ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 439 މިލިއަން، ބަޖެޓަށްވުރެ 17 ޕަސެންޓް އިތުރު

ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 439 މިލިއަން، ބަޖެޓަށްވުރެ 17 ޕަސެންޓް އިތުރު

Author
އަހުމަދު
24 ޖުލައި 2026 03:08
0

މި އަހަރުގެ މިހާތަނަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 439 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއީ މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 374 މިލިއަން ރުފިޔާ އަށް ވުރެ 17 ޕަސެންޓް އިތުރު އަދަދެކެވެ. ބަޖެޓު ފޮތުގައި ހިލޭ އެހީގެ ގޮތުގައި ހިމަނާފައި ވަނީ އެކި ޕްރޮޖެކްޓްތަކަށް ލިބޭނެ ކަމަށް ބެލެވޭ 324 މިލިއަން ރުފިޔާ ކަމުގައި ވިޔަސް، ކޭޝް ގްރާންޓްގެ ގޮތުގައި އެއްވެސް އަދަދެއް ބަޖެޓުގައި ހިމަނާފައެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މި އަހަރުގެ ފުރަތަމަ ހަ މަހެއްހާ ދުވަހުގެ ތެރޭގައި ލިބިފައިވާ މި އަދަދު، މިދިޔަ އަހަރު ޖުމްލަ ހިލޭ އެހީގެ ގޮތުގައި ލިބުނު 400 މިލިއަން ރުފިޔާ އަށް ވުރެ ވެސް އިތުރު ވުމެވެ. މިދިޔަ އަހަރު 2.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް، އަހަރު ނިމުނުއިރު ލިބިފައި ވަނީ ކޭޝް ގްރާންޓްގެ ގޮތުގައި 34 މިލިއަން ރުފިޔާ އާއި ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައި 339 މިލިއަން ރުފިޔާ އެވެ.

ނަމަވެސް ކުރިއަށް އޮތް ތަނުގައި ރާއްޖެ އަށް ލިބޭ ހިލޭ އެހީގެ އަދަދު އިތުރަށް ދަށްވާނެ ކަމަށް ބަޖެޓު ފޮތުގައި ލަފާކޮށްފައިވެ އެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރު ވެސް ހިލޭ އެހީގެ ގޮތުގައި ލިބޭނީ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2021 އިން 2023 އަށް ކޮންމެ އަހަރަކު ވެސް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް އެއް ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ލިބިފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.