މަރުޙޫމް ޒާހިރު އާދަމްގެ ހަނދާނުގައި މަޖިލީހުގައި ހަމަހިމޭންކަމުގެ ސުކޫތެއް

މަރުޙޫމް ޒާހިރު އާދަމްގެ ހަނދާނުގައި މަޖިލީހުގައި ހަމަހިމޭންކަމުގެ ސުކޫތެއް

Author
މުޙައްމަދު ޖިމީ
18 މެއި 2021 12:31
0

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މަރުޙޫމް ޒާހިރު އާދަމްގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް މަޖިލީހުގައި މިއަދު ގެނެސްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވަނީ ކުރީގެ މެންބަރު ޒާހިރު އާދަމް ރޭގެ ވަގުތެއްގައި ނިޔާވުމާއިގުޅިގެން އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި ޒާހިރު ޢާދަމްގެ ހަނދާނުގައި މެންބަރުންވަނީ ހަމަހިމޭންކަމުގެ ސުކޫތަކަށް ތެދުވެވަޑައިގެންފައެވެ.

ޒާހިރު އާދަމް ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ 17 ވަނަ ދައުރުގައެވެ. އެހެންނަމަވެސް، އޭނާ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބު ވެވަޑައިގަތީ ގދ. އަތޮޅު މެމްބަރެއްގެ ގޮތުން 27 ފެބްރުއަރީ 2005 އިން 27 މޭ 2009 އަށެވެ. 28 ފެބްރުއަރީ 2005 އިން 26 ޖޫން 2008ގެ ނިޔަލަށް އޭނާވަނީ ޚާއްސަ މަޖިލިހުގެ މެމްބަރުކަންވެސް ކުރައްވާފައެވެ. 17 ވަނަ ރައްޔިތުންގެ މަޖިލިހަށް އޭނާ އިންތިޚާބު ވެވަޑައިގަތީ 28 މޭ 2009 ގައެވެ. 17 ވަނަ މަޖިލިހުގައި މަސައްކަތް ކުރެއްވުމަށްފަހު އޭނާވަނީ 18 ވަނަ މަޖިލީހުގައި ވާދަ ކުރެއްވުމަށް އެއިންތިޚާބުގައި ނަން ހުށަހެޅުއްވުމަށްފަހު، ވާދަ ނުކުރައްވާ ނަން އަބުރާ ގެންދަވާފައެވެ.

ވަރަށް ކުރިއްސުރެ ސިޔާސީ ދާއިރާއަށް ނުކުންނެވި ޒާހިރު އާދަމް ވަނީ، ޖުމުހޫރީ ޕާޓީގެ މެމްބަރެއްގެ އިތުރުން، އެމްޑިޕީގެ މެމްބަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ. ސިޔާސީ ދާއިރާގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އޭނާއަކީ މަޝްހުރު ވިޔަފާރި ވެރިއެއްވެސް މެއެވެ.

ފަހަކަށް އައިސް އޭނާވަނީ ކުރިމަތިވި އާލާސްކަންފުޅެއްގައި ބޭސްފަރުވާ ކުރުމަށް ސިންގަޕޫރުގައި ހުންނަވާފައެވެ. ސިންގަޕޫރުގައި ބޭސްފަރުވާއަށް ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެންނެވިތާ އަދި މާގިނަ ދުވަސްތަކެއް ވެގެން ގޮސްފައި ނުވާކަމަށް މައުލުމާތު ލިބިފައި ވެއެވެ.

ޒާހިރު އާދަމްއަކީ، އިޖުތިމާއީ ކަންކަމުގައި ބޮޑެތި ހޭދަތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ވަކީން ޚާއްސަކޮށް، އޭނާއަކީ ގައްދޫ ރައްޔިތުންނަށް ދީލަތި އެހީތަކެއް ދިގު ޒަމާންތަކެއް ވަންދެން ވެދެއްވަމުން ގެންދެވި ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.