ގެވެށި އަނިޔާގެ ތުހުމަތާއެކު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގެ މުޤައްރުރުކަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު މެންބަރު އަޙްމަދު އީސާ އިސްތިއުފާދެއްވައިފިއެވެ.
މެންބަރު އީސަ ކޮމިޓީން އިސްތިއުފާ ދެއްވާފައިމިވަނީ، އޭނަގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާއާއި ގުޅިގެން އޭނާގެ އިސްތިއުފާއަށް ގޮވާ އަޑު ގަދަވެފައިވަނިކޮށެވެ. އަދި ކޮމިޓީން ދުރުކުރުމަށްވެސް ގޮވާލަމުން އަންނަނިކޮށެވެ. އީސަ ކޮމިޓީގެ މުގައްރިރުކަމުން ދުރުކުރުމަށް މިއަދު އެ ކޮމިޓީގެ ބައްދަލުވުމެއްވެސް ބޭއްވިއެވެ. ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ކޮމިޓީ ކުރިއަށް ނުގެންދެވުނެވެ. އެ ކޮމިޓިގެ ޗެއަރ ބެލެހެއްޓެވީ ނާއިބު މުގައްރިރު މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން އެވެ.
ގެވެށި އަނިޔާގެ ތުހުމަތުގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ ހައްޔަރުކުރުމުގެ ޢަމުރަކަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އިން ވަނީ ކޯޓުގައި އެދިފައެވެ.
މެންބަރު އީސަ ހައްޔަރުކުރަން ކޯޓް ޢަމުރަކަށް ޕީޖީން އެދިފައި މިވަނީ، ފުލުހުން އީސަ ހައްޔަރުކުރުމުގެ ޢަމުރަކަށް ޕީޖީގައި އެދުމާއި ގުޅިގެންނެވެ. ކުށެއް ކުރަމުންދަނިކޮށް ފެނިއްޖެ ހާލަތެއްފައި ފިޔަވައި މަޖިލިސް މެންބަރަކު ހައްޔަރުކުރެވޭނީ ކޯޓް ޢަމުރެއްގެ ދަށުންނެވެ. އަދި އެ ޢަމުރަށް އެދެންޖެހޭނީ ޕީޖީންނެވެ.
މެންބަރު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށްް ގެވެށި އަނިޔާކޮށްފައިވާ މައްސަލާގައި އަސްރާ ވަނީ ފުލުހުންނަށް އިއްޔެ ބަޔާން ދީފައެވެ. އަސްރާ އަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެވެ.
މަޢުލޫމާތު ލިބިފައިވާގޮތުން އީސަ ވަނީ އަސްރާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އަދި އެމީހުންގެ ދެ އަހަރު ނުވާ ދަރިފުޅު ނުވަވަނަ ފަންގިފިލާއިން ބޭރަށް އެއްލާލާނެކަމުގެ އިންޒާރުވެސް އީސަ ދީފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
“ޚަބަރު އޮންލައިން”އަށް އެނގިފައިވާގޮތުގައި ގެވެށި އަނިޔާގެ މައްސަލާގައި މެންބަރު އީސަގެ ބަޔާންވެސް ފުލުހުން ނަގާފައިވެއެވެ. މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނީ، ވަކިވަކި ފަރުދުންގެ މައްސަލަތައް ހާމަނުކުރާކަމަށެވެ.
ގެވެށި އަނިޔާގެ މި މައްސަލއާއި ގުޅިގެން، އީސަ ހައްޔަރުކުރުމަށް ގޮވާލާ އަޑު ވަނީ ސޯޝަލް މީޑިއާގައި ގަދަވެފައެވެ. މި މައްސަލަ ސާބިތުވެއްޖެނަމަ އީސަގެ ގޮނޑި ގެއްލޭނެއެވެ.
ކޮމެންޓު ފޮނުވާ