ރާއްޖެއިން ކޯވިޑް-19ގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. ރޭ ފަތިހު 4:06 ގައި ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ރާއްޖޭގައި މިބަލީގައި ނިޔާވި 117 ވަނަ މީހާއެވެ. މީގެ ތެރޭގައި ހިމެނެނީ 102 ދިވެހިންނާއި 15 ބިދޭސީންނެވެ.
ރޭ 10:44 ހާއިރުވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 93 އަހަރުގެ ދިވެހި އަންހެނަކުވަނީ ނިޔާވެފައެވެ. ކޯވިޑް ބަލީގައި މިމީހާއެކު އިއްޔެ އެކަނިވެސް 5 މީހުންވަނީ ނިޔާވެފައެވެ.
ކޯވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މިމަހުއެވެ. އެގޮތުން ރޭ ފަތިހު ނިޔާވި މީހާއާއެކު މިހާތަނަށް މިބަލީގައި 44 މީހުންވަނީ މިމަހުގެ މިހާތަނަށް ނިޔާވެފައެވެ. ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނައިރު މިބަލިން ރައްކާތެރިވުމަށް ބޭނުންކުރަމުން އަންނަ ދިފާޢު ވެކްސިން ފުރިހަމަނުކޮށް ތިބި މީހުން ގިނަކަން ޑޮކްޓަރުން ފާހަގަކުރައްވައެވެ.
ރާއްޖޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެ ބަލިޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި ނިޔާވާ މީހުންގެ އަދަދުވެެސް އިތުރުވެފައިވާއިރު، އިއްޔެވެސް ރެކޯޑް ޢަދަދަށް މީހުން ކޯވިޑަށް ޕޮޒިޓިވްވިއެވެ. އެގޮތުން 2100އަށް ވުރެ ގިނަ މީހުން އިއްޔެ ޕޮޒިޓިވްވިއެވެ.
ކޮމެންޓު ފޮނުވާ