އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އެއްވެސް ނަމެއް ފާހެއްނުވި

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އެއްވެސް ނަމެއް ފާހެއްނުވި

Author
މުޙައްމަދު ޝަޒައިމް
19 މެއި 2021 07:48
0

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ އެއްވެސް ނަމެއް ކޮމެޓީއަކުން ފާހެއް ނުވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސް ވަނީ 3 ނަމެއް މިދިޔަ މަހުގެ 26 ވަނަދުވަހު މަޖިލީހަށް ފޮނުއްވާފައެވެ. ރައީސް ފޮނުއްވި 3 ނަމަކީ އަލްއުސްތާޛް ޝިހާމް މުޙައްމަދު ވަޙީދާއި އަލްއުސްތާޛް އަޙްމަދު އާހިދު ރަޝީދާއި މަރްޔަމް އަލީމްގެ ނަމެވެ. މި ނަންތައް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. އެ ކޮމެޓީންވަނީ މި 3 ބޭފުޅުންނާއި އިންޓަރވިއުވެސް ކޮށް ނިންމާފައެވެ.

ކޮމެޓީން ދިރާސާކޮށް ނިންމުމަށްފަހު ވޯޓަށް އެހުމުން މި 3 ބޭފުޅުންގެތެރެއިން އެއްވެސް ނަމެއް ފާހައެއް ނުވިއެވެ. އެއްވެސް ނަމެއް ފާސްނުވީ މަޖިލީހުގެ ޤަވައިދުގައި ބުނާ އަދަދަށް އެއްވެސް ބޭފުޅަކަށް ވޯޓް ލިބިފައިނުވާތީއެވެ.

މަޖިލީހުގެ ޤަވައިދު ބުނާގޮތުން މިނިވަން މުވައްސަސާއަކަށް އައްޔަންކުރާ ބޭފުޅަކަށް 12 މެމްބަރުން ތިއްބަވާ ކޮމެޓީންގެ ތިންބައިކުޅަ ދެ ބައިވޯޓް ޖުމްލަ 8 ވޯޓް ލިބެންޖެހޭނެއެވެ. އެހެންނަމަވެސް މި ތިން ބޭފުޅުންނަށްވެސް ލިބިވަޑައިގަތީ 7 ވޯޓެވެ. ކޮމެޓީން އެއްވެސް ބޭފުޅަށް ލިބެންޖެހޭ މިންވަރަށް ވޯޓް ނުލިބުމުން އެ ނަންތައް މަޖިލީހުން ބޭރުވާނެއެވެ. ދެން ޖެހޭނީ އަނެއްކާވެސް ރައީސް އަލުން ނަންތަކެއް ފޮނުއްވާށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި ތ.ވިލުފުށި، އަތަމާގެ، ޙުސައިން ފިޔާޒް މޫސާ މިދިޔަ މާރިޗު މަހުގެ21 ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.