އެންމެފަހުން މޯދީގެ ހިމޭންކަން ނިމުމަކަށް، ވިދާޅުވަނީ ޕޭޕަރު ލީކުކުރި މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމަށް

އެންމެފަހުން މޯދީގެ ހިމޭންކަން ނިމުމަކަށް، ވިދާޅުވަނީ ޕޭޕަރު ލީކުކުރި މީހުންނަށް ހަރުކަށި އަދަބު ދޭނެ ކަމަށް

Author
އަހުމަދު
24 ޖުލައި 2026 02:48
0

އިންޑިއާގެ ތައުލީމީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައި ޒުވާނުން މަހެއްހާ ދުވަހަށް ދިގުދެމިގެންގޮސްފައިވާ މުޒާހަރާ އިތުރަށް ހޫނުވެ، ގައުމުގެ އެކި ކަންކޮޅުތަކަށް ފެތުރެމުންދާތީ، ބޮޑުވަޒީރު ނަރެންދުރަ މޯދީ އެންމެ ފަހުން ހިމޭންކަން ދޫކުރައްވައި ޒުވާނުންނާ މުހާތަބުކުރައްވައިފި އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ، ގައުމުގެ ޒުވާނުންގެ މުސްތަގުބަލަށް ވުރެ މުހިންމު އެއްވެސް ކަމެއް ނެތް ކަމަށާއި، އިމްތިހާނު ޕޭޕަރު ލީކުކުރި މީހުންނަށް "ހައްގު އަދަބު" ދެއްވާނެ ކަމަށެވެ. އަދި މި ފަދަ މައްސަލަތައް އަވަހަށް ބަލައި ނިންމުމަށް ފާސްޓް-ޓްރެކް ކޯޓުތަކެއް ގާއިމުކުރައްވާނެ ކަމަށާއި، "ޒުވާނުންގެ މުސްތަގުބަލަށް ގެއްލުން ދޭން އުޅޭ އެއްވެސް މީހަކު ސަލާމަތެއް ނުވާނެ" ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް މުޒާހަރާގެ ބައިވެރިން އިސްތިއުފާ ހޯދަން ގޮވާލާ އެންމެ މުހިންމު ދައުވާ، އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާންގެ ވާހަކަ މޯދީގެ ޕޯސްޓުގައި ގެންނަވާފައެއް ނުވެ އެވެ. މުޒާހަރާ ފެށީ އިމްތިހާނުތަކުގައި ހިނގާ ކޮރަޕްޝަނާއި ޕޭޕަރު ލީކުކުރުމުގެ މައްސަލަތަކުގައި މިނިސްޓަރު އިސްތިއުފާ ދިނުމަށް އެދި ނަމަވެސް، މިހާރު އެ ހަރަކާތުގެ ދާއިރާ ފުޅާވެ، ވަޒީފާ ނުލިބުމުގެ މައްސަލައާ ހަމައަށް ވެސް ގޮސްފައިވެ އެވެ.

މުޒާހަރާ އެންމެ ބޮޑަށް ހޫނުވެފައި ވަނީ، މެޑިކަލް ދާއިރާއިން ކިޔެވުމަށް ބޭނުންވާ ދަރިވަރުން ހަދާ 'ނީޓް' އިމްތިހާނުގެ ޕޭޕަރު ލީކުވުމުންނެވެ. ދެ މިލިއަނަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އެ އިމްތިހާނު އަލުން ހަދަން ޖެހި، އެތައް ހާސް ދަރިވަރުންނެއްގެ ފޮނި އުއްމީދުތައް ފުނޑިގެންދިޔަ ކަމަށް ޒުވާނުން ބުނެ އެވެ. މީގެ އިތުރުން، އޮންލައިން މާކިން ސިސްޓަމަށް ދިމާވި މައްސަލަތަކާ ހެދި ވެސް ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރައިފި އެވެ.

މުޒާހަރާގައި ބައިވެރިވި، އުމުރުން 23 އަހަރުގެ އަރޯހީ ސިންގް ކިޔައިދިން ގޮތުގައި، އޭނާގެ ކޮއްކޮ އަކީ ވެސް ޕޭޕަރު ލީކުވުމުގެ ސަބަބުން މެޑިކަލް އިމްތިހާނު އަލުން ހަދަން ޖެހި، އޭގައި ފާސްނުވި ދަރިވަރެކެވެ. "ޕޭޕަރު ލީކުވި ފަހުން އޭނާގެ ހިތްވަރު އެލި، މުޅިން މާޔޫސްވި،" އޭނާ ބުންޏެވެ. "އެއްކޮޅުގައި މިތިބީ ގައުމުގެ ރައްޔިތުން. އަނެއްކޮޅުގައި އެހުރީ (އެޑިއުކޭޝަން) މިނިސްޓަރު. ބޮޑުވަޒީރަށް އޭނާ މަގާމުން ވަކިނުކުރެވެންވީ ކީއްވެގެންތޯ؟"

މުޒާހަރާ އިސްވެ ހިންގަނީ، ސޯޝަލް މީޑިއާގައި މިލިއަނުން ފޮލޯވަރުން ތިބި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ހަރަކާތުންނެވެ. އެ ހަރަކާތުގެ ތަރުޖަމާނު އަޝުތޯޝް ރަންކާ އެކްސްގައި ބުނީ، ފާސްޓް-ޓްރެކް ކޯޓުތައް ހެދުމަކީ ތައުލީމީ ނިޒާމުގައި ހުރި ފުނިޖެހިފައިވާ ނިޒާމީ މައްސަލަތަކުގެ ހައްލެއް ނޫން ކަމަށާއި، "މޯދީ ޖެހޭނީ ސިސްޓަމް ރަނގަޅުކޮށް، ދަރުމެންދުރަ ޕްރަދާން މަގާމުން ވަކިކޮށް، ޒިންމާދާރުކުރުވަން" ކަމަށެވެ.

ނިއު ދިއްލީގައި މުޒާހަރާތައް އެންމެ ހޫނުކޮށް ކުރިއަށްދާ 'ޖަންތަރު މަންތަރު' ސަރަހައްދުގައި މި ހަފުތާގައި ބޮޑެތި ހަމަނުޖެހުންތަކެއް ވަނީ ހިނގައިފަ އެވެ. ބުދަ ދުވަހުގެ ދަންވަރު ޖަންތަރު މަންތަރު ސަރަހައްދު ބޭރުގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތައް ހިނގި އިރު، ހޯމަ ދުވަހު ގާނޫނުހަދާ މަޖިލީހަށް ވަންނަން މުޒާހަރާގެ ބައިވެރިން މަސައްކަތްކުރުމުން ފުލުހުން ކަރުނަގޭސް ބޭނުންކުރި އެވެ. މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކުގެ ބައެއް މީހުންނަށް ވެސް ވަނީ އަނިޔާވެފަ އެވެ.

ސުލްހަވެރި މުޒާހަރާތަކުގައި އަނިޔާވެރިވި މައްސަލަ ތަހުގީގުކުރުމަށާއި، މޯބައިލް އިންޓަނެޓުގެ ހިދުމަތް ކަނޑާލުން ހުއްޓާލުމަށް ހިއުމަން ރައިޓްސް ވޮޗުން ވަނީ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި އިންޑިއާ ސަރުކާރަށް ގޮވާލައިފަ އެވެ.

ހިންދޫ-ވަތަނީ ލީޑަރު މޯދީ 2024 ވަނަ އަހަރު ތިންވަނަ ދައުރަކަށް އިންތިހާބުވި ފަހުން، މި މުޒާހަރާތައް ވެގެންދިޔައީ އޭނާ އަށް ކުރިމަތިވި އެންމެ ބޮޑު ސިޔާސީ ގޮންޖެހުމަށެވެ. ޒުވާނުންގެ ރުޅި މޯދީގެ ބަހުން ފިނިވެދާނެ ކަމާ މެދު ސީޖޭޕީން ސުވާލު އުފައްދާއިރު، އެ ހަރަކާތުން ވަނީ "ސިސްޓަމް ރަނގަޅުކޮށް، ޒިންމާދާރުކުރުވުމަށް" ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.