މޮރާޓާގެ ދެލަނޑުން ޔުވެންޓަސްއަށް ރަނގަޅު ފެށުމެއް

މޮރާޓާގެ ދެލަނޑުން ޔުވެންޓަސްއަށް ރަނގަޅު ފެށުމެއް

ގުޅުންހުރި

ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އަލްވާރޯ މޮރާޓާ ކާމިޔާބުކޮށްދިން ދެ ލަނޑުން މޮޅުވެ ޔުވެންޓަސް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ޔޫކްރޭނުގެ ޑިނަމޯ ކިއޭވް އާއި ޔުވެންޓަސް ބައްދަލުކުރި މެޗު ޔުވެންޓަސްއިން ކާމިޔާބުކުރީ 0-2 ލަނޑުންނެވެ. ފުރަތަމަ ހާފުގައި ޑިނަމޯ ކިއޭވްއަށް ޔުވެންޓަސްގެ ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައި ނުވާއިރު ޔުވެންޓަސްއިން ވަނީ އެޓީމަށް ލިބުނު ފުރުޞަތު ތަކުގައި ލަނޑު ޖަހަން މަސައްކަތްކޮށްފައެވެ.

ޔުވެންޓަސްއިން ލަނޑު ޖަހާ ލީޑު ނެގީ ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ އަލްވާރޯ މޮރާޓާއެވެ. މިއީ 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެފަހުން މި މުބާރާތުގައި އޭނަ ލަނޑުޖެހި ފުރަތަމަ ފަހަރުއެވެ. މެޗުގައި މޮރާޓާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ 83 ވަނަ މިނެޓުގައެވެ.

ވިދިވިދިގެން 9 ފަހަރު ލީގު ކާމިޔަބުކޮއްފަވާ ޔުވެންޓަސްއަށް 1996 ވަނަ އަހަރުފަހުން މި މުބާރާތް ކާމިޔާބު ކުރެވިފައެއްނުވެއެވެ. އެންމެފަހުން ކުޅުނު 6 މުބާރާތުގަ ވެސް ޔުވެންޓަސް ވަނީ ގުރޫޕް ސްޓޭޖް މެޗުތަކުން މޮޅުވެފައެވެ. މުބާރާތުގައި އެންމެފަހުން ކުޅުނު 20 ފަހަރުވެސް ޔުވެންޓަސް ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮއްފައެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި ރަޝިއާގެ ޗެމްޕިއަން ޒެނިޓް އާއި ކްލަބް ބްރޫޖް ބައްދަލުކުރި މެޗު 1-2 ލަނޑުން ކާމިޔާބުކުރީ ކްލަބް ބްރޫޖްއެވެ.

ދެވަނަ ހާފް ފަށައިގެން 64 ވަނަ މިނެޓުގައި ކްލަބް ބްރޫޖުން ވަނީ ލަނޑެއް ޖަހާފައި ވަނިކޮށް 74 ވަނަ މިނެޓުގައި ކްލަބް ބްރޫޖްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ލަނޑެއް ވަދެ މެޗުގެ ނަތީޖާ ހަމަހަމަވިއެވެ. މި މެޗުން ކްލަބް ބްރޫޖަށް މޮޅުވި ލަނޑު އެޓީމުން ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވުގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *