ސިވިލްސާވިސް ވަޒީފާގައި ތިބެވޭ އުމުރު 60 އަށްމަތިކޮށް، ގެނައި އިސްލާހުތަކާއިއެކު ބިލް ތަސްދީގު ކުރައްވައިފި

ސިވިލްސާވިސް ވަޒީފާގައި ތިބެވޭ އުމުރު 60 އަށްމަތިކޮށް، ގެނައި އިސްލާހުތަކާއިއެކު ބިލް ތަސްދީގު ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
18 މެއި 2021 04:48
0

ސިވިލް ސާވިސްގެ ވަޒީފާގައި ދެމިތިބެވޭ އުމުރު 60 އަށް މަތިކުރަން ސިވިލް ސާވިސްގެ ގާނޫނަށް ހުށައެޅި އިޞްލާހުތަކާއިއެކު ބިލް ތަސްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ، މި ހުސްވި އެޕްރީލް މަހުގެ 29 ވިީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 37 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ސިވިލްސާވިސް ޤާނޫނަށް ގެނައި އިސްލާހަކީ މިހާރު ސިވިލްސާވިސްގެ މަޤާމުތަކަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެނައުމަށެވެ. ސިވިލްސާވިސް ގާނޫނުގެ 41 ވަނަ މާއްދާއަށް ރޮޒައިނާ ހުށަހެޅުއްވި އިސްލާހުގައި ބުނަނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، ވަޒީފާއިން މުސްކުޅިކޮށްފައިވާ ފަރާތަކަށް ވެގެންނުވާނެ ކަމަށެވެ. ހަމައެހެންމެ އުމުރުން 60 އަހަރަށްވުރެ ދޮށީ އުމުރުގެ މީހަކަށް ވެގެންނުވާނެ ކަމަށް ވެސް އެ އިސްލާހުގައިވެއެވެ. މިހާރު ސިވިލް ސާވިސްގެ ވަޒީފާތަކަށް ނެގެނީ 55 އަހަރުން ދަށުގެ މީހުންނަށެވެ.

މީގެ އިތުރުން ސިވިލްސާވިސް ކޮމިޝަންގެ ފަސް މެމްބަރުންގެ ތެރެއިން ދެ މެމްބަރުންނަކީ އަންހެނުންނަށް ހެދުމަށް ވެސް ސިވިލްސާވިސް ޤާނޫނަށް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ. މި އިސްލާހަކީ މަޖިލީހުގައި އެކި ފަހަރުމަތީން ރޮޒޭނާ ވަކާލާތު ކުރެއްވި މައްސަލައެކެވެ. ޚާއްސަކޮށް މިނިވަން ކޮމިޝަންތަކަށް މެމްބަރުން އައްޔަން ކުރާއިރު ކޮމިޝަންތަކުގައި ވަކި އަދަދަކަށް މެމްބަރުން ތިބުމަށް ރޮޒޭނާ ވަނީ ބާރު އަޅުއްވާފައެވެ.

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ގެނައި އިޞްލާހުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ފުރުޞަތު ލިބޭ ގޮތަށް ނިޒާމެއް ޤާއިމުވެފައި އޮތުމަށް ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު، ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ވަޒީފާ ދޭންވާނީ އެމީހެއްގެ ތަޢުލީމީ ފެންވަރާއި، މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ތަޖުރިބާއަށް ބެލުމަށްފަހުގައިކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅީ، އެންމެ ގާބިލު މީހާއަށް ވަޒީފާ ދެވޭ ގޮތަށް ކަމަށް ރޮޒޭނާ ވަނީ ވިދާޅުވެފައެވެ. އިސްލާހުގެ ތެރޭގައި ގާނޫނުގައި ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އިސްކަންދޭންވާނީ ތައުލީމީ މީހާއަށް ވަޒީފާ ދޭން ލާޒިމް ކުރާ ފަސް ވަނަ މާއްދާގެ (ބ) އުނިކުރަން ހިމަނާފައިވެ އެވެ.

ގާނޫނުގެ ފަސް ވަނަ މާއްދާގެ (ބ):
ދިވެހި ސިވިލް ސާވިސްގައި މަސައްކަތްކުރުމަށް ވަޒީފާ ދޭންވާނީ ތިރީގައިވާ ގޮތުގެ މަތިން އެމީހުންގެ ގާބިލުކަމާއި، ތަޖުރިބާއަށް ބެލުމަށްފަހުގައެވެ.

(1) ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އިސްކަންދޭން ވާނީ އިލްމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ފަރާތްތަކަށެވެ.

(2) ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިލްމީ ފެންވަރު އެއްވަރުވެއްޖެ ހާލަތެއްގައި އިސްކަންދޭންވަނީ އެ ދާއިރާއެއްގެ މަސައްކަތުގެ ފެންވަރާއި ތަޖުރިބާގެ މައްޗަށް ބަލާ އެންމެ ރަނގަޅު ފަރާތަށެވެ. އެ މާއްދާ އުނިކުރަން ހުށަހެޅި ސިވިލް ސާވިސް ކޮމިޝަންގެވެސް ލަފާގެ މަތިން، ކަމަށާއި އެ އިސްލާހާއެކު ވަޒީފާތަކަށް ނެގޭނީ އެންމެ ގާބިލު މީހާ ކަމަށެވެ. އަދި އެ މާއްދާ އުނި ކުރަން ހުށަހެޅީ، ގާނޫނުގެ 38 ވަނަ މާއްދާއާ އެ މާއްދާ ތައާރަޒްވާތީކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ސިވިލްސާވިސްގެ ގާނޫނުގެ 38 ވަނަ މާއްދާއަކީ، ވަޒީފާ ދިނުމުގެ އަސާސީ މިންގަނޑު ބަޔާން ކުރާ މާއްދާއެވެ. އެ މާއްދާގައި ބުނަނީ، މަގާމަކަށް މީހަކު އައްޔަން ކުރަންވަނީ ސިޔާސީ ނުފޫޒުތައް އެކަހެރިވެފައިވާ ގޮތެއްގައި މެރިޓްއަކީ އަސާސީ މިންގަނޑު ކަމަށް ބަލައިގެންނެވެ. އަސާސީ މިންގަނޑަކީ، މެރިޓް ކަމަށް ލައިގެން ވަޒިފާ ދިން ކަމަށް ބެލެވޭނެ ދެ ގޮތެއް ގާނޫނުގައި ބުނެ އެވެ. އެއީ އެއްކަމަކީ އެމީހަކީ ވަޒީފާގެ ޝަރުތު ފުރިހަމަވެފައިވާ މީހެއްކަމުގައި ވުމާއި އެމީހެއްގެ ތައުލީމީ ފެންވަރަށާއި މަސައްކަތުގެ ހުނަރަށް އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން ކަމަށް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.