ޝައިޚު ޒައިދުގެ ސުވާލު އެމްޑީޕީއަށް: ގެވެށި އަނިޔާގެ ސްޓޭންޑަކީ ކޮބައިތޯ؟

ޝައިޚު ޒައިދުގެ ސުވާލު އެމްޑީޕީއަށް: ގެވެށި އަނިޔާގެ ސްޓޭންޑަކީ ކޮބައިތޯ؟

Author
މުޙައްމަދު ޝަޒައިމް
20 މެއި 2021 07:37
0

ގެވެށި އަނިޔާއާއި ދެކޮޅަށް އެމްޑީޕީގެ ސްޓޭންޑަކީ ކޮބައިތޯ ސާފުކުރަން ބޭނުންވާކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރެއް ކަމަށްވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއަށް ގެވެށި އަނިޔާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި އެމައްސަލަވެސް ފުލުުން ތަހުގީގް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޝައިޚު ޒައިދު ވިދާޅުވީ އެމްޑީޕީން ގެވެށި އަނިޔާއާއިމެދު ދެކޭ ގޮތެއް ސާފުވާންޖެހޭކަމަށެވެ. އަދިމިފަދަ ތުހުމަތު ކުރެވޭމީހުން އެމްޑީޕީގެ އިސް ސަފުގައި ތިބިނަމަ އަޅާނެ ފިޔަވަޅެއްވެސް ސާފުވާން ޖެހޭކަމަށެވެ.

ގެވެށި އަނިޔާގެ މައްސަލަކުގައި ތިޔަ ޕާޓީއިން ނަގާ ސްޓޭންޑް އަކީ ކޮބައިތޯ؟ އެގެ މީހުން ޕާޓީ އިސް ސަފުގައި ތިބި ނަމަ އެފަދަ މީހަކާއި މެދު އަޅާނީ ކޮން ފިޔަވަޅެއްތޯ؟

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

ޝައިޚު ވިދާޅުވީ ރައްޔިތުން އިންތިޚާބުކުކުރާ މަޖިލިސްގައި، ޤާނޫނު ހެދުމަށްޓަކައި ތިއްބަވާ މެމްބަރަކީ އިސްލާމްދީން ހަރާމްކުރެއްވި ކަންކަމަށް އަރައިގަނެ، ރާބޮއި މަސްތުވެ ގެވެށި އަނިޔާފަދަ އަމަލުތައް ހިންގަވާ ބޭފުޅުންނަށްވާނަމަ އެބޭފުޅުން ހައްދަވާ ޤާނޫނުތަކާއިމެދު ރައްޔިތުން އިތުބާރު ކުރައްވަންޖެހޭ ސަބަބެއް ނެތްކަމަށެވެ. އަދި މިފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް އިންސާފުވެރިކަމާއިއެކު އަދަބު ކަނޑައެޅެން ޖެހޭކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މައްޗަށް ޤާނޫނު ހަދަން ތިއްބަވާ ބޭފުޅުންނަކީ ރާބޮއި، މަސްތުވެ ގެވެށި އަނިޔާ ކަހަލަ ބޮޑެތި ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތެއްނަމަ އެފަދަ މީހުންގެ ފުށުން ނިކުމެދާނެ ހެޔޮ ޤާނޫނަކާއިމެދު ކުރެވޭނެ އިތުބާރެއް އެބަ އޮތްތޯ؟ ކުށްވެރިވާނަމަ ބޮޑު ފިޔަވަޅު އަޅަންޖެހޭ.

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަން ވެސް ކުރައްވަމުން ގެންދަވާ އީސައާއި ދެކޮޅަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލައަކީ އޭނާގެ އަންހެނުންނަށް އަނިޔާކުރި މައްސަލައެވެ. އީސަ ކައިވެނި ބައްލަވައިގެން އުޅުއްވަނީ ނައިބް ރައީސް ފައިސަލް ނަސީމުގެ ކޮއްކޮ އަސްރާ ނަސީމާއެވެ. މިއީ އީސަގެ ތިންވަނަ ކައިވެންޏެވެ. އަސްރާގެ ފުރަތަމަ ކައިވެންޏެވެ. އެ ދެ މަފިރިންނަށް ކުއްޖަކު ވެސް ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާ ހިނގި ވަގުތު ފުލުހުން ވެސް ވަނީ އެތަނަށް ގޮސްފައެވެ. އަދި އީސަގެ އަންހެނުން އެ ވަގުތު އައިޖީއެމްއެޗަށް ގެންދެވުނު ކަމަށްވެސް އެނގިފައިވެއެވެ. އީސައަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލާގައި އަސޫ އިއްޔެ ފުލުހުންނަށް ބަޔާނެއް ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.