މެންބަރު އީސަ ހައްޔަރުކުރަން ޕީޖީން ކޯޓުގައި ޢަމުރަކަށް އެދިއްޖެ

މެންބަރު އީސަ ހައްޔަރުކުރަން ޕީޖީން ކޯޓުގައި ޢަމުރަކަށް އެދިއްޖެ

Author
މުޙައްމަދު ޖިމީ
20 މެއި 2021 12:49
0

ގެވެށި އަނިޔާގެ ތުހުމަތުގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާ ހައްޔަރުކުރުމުގެ ޢަމުރަކަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އިން ކޯޓުގައ އެދިއްޖެއެވެ.

މެންބަރު އީސަ ހައްޔަރުކުރަން ކޯޓް ޢަމުރަކަށް ޕީޖީން އެދިފައި މިވަނީ، ފުލުހުން އީސަ ހައްޔަރުކުރުމުގެ ޢަމުރަކަށް ޕީޖީގައި އެދުމާއި ގުޅިގެންނެވެ. ކުށެއް ކުރަމުންދަނިކޮށް ފެނިއްޖެ ހާލަތެއްފައި ފިޔަވައި މަޖިލިސް މެންބަރަކު ހައްޔަރުކުރެވޭނީ ކޯޓް ޢަމުރެއްގެ ދަށުންނެވެ. އަދި އެ ޢަމުރަށް އެދެންޖެހޭނީ ޕީޖީންނެވެ.

މެންބަރު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށްް ގެވެށި އަނިޔާކޮށްފައިވާ މައްސަލާގައި އަސްރާ ވަނީ ފުލުހުންނަށް އިއްޔެ ބަޔާން ދީފައެވެ. އަސްރާ އަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން އީސަ ވަނީ އަސްރާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އަދި އެމީހުންގެ ދެ އަހަރު ނުވާ ދަރިފުޅު ނުވަވަނަ ފަންގިފިލާއިން ބޭރަށް އެއްލާލާނެކަމުގެ އިންޒާރުވެސް އީސަ ދީފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

“ޚަބަރު އޮންލައިން”އަށް އެނގިފައިވާގޮތުގައި ގެވެށި އަނިޔާގެ މައްސަލާގައި މެންބަރު އީސަގެ ބަޔާންވެސް ފުލުހުން ނަގާފައިވެއެވެ. މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނީ، ވަކިވަކި ފަރުދުންގެ މައްސަލަތައް ހާމަނުކުރާކަމަށެވެ.

ގެވެށި އަނިޔާގެ މި މައްސަލއާއި ގުޅިގެން، އީސަ ހައްޔަރުކުރުމަށް ގޮވާލާ އަޑު ވަނީ ސޯޝަލް މީޑިއާގައި ގަދަވެފައެވެ. މި މައްސަލަ ސާބިތުވެއްޖެނަމަ އީސަގެ ގޮނޑި ގެއްލޭނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.