ހަރުކަށި ފިކުރުގެ އިތުރު މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ހަރުކަށި ފިކުރުގެ އިތުރު މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
20 މެއި 2021 04:04
0

ހަރުކަށި ފިކުރުގެ އިތުރު މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަން ތަކުގެ ތެރެއިން މިއަދު ހުޅުމާލެގައި ހިންގި އޮޕަރޭޝަނެއްގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށެވެ.

ހުޅުމާލެއިން ހަރުކަށ ފިކުރުގެމީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވާއިރު، މިމަހުގެ 6 ގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން މާލެއާއި އަތޮޅުތެރޭގައި ފުލުހުންނާއި ސިފައިން ގެންދަނީ ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުންނެވެ. ހަތިޔާރާއެކު ހިންގާ މި އޮޕަރޭޝަންގައި ބައެއް މީހުން ފުލުހުން ހައްޔަރުކޮށްފައިވެއެވެ.

އެގޮތުން ރޭ ބ.ދަރަވަންދޫ އިން ވަނީވެސް މީހަކު ހައްޔަރުކޮށްފައިވެއެވެ. ހަރުކަށި ފިކުރަށް ނިސްބަތްވާ އަޙްމަދު ފާތިހު ނަމަކަށްކިޔާ މީހާއަކީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅުންހުރި މީހެއްކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ހަރުކަށި ފިކުރަށް ނިސްބަތްވާ 9 މީހަކު ފުލުހުން އައްޑޫއިންވެސް ހައްޔަރުކުރިއެވެ.އަދި އެމީހުންނަކީ ބޮމާއި ހަތިޔާތު އުފެއްދުމުގައި އުޅޭ ބައެއްކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މާލެއިންވެސް ހަރުކަށީ ފިކުރަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފައެވެ. އެއީ ހަރުކަށީ ފުކުރު ފެތުރުމުގެ ތުހުމަތުގައި އަދި ފުލުހުންނާއި ކުރިމަތިލުމުގެ ސަބަބުން 2007 ގައި އދ.ހިމަންދޫއިން ހައްޔަރުކުރި މީހެއްވެސްމެއެވެ. އޭނަގެ މައްޗަށ ްކުށް ސާބިތުވެ 10 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވިއެވެ. އޭނާއަކީ ހއ.މޮޅަދޫ ޢުމުރުން 49 އަހަރުގެ އަބްދުﷲ އަލީ މަނިކެވެ.

މިމަހުގެ ހަވަނަ ދުވަހުގެރޭ ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސިފައިން ވަނީ މާލެއާއި ހުޅުމާލޭގެ ބައެއް ގެތަކާއި ތަންތަން ބަލާ ފާސްކޮށްފައެވެ. އަދި ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސްވެސް މަތިކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދަށް ދީފައިވާ ޓެރަރިސްޓް ހަމަލާއަށްފަހު ލިބުނު މައުލޫމާތަކައި ގުޅިގެން ވެލާނާ އިންޓަރނޭޝަލް އެއާޕޯޓްގެ ސެކިއުރިޓީވެސް ވަރުގަދަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.