އުޞޫލުތަކާ ޚިލާފުވި 350 އަށްވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފި

އުޞޫލުތަކާ ޚިލާފުވި 350 އަށްވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފި

Author
މުޙައްމަދު ޝަޒައިމް
19 މެއި 2021 11:43
0

ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވި 350 އަށްވުރެ ގިނަ މީހުން މިއަދުވެސް ޖޫރިމަނާކޮށްފިއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މާސްކް ނާޅައިގެން 135 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށެވެ. އަދި ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅުނު 217 މީހަކު ޖޫރިމަނާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވި 3 ތަނެއްވެސް ޖޫރިމަނާކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ޢާއްމު ޚިދުމަތްދޭ ތަންތަނުގައި ފުރިހަމަކުރަންޖެހޭ ގިނަ ކަންތައްތަކެއް އެޗް.ޕީ.އޭއިން ވަނީ ކަނޑައަޅާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެތަންތަނުގައި ތަންފީޒުކުރަމުންދާ މިންވަރު ދޭތެރެ ދޭތެރެއިން ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ރާއްޖޭގެ ޙާލަތު އަނެއްކާވެސް ގޯސްވުމާގުޅިގެން، ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ޖިމްތަކާއި ސެލޫންތައްފަދަ ތަންތަން އިންސްޕެކްޓްކުރުމުގެ މަސައްކަތް އަލުން ވަނީ ފަށާފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެފަދަ 32 ތަނެއް އިންސްޕެކްޓްކޮށްފައިވާކަމަށާއި، އެ ހުރިހާތަނެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމައަށް އަޅާފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މަގުމަތީގައި އުޅޭއިރު މާސްކް އެޅުމަކީ މަޖުބޫރު ކަމެކެވެ. މި ބަލީގެ ނުރައްކާ ބޮޑުވުމާގުޅިގެން ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެގޮތުން މާލޭ ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މިމަހުގެ 6ވަނަ ދުވަހު ވަނީ ކާފިއު އިޢުލާންކޮށް، ރޭގަނޑު 09:00 އިން ފަތިހު 04:00އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި ޢާންމު ތަންތަނަށް މީހުން ނުކުމެއުޅުން މަނާކޮށްފައެވެ.

އެހެންނަމަވެސް މާލޭ ސަރަހައްދުގައި ކޯވިޑްގެ ކޭސްތައް ރިޕޯޓްކުރާ މިންވަރު އިތުރުވުމާގުޅިގެން މިމަހުގެ 12ވަނަ ދުވަހުން ފެށިގެން ކާފިއު ގަޑި ވަނީ އިތުރުކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހަވީރު 04:00 އިން ފަތިހު 4:00 އާ ދެމެދު ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. މާސްކް ނާޅައި އުޅުމާއި ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅޭނަމަ 1،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.