ނިޔާވި %60 މީހުން ވެކްސިން ނުޖަހާ: ޑރ.ނަޒްލާ

ނިޔާވި %60 މީހުން ވެކްސިން ނުޖަހާ: ޑރ.ނަޒްލާ

Author
މުޙައްމަދު ޖިމީ
19 މެއި 2021 11:08
0

ރާއްޖެއިން ކޯވިޑް-19ގައި ނިޔާވި މީހުންގެ 60% މީހުންނަކީ އެއްވެސް ވެކްސިނެއް ނުޖަހާ މީހުންކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެ ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޑރ.ނަޒްލާ މުސްޠަފާ ވިދާޅުވީ، މި ހިނގަމުން އަންނަ މެއި މަހު އެކަނިވެސް 39 މީހަކު ނިޔާވެފައިވާކަމަށެވެ. އަދި މިބަލީގައި ރާއްޖޭގައި ނިޔާވި މީހުންގެ ތެރެއިން %60 މީހުންނަކީ އެއްވެސް ވެކްސިނެއް ޖަހާފައިނުވާ މީހުންކަން ފާހަގަކުރައްވާ ޑރ.ނަޒްލާ ވިދާޅުވީ، ވެކްސިން ޖެހިކަމަށް ބަލަނީ ވެކްސިން ޖެހުމަށްފަހު 14 ދުވަސް ހަމަވެފައިވާނަމަކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ، މިހާތަނަށް ނިޔާވި މީހުންގެ ތެރެއިން %20 މީހުން ވެކްސިންގެ އެއް ޑޯޒް ޖަހާފައިވާކަމަށާއި، ދެ ޑޯޒް ޖަހާފައިވަނީ %12 މީހުންކަމަށެވެ. މާލޭގެ އާބާދީގެ %60 މީހުން މިހާރު ވެކްސިން ޖަހާފައިވާކަން ފާހަގަކުރައްވާ ޑޮކްޓަރ ވަނީ ވީހާވެސް އަވަހަށް ވެކްސިން ނުޖަހާތިބި ފަރާތްތަކުން ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވާފައެވެ.

ޑރ.ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ކޮވިޑްގައި ނިޔާވި މީހުންގެ ތެރެއިން %80 މީހުންނަކީ ޢުމުރުން 60 އަހަރުން މަތި މީހުންކަމަށެވެ. އަދި %17 މީހުންނަކީ 60 އަހަރުން ދަށުގެ މީހުންކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާއިރުކޯވިޑް ޖެހޭ ޒުވާނުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އަދި އައިސީޔޫގައި ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. ޑރ.ނަޒްލާ ވިދާޅުވީ، މިވަގުތު އައިސީޔޫގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން %35 މީހުންނަކީ 40 އަހަރުން ދަށުގެ މީހުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

× ×
ފުރަތަމަ ޑޯަޒް ޖަހާފަ 2ވަނަ ޑޯޒް ޖަހަންވީ އިރަށް ވެކްސިން ހުސްވުމުން ދެވަނަ ޑޯޒް ފުރިހަމަ ނުކުރެވި ކިތައް ރައްޔިތުން އެބަތިބިތޯ؟.