ދިނުމަށްޓަކާ ފުލުހުން 241 ކިމިޓީއާ ބައްދަލު ކުރައްވަނީ

އަދި ވަކީން ޚާއްސަކޮށް، މި ތަހުގީގު ކުރިޔަށްދަނީ، ކަމާގުޅޭ ހުރިހާ މުވައްސަސާއެއްވެސް (އެމްއެންޑީއެފްވެސް ހިމެނޭގޮތުން) ގުޅިގެން ކަމަށްވުމާއެކު، ތަހުގީގު ކުރިޔަށް ދަނީ ރަގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ގަބޫލުކުރެވުމަކީ، ހަގީގަތުގައިވެސް މި ހަމަލާގެ އެންމެ ފުނާހަމައަށް ވާސިލް ވެވޭނެ މަގުތަށް ފަހިވެފައިވުން ކަމުގައި ގަބޫލުކުރަން ޖެހެއެވެ.

 

ނަޝީދުގެ ޚިލާލު ތަފާތު

6 މޭގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގު ކުރިޔަށްދާ ގޮތުގެ ފުރިހަމަ މައުލޫމާތު އާންމު ރައްޔިތުންނާ ހަމައަށް އަދި ފޯރާފައި ނުވިނަމަވެސް، އަދި ފުލުހުންނާއި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ބޭފުޅުން ހަމަލާގެ ތަހުގީގު ކުރިޔަށް ދަނީ ވަރަށް ރަގަޅަށް، ފުރިހަމައަށް އަދި ބާރަށް ކަމަށް ވިދާޅުވި ނަމަވެސް، މި ތަހުގީގާ ގުޅޭގޮތުން ނަޝީދުގެ ޚިޔާލު ތަފާތުކަން އެމަނިކްފާނު އިއްޔެ ކުރެއްވި ޓުވީޓުން ވަނީ ހާމަވެގެން ގޮސްފައެވެ.

އެމަނިކްފާނު ހިންގަވާ ނުރަސްމީ ޓުވިޓަރ ހޭންޑްލް، އެލެސް އެކައުންޓުން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނު އަވަހާރަކޮށްލުމަށް ބޮންގޮއްވާލަން ފައިސާ ޚަރަދުކުރި މީހުން ހޯދުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ)އިން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް، ޚަބަރު ލިބިފައިވާ ކަމަށެވެ.

ގަބޫލުކުރެވޭ ގޮތުގައި، މިހަމަލާގެ ތަހުގީގު ކުރިޔަށް ދާގޮތުގެ މައުލޫމާތު ނަޝީދަށްވެސް ފޯރުކޮށްދެވެމުން ދާނެއެވެ. އަދި މި ހަމަލާގެ ތަހުގީގަކީ ދައުލަތުގެ މުވައްސަސާތަކުން ގުޅިގެން، ހުރިހާ މުވައްސަސާއަކުންވެސް ވަރަށްބޮޑު ސަމާލުކަމެއް ދީގެން ކުރިޔަސް ގެންދާ ތަހުގީގަކަށް ވާތީވެ، މުވައްސަސާތަކުގައި ހުރި މައުލޫމާތެއްނަމަ، އެމައުލޫމާތެއް އެމަނިކުފާނަށްވެސް ވާނީ އެރުވިފައެވެ.

އަދި އަމުދުން އެމަނިކްފާނަށް ސެކިއުރިޓީ ފޯރުކޮށްދޭ ފަރާތަކީ އެމްޑީއެފް ކަމަށްވުމާއެކު، ސެކިއުރީޓީގެ މުހިންމުކަމަށްޓަކާވެސް، މި ތަހުގީގާ ގުޅުންހުރި މައުލޫމާތުތައް ނަޝީދާ ހަމައަށް ފޯރުކޮށް ނުދެވި ހުރިމަކީ މުސްތަހީލު ކަމެކެވެ. އެހެންކަމުން މިހުރިހާ ސަބަބުތަކާއެކީ، މި ތަހުގީގަށް ފަންޑުކުރިމީހުން ހޯދުމަށް އެމްއެންޑީއެފްގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރއިން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާކަމުގެ ތުހުމަތު އެމަނިކްފާނު ކުރައްވަމުން ގެންދަވާނަމަ، ތަހުގީގު ކުރިޔަށްދަނީ ނުހަނު ފުރިހަމަޔަށް ކަމަށް، ޕޮލިހުންނާއި އަދި 241 ކޮމިޓީން ބުނަމުން އައިނަމަވެސް، ފެންމަތި ނުވާ، އެހެންނަމަވެސް ހައްސާސީ، މިމައްސަލައާއި ގުޅުންހުރި މައްސަލަތަކެއް ހުރިކަމުގައި ގަބޫލުކުރަން އެތައްބަޔަކަށް މަޖުބޫރު ވެގެން ދާނެއެވެ.

އަދި މިއީ، މި ހަމަލާއަށް ބަޔަކު ފަންޑު ކުރިނަމަ، އެބައެއްގެ މައުލޫމާތު ތަހުގީގުގެ ތެރެއިން މިހާތަނަށް ހޯދިފައި ނުވާތީ އުފެދުނު ކަންބޮޑުވުންތަކެއް ކަމެއް، ނުވަތަ ހަގީގަތުގައިވެސް މިބައެއްގެ މައުލޫމާތު ހޯދި އެހެންނަމަވެސް، ސާބިތު ކުރެވޭވަރުގެ ހެއްކެއް ފެންނަން ނެތިގެން އުފެދުނު ކަންބޮޑުވުމެއްކަމެއްވެސް އަދި ސާފުވެފައެއް ނުވެއެވެ.

އެހެންނަމަވެސް، ރާއްޖޭގެ ފަސްގަޑުގައި މީހެއްގެ ފުރާނަ ދުއްވާލަން ދެވުނު ހަމަލާއެއްގެ ތަހުގީގު އާދައިގެ ތަހުގީގަކަށް ވެގެން ނުދާނެއެވެ. އަދި ވަކީން ޚާއްސަކޮށް، އިގިރޭސިވިލާތުގެ ޚާއްސަ ތަޖުރިބާކާރަކު މިތަހުގީގާއި ގުޅިވަޑައިގެން އަމަލީގޮތުން މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، މިތަހުގީގުގައި ހަމަލާގެ އެންމެ ފުނަށް ފީނާ، ހޯދާ ބެލުމުގެ ގާބިލްކަން ތަހުގީގު ޓީމުގައި ނުހުރެ ހިގައިދާނެކަމަށް ބެލެވޭނެ ޖާގައެއްވެސް ނެތެވެ.

މިހުރިހާ ސަބަބުތަކާއެކީވެސް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރއިން މިހަމަލާއަށް ފަންޑުކުރި ބަޔަކު ހޯދުމަށް އެކަށީގެންވާ މަސައްކަތް ކުރަމުން ނުދާކަމުގެ ތުހުމަތު ނަޝީދު ކުރައްވާނަމަ، މި މައްސަލާގައި އާންމު ރައްޔިތުންނާހަމައަށް ތިލަ ނުވާ، ފަހުން އަދި ސާފުވާނޭ މުހިންމު ކަންތައްތަކެއް ޔަގީނުންވެސް އެބަހުއްޓެވެ. މިއީ ޝައުގުވެރިކަމާއެކީ، އެގެން މިއަދުވެސް އެތައް ބަޔަކު ބޭނުންވާނޭ ކަންކަމެވެ.

ނަޝިދު ވިދާޅުވަނީ ހަމަލާއަށް ފަންޑު ކުރި ފަރާތްތައް ހޯދުމަށް އެންސީޓީސީއިން އެކަށީގެންވާ މަސައްކަތް ނުކުރާކަމުގައި މައުލޫމާތު ވަނީ ލިބިވަޑައިގެންފަ

 

އެކްޓިވިސްޓުންގެ ޑިމާންޑް

6 މޭގެ ޓެރަރިސްޓު ހަމަލާއަށްފަހު، 2 ހަފްތާ ފާއިތުވެގެންދިޔަ ތަނާ ކަހަލަ ގޮތަކަށް، ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގެ މައުލޫމާތު، އެހަމަލާ ދިނުމުގެ ކުރިން އާންމު ފަރާތަކުން ދިނުމާއި ގުޅިގެން، މަޖިލިސް މެމްބަރު އިލްޔާސް ލަބީބު ޑިފެންސް މިނިސްޓަރ މާރިޔާއާއި ހިއްސާކުރެއްވި ކަމަށް ވިދާޅުވެފައި ވެއެވެ.

އަދި ފަހުން އިލްޔާސް ލަބީބު ވިދާޅުވެފައިވަނީ، އެމައުލޫމާތު ޑިފެންސް މިނިސްޓަރާ ހިއްސާކުރުމުން، އެމައުލުމާތު ފުލުހުންނަށާއި، ސީޕީއަށް ދެއްވުމަށް  ޑިފެންސް މިނިސްޓަރު ވިދާޅުވެފައި ނުވާކަމަށެވެ. މިހާހިސާބުން، ޑިފެންސް މިނިސްޓަރ މާރިޔާގެ އިސްތިއުފާއަށް ގޮވަމުންދާ އެމްޑީޕީގެ އެކްޓިވިސްޓުންގެ އަޑު ގަދަވެގެން ދިޔަ މަންޒަރު ފެނިގެން ދިޔައެވެ. އަދި، ނަޝީދަށް ސެކިއުރިޓީ ފޯރުކޮށް ދިނުމުގައި އެމްއެންޑީއެފް ފެއިލް ވެގެން ގޮސްފައިވާކަމަށް އެމްޑީޕީގެ އެކްޓިވިސްޓުން ބުނަން ފެށިއެވެ.

ކޮންމެއަކަސް، މިފަދަ ހައްސާސީ މައްސަލައެއްގެ ތަހުގީގާއި ގުޅުންހުރި ހުރިހާ ތަފްސީލެއް އަދި މިހާލަތުގައި އާންމު ރައްޔިތުންނާ ހަމައަށް ނުފޯރުމަކީ، އެންމެ އަކަށީގެންވާ ކަމެއް ކަމުގައި ގަބޫލުރަން ޖެހެއެވެ. އަދި، ކެތްތެރިކަމާއެކު، ޓެރަރިސްޓް ހަމަލާގެ އެންމެ ފުނާހަމައަށް ފީނުމަށް، ތަހުގީގު ޓީމުތަކަށް ފުރުސަތުވެސް ލިބިދެވެންވެސް ޖެހެއެވެ. އެއީ ހަމަލާ ރޭވި މީހުންނާއި، ހަމަލާއަށް ބަޔަކު ފަންޑު ކޮށްފައިވާނަމަ، އެބަޔަކާއި ހަމައަށް ތަހުގީގުތަކުން ވާސިލް ވުމަށްޓަކައެވެ.

އެހެންނަމަވެސް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރއިން މިހަމަލާއަށް ފަންޑުކުރި ބަޔަކު ހޯދުމަށް އެކަށީގެންވާ މަސައްކަތް ކުރަމުން ނުދާކަމުގެ ތުހުމަތު ނަޝީދު ކުރެއްވި ހިސާބުންނާއި، އަދި ފަންޑު ކުރި މީހުންނަކީ ކޮބައިތޯ، ސޯޝަލް މީޑިއާގައި ނަޝީދަށް ތާއީދު ކުރާ، އެކްޓިވިސްޓުން ކުރަމުންދާ ސުވާލުތަކުން، ވަރަށް ގިނަ ބައެއްގެ ބޮލުގައި ރިއްސާނެކަން ޔަގީނެވެ.

އެމްޑިޕީގެ ބައެއް އެކްޓިވިސްޓުންވަނީ ޑިފެންސް މިނިސްޓަރ މާރިޔާގެ އިސްތިއުފާއަށްވެސް ގޮވަން ފަށާފަ

އަދި، ފުލުހުންނާއި، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއާއި، ނަޝީދުގެ ޚިޔާލު ބޮޑުތަނުން ތަފާތުވެގެން ދިއުމަކީ، ފަހަކަށް އައިސް ރާއްޖޭގައި ދެވުނު އެންމެ ނުރައްކާތެރި އެއް ޓެރަރިސްޓު ހަމަލާގެ މިހާރުވެސް ކުރިޔަށްދާ ތަހުގީގާއި ގުޅޭގޮތުން އެތައް ބާވަތެއްގެ ސުވާލުތަކެއް އެތައް ބައެއްގެ ހިތްތަކުގައި އުފެދެން މެދިވެރިވާނެ ސަބަބަކަށް ނުވެ ނުދާނެކަންވެސް ޔަގީނެވެ.

ކޮންމެއަކަސް، 6 މޭގެ ޓެރަރިސްޓު ހަމަލާގެ ތަހުގީގި ނިމިގެން ދާއިރު، "ފަންޑު ކުރީ ކާކުހޭ!، މި ކުރެވޭ ސުވާލުގެ ޖަވާބު ފުރިހަމަޔަށް ލިބިގެން ދިއުމަކީ އެންމެންގެ ވެސް މަސްލަހަތާ ގުޅުންހުރި ކަމެކެވެ. އެސުވާލުގެ ޖަވާބު ފުރިހަމަޔަށް ލިބިގެން ނުގޮސްފި ނަމަ، ދެން ކަންތައް ވެގެންދާނެ ގޮތެއްވެސް އެއީ އަދި ޖަވާބު ލިބެން ނެތް ސުވާލެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގޯދީމީޑިއާ
މި ނޫސް ލިޔާ މީހުން މި އޮޅުވާލަނީ ތާރީޚާއި ޙަޤީޤަތް. މި ލިއުމުގަ ބުނެދެނީ މިރާއްޖޭގައި ގޮއްވީ ނަޝީދު ބޮން އެކަންޏޭ. ލޯންޗް ފިނިފެންމާ ގައި އެއްޗެއް ގޮއްވި ކަމަކަށް ނުވޭ