ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއަށް ހުށަހެޅިފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ކުރިއަށް ގެންދިއުމަށް އެޖެންޑާކޮށްފިއެވެ.
މިމައްސަލަ ކޮމިޓީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަދު 11 ޖަހާއިރު ބާއްވާ ކޮމިޓީގެ ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި މިއަދު މިމައްސަލަ ކުރިއަށް ގެންދާނެ ގޮތަކާއިމެދު ގޮތްތަކެއް ކަނޑައެޅިގެންދާނެވެ. މީގެ އިތުރުން މިއަދުގެ ކޮމިޓީއަށްވަނީ އެމްއެމްޕީއާރުސީގެ މައްސަލާގައި އޭސީސީއާއި، އެސެޓްރިކަވަރީ ކޮމިޝަނާއި، ޕީޖީ އޮފީސް ހާޒިރުކުމަށް ހަމަޖެހިފައެވެ.
ކޯވީޑް-19އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކޮށް 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕީޖީއަށް ދައުވާކުރަން ފޮނުވި މައްސަލާގައި ދައުވާ ނުކުރުމަށް ޕީޖީން ނިންމެވުމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެކަމާއި ނުރުހުން ފާޅުކުރައްވާފައެވެ. އޭސީސީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އެވެ.
ބޮޑެތި ޢަދަދުތަކުން ދައުލަތަށް ފައިސާ ގެއްލިފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އޭސީސީގައި ފުނިޖެހިފައިވާއިރުވެސް އެމައްސަލަތައް ތަޙްގީގްކުރުމަށް އޭސީސީ ނުކުޅެދިފައިވާކަމަށް މަޖިލިސް މެންބަރުން ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ. އެމައްސަލަ ތަހްގީގުކުރުމުގައި ލަސްތަކެއް ވަމުންދާކަންވެސް މެންބަރުން ފާހަގަކުރައްވައެވެ. އެހެންކަމުން އޭސީސީގެ މެންބަރުންގެ އިސްތިއުފާއަށް މަޖިލީހުގައި ޖަލްސާގައި މެންބަރުން ގޮވާލައްވަމުން ގެންގޮސްފައިވެއެވެ.
ކޮމެންޓު ފޮނުވާ