ޗެލްސީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ލެސްޓާ ބަލިކޮށް ޗެލްސީން ގަދަ ހަތަރެއްގެ އަމިއްލަ ބާރު ދަމަހައްޓައިފި

ލެސްޓާ ބަލިކޮށް ޗެލްސީން ގަދަ ހަތަރެއްގެ އަމިއްލަ ބާރު ދަމަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ ބަލިކޮށް ޗެލްސީން ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުމުގެ އަމިއްލަ ބާރު ދަމަހައްޓައިފިއެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗުގައި ލެސްޓާގެ މައްޗަށް ޗެލްސީ ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މިރޭ ޗެލްސީން ލެސްޓާ ބަލިކުރިއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލެސްޓާ އިން ވަނީ ޗެލްސީ ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ. ގަދަ ހަތަރެއްގެ ވާދަވެރި ރޭހުގައި މިރޭގެ މެޗު ފެނުނީ ވަރަށް ވާދަވެރިކޮށެވެ.

މިރޭގެ މެޗު ބެލުމަށް ކޮވިޑްގެ ހާއްސަ ޕްރޮޓޮކޯލްގެ ދަށުން އިނގިރޭސި އެފްއޭއިން ވަނީ ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ހުއްދަ ދީފައެވެ. އެގޮތުން މި މެޗު ބަލަން 8000 ސަޕޯޓަރުން ވަނީ ޗެލްސީގެ ދަނޑަށް ވަދެފައެވެ.

މި މެޗު ފަށައިގެން ގިނަ ވަގުތު ބޮޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ޗެލްސީންނެވެ. އެގޮތުން ލެސްޓާގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ހަމަލާތައް ދިފާޢުކުރުމުގައި އެޓީމުގެ ކީޕަރ ޝްމައިކަލް ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. ފުރަތަމަ ހާފުގައި ޗެލްސީގެ ޓިމޯ ވާނަރ 2 ލަނޑު ޖެހި ނަމަވެސް މި 2 ލަނޑު ރެފްރީ ބަލައިގަންފައެއް ނުވެއެވެ. ސަބަބަކީ ވާނަރ ޖެހި ފުރަތަމަ ލަނޑު އޮފްސައިޑް ވުމާއި ދެވަނަ ލަނޑު ޖެހުމުގެ ކުރިން ވާނަރ ގެ އަތުގައި ބޯޅަ ޖެހިފައި ގޯލުގެ ތެރެއަށް ވަނުމެއެވެ. މި ގޮތަށް ނިންމީ ވީއޭއާރުވެސް ބެލުމަށްފަހުއެވެ.

ޗެލްސީން މެޗުގައި ލީޑު ނެގީ ދެ ވަނަ ހާފުގެ ދެ ވަނަ މިނެޓުގައި ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ވާނާ އަށް ކުރި ފައުލަކަށް ޗެލްސީ އަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ދެ ވަނަ ލަނޑު 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޯޖީނިއޯއެވެ. މެޗުގައި ލެސްޓާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެލެޗީ އީނާޗޯއެވެ. އަދި މެޗުގެ އެންމެ ފަހު މިނެޓުގެ ތެރޭގައި އަޔޯޒޭ ޕެރޭޒަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ.

މޮޅާ އެކު ޗެލްސީ މިހާރު ވަނީ 37 މެޗުން 67 ޕޮއިންޓް ހޯދައި ތާވަލުގެ ތިން ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. 37 މެޗުން ލިބުނު 66 ޕޮއިންޓާ އެކު ލެސްޓާ މިހާރު ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. 36 މެޗުން 63 ޕޮއިންޓް ލިބިފައިވާ ލިވަޕޫލުން ބާންލީއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ބޮޑުކުރެވޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *