ވަކިވެ ދިޔައީ، ދީލަތި، ޚިދުމަތްތެރި ނަމޫނާ ޝަޚުސިއްޔަތެއް

ވަކިވެ ދިޔައީ، ދީލަތި، ޚިދުމަތްތެރި ނަމޫނާ ޝަޚުސިއްޔަތެއް

Author
ހުސެއިން
18 މެއި 2021 12:11
0

ރާއްޖޭގެ ސިޔާސީ މަސްރަހުންވެސް، އަދި ވިޔަފާރީގެ ދާއިރާގަވެސް، ޒާހިރު އާދަމްގެ ނަން ލިޔެވިގެން ދާނީ ތަފާތު އެތައް ގޮތަކުންނެވެ. ސަބަބަކީ، ހުރިހާ ގޮތަކުންވެސް، އޭނާގެ އުފަން ފަސްގަޑަށާއި ގައުމަށް އޭނާ ކުރައްވާފައިވާ އަގުހުރި ޚިދުމަތްކުގެ ގިނަ ކަމުންނެވެ.

އަދި ވަކީން ޚާއްސަކޮށް، "ގައްދޫ ޒާހިރު" ނުވަތަ "ޒާހިރު ބޭ"ގެ ނަމުން އޭނާގެ ނަން މަޝްހޫރުވެގެން ދިޔައީވެސް ސަބަބުތަކެއް ނެތިއެއް ނޫންނެވެ. އެއީ އޭނާގެ އުފަން ރަށް، ގައްދޫއަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުންނާއި އަދި މީގެ އިތުރުން ދިގު ޒަމާންތަކެއް ވަންދެން ގައްދޫގެ ވަކިވަކި ފަރުދުންނަށް އޭނާ ވެދީފައިވާ ބޮޑެތި، އަދި ދީލަތި އެހީތަކުގެ ސަަބަބުންވެސް މެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުކަން އެއް ފަހަރަށްވުރެ ގިނަ ފަހަރު ކުރައްވާފައިވާ، އުމުރުން 74 އަހަރުގައި، ގައްދޫ ޒާހިރު ނިޔާވެފައި ވަނީ، ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ. ނިޔާވި ޚަބަރު އެތައްބަޔަކު އަހާފައި ވަނީ ކުއްލި ހައިރާންކަމާ ފުން ހިތާމައާއެކުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގައްދޫ ޒާހިރު ނިޔާވެފައިވަނީ، ކޯވިޑް19 އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވި ފަރުވާ ދިނުމަށްފަ އިއްޔެގެ ވަގުތެއްގައި ގެއަށް ބަދަލު ކޮށްފައިވަނިކޮށް ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ. ފަހުން މައުލޫމާތު ލިބުނު ގޮތުގައި ޒާހިރު އިއްޔެގެ ވަގުތެއްގައި ގެއަށް ބަދަލު ކުރެވިގެން ދިޔައީ، އޭނާ އަމިއްލަފުޅަށް އެކަމަށް އެދިވަޑައިގަތުމުން، އާއިލާގެ އެދުމުގެ މަތިންނެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި ސިޔާސީ ހަޔާތް

ޒާހިރު އާދަމް އެންމެ ފުރަތަމަ ސިޔާސީ ދާއިރާއަށް ނިކުންނެވީ، 80ގެ ފަހުކޮޅު، އޭރުގެ ރައްޔިތުންގެ މަޖިލިހުގެ ގޮޑި ކާމިޔާބު ކުރެއްވުމަށް އޭނާ މަޖިލިސް އިންތިޚާބުގައި ވާއްދަ ކުރެއްވި ހިސާބުންނެވެ.

މިގޮތުން އޭނާ އެންމެ ފުރަތަމަ ވާދަ ކުރައްވާފައިވަނީ، ގދ.ގެ ގޮޑި 1990 ވަނަ އަހަރު، އޭރުގެ ރައްޔިތުންގެ މަޖިލީހުގައި ފުރުއްވަމުން ގެންދެވި މަޝްހޫރު ގޯގޯ ލަތީފު، ޖަލަށް ލުމާއިގުޅިގެން އޭނާގެ ގޮޑި ގެއްލިގެން ބޭއްވުނު ބައި އިލެކްޝަންގައެވެ. އަދި އިންތިޚާބުގައި ވާދަކޮށް މުޅި އަތޮޅުގައި ކެމްޕޭންކުރައްވައިގެން އެއިންތިޚާބު އޭނާ ކާމިޔާބު ކުރެއްވިއެވެ. ނަތީޖާއިން ދެއްކި ގޮތުން ތިނަދޫ ރަޝާދުއާއި ވާދަކޮށް އިންތިޚާބު ކާމިޔާބުކުރީ ޒާހިރު އާދަމްއެވެ.

އެހެންނަމަވެސް، އެ އިންތިޚާބުގައި ޒާހިރު ރިޝަވްތު ދިންކަމުގެ ތުހުމަތު އިދިކޮޅު ކެނޑިޑޭޓް ކުރުމާއި ގުޅިގެން، އޭރުގެ ސަރުކާރުން އިންތިޚާބު ބާތިލްކޮށް، އަދި ރިޝްވަތުގެ ތުހުމަތުގައި ޒާހިރު ޖަލަށް ލެވުނެވެ. އަލުން އެ އިންތިޚާބު ބާއްވާ، ގިނަކަންޏާ އިންތިޚާބުގައި ވާދަކޮށް، ޒާހިރު އާދަމް ޖަލުގައި އޮންނަވަނިކޮށް، އިންތިޚާބު ކާމިޔާބު ކުރެއްވީ ތިނަދޫ ރަޝާދުއެވެ.

އެއަށްފަހު، ރައީސް މައުމޫންގެ ވެރިކަމުގެ މެދަކާ ހަމައަށް ނުދަނީސް، ވެރިކަން ވައްޓާލުމަށް އިލްޔާސް އިބުރާހިމްގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި، އޭރުގެ ސަރުކާރާ ދެކޮޅަށް ބަޢާވާތް ކުރަން އުޅުމުގެ ތުހުމަތުގައި އަނެއްކާވެސް ޒާހިރު އާދަމް ޖަލަށް ލެވިފައިވެއެވެ. އަދި އެފަހަރު ޖަލުގައި އެތައް މަހެއް ހޭދަ ކުރަން ޖެހުނެވެ.

1993ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް، ރައްޔިތުންގެ މަޖިލީހުން ނަންފާސްކުރުމަށް ނެގުނު ވޯޓުގައި އިލްޔާސް އިބުރާހީމް 25 ވޯޓު ކާމިޔާބު ކުރުމާއިއެކު އުފެދިގެން ދިޔަ ސިޔާސީ ކޯޅުމުގައި، ޒާހިރު އާދަމްގެ މައްޗަށް އޭރުގެ ސަރުކާރުން ތުހުމަތު ކުރީ، ޒާހިރު އާދަމްއަކީ އިލްޔާސް އިބްރާހިމްގެ ރަހުމަތްތެރިއަކަށް ވެފައި، އިލްޔާސްއާއި ގުޅިގެން ސަރުކާރު ވައްޓާލުން އުޅުނު ކަމުގެ ތުހުމަތެވެ.

އަދި 1994 ވަނަ އަހަރު އޭނާ އަނެއްކާވެސް ޖަލަށް ލެވުނީ، ހަކީމް ދީދީގެ ދޮންދީދީ އާއި ޖަމީލް ދީދީ މެދުވެރިކޮށް، ސަރުކާރު ބަދަލުކުރުމަށް ފަނޑިތަ ހެދިކަމުގެ ތުހުމަތުގައެވެ. މި ތުހުމަތުކުގައި ކުރެވުނު ތަހުގީގަށްފަހު، އެތައް މަހެއް ވަންދެން ޖަލުގައި ބަންދު ކުރެވި، އަދި އެއަށް ފަހު ޒާހިރު އަރުވާލެވުނީ ހއ. އިހަވަންދޫއަށެވެ. ފަހުން މިނިވަންވީ ޒާހިރުއަށް ރައީސް މައުމޫން މާފް ދެއްވުމައި ގުޅިގެންނެވެ.

ޒާހިރު އާދަމް ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ 17 ވަނަ ދައުރުގައެވެ. އެއީ އާގާނޫނު އަސާސީ ވުޖޫދަށް އައުމަށްފަހު، އިދާރީ ދާއިރާތައް ލާމަރުކަޒީ ކުރެވި، އިންތިޚާބު ކުރެވުނު ފުރަތަމަ މަޖިލީހެވެ.

ޒާހިރު އާދަމްއަކީ ފަންނީ ގިނަ މަސައްކަތްވެސް އަމިއްލަފުޅަށް ދެނެވަޑައިގެންނެވި ބޭފުޅެއް

އެހެންނަމަވެސް، އެއީ އޭނާ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބު ވެވަޑައިގެންނެވި ފުރަތަމަ ފަހަރެއް ނޫނެވެ.

ޒާހިރު އާދަމް އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބު ވެވަޑައިގަތީ ގދ. އަތޮޅު މެމްބަރެއްގެ ގޮތުން 27 ފެބްރުއަރީ 2005 އިން 27 މޭ 2009 އަށެވެ. އެދައުރުގައި އޭނާވަނީ ގާނޫނު އަސާސީ އެކުލަވާލުމަށް އުފެއްދި ޚާއްސަ މަޖިލީހުގެ މެމްބަރެއްގެ ގޮތުންވެސް މަޖިލީހުގައި ތަމްސީލު ކުރައްވާފައެވެ.

އަދި އެއީ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި މުޅި އަތޮޅުތައް ތަމްސީލު ކުރައްވަމުން ދިޔަ ޒަމާން ކަމަށް ވުމާއިއެކު، އެފަހަރު އޭނާ މަޖިލީހުގެ ގޮޑި ކާމިޔާބު ކުރައްވާފައިވަނީ، ވާދަވެރި އިންތިޚާބަކަށްފަހު، މުޅި އަަތޮޅު ތެރޭގައި ދަތުރުކޮށް، ބުރަ މަސައްކަތްތަކެއް ކުރައްވައިގެންނެވެ.

ޒާހިރު އާދަމް ފާހަގަ ކުރެވިގެން ގޮސްފައިވަނީ، އިންތިޚާބުތަކުގައާއި ކުރިމަތިވާ ގޮންޖެހުންތައް ގިރާ ކުރުމަށް ކެރިގެން މަސައްކަތް ކުރައްވާ އަދި ބޮޑެތި ހޭދަތައް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ޒާހިރު އާދަމްއާއެކު، ޚާއްސަ މަޖިލީހުގައި ގދ.ގެ ގޮޑި އޭރު ތަމްސީލު ކުރެއްވި އަނެއް ބޭފުލަކީ އައްބާސް އިބުރާހިމްއެވެ.

ޒާހިރު އާދަމް ޚާއްސަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވަނީ، 28 ފެބްރުއަރީ 2005 އިން 26 ޖޫން 2008ގެ ނިޔަލަށެވެ. ނަތީޖާއެއްގެ ގޮތުން، މިއަދު ދިވެހިން މިދެކޭ އާގާނޫނު އަސާސީ ވުޖޫދަށް ގެނައުމުގައިވެސް އޭނާގެ ބޮޑު ހިއްސާއެއް އޮތްކަމުގައި ދަންނަވަން ޖެހެއެވެ. މީގެ އިތުރުން، އާ ގާނޫނު އަސާސީއަށްފަހު އިންތިޚާބު ކުރެވުނު ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ޒާހިރު އާދަމް އިންތިޚާބު ވެގެން ދިޔައީ، 28 މޭ 2009 ގައެވެ. އެއީ 17 ވަނަ ރައްޔިތުންގެ މަޖިލިހަށެވެ. އަދި 17 ވަނަ މަޖިލިހުގައި މަސައްކަތް ކުރެއްވުމަށްފަހު އޭނާވަނީ 18 ވަނަ މަޖިލީހުގައި ވާދަ ކުރެއްވުމަށް އެއިންތިޚާބުގައި ނަން ހުށަހެޅުއްވުމަށްފަހު، ވާދަ ނުކުރައްވާ ނަން އަބުރާ ގެންދަވާފައެވެ.

ޒާހިރު އަދަމް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ވަރަށް ކުރިއްސުރެ ސިޔާސީ ދާއިރާއަށް ނުކުންނެވި ޒާހިރު އާދަމް ވަނީ، ޑީއާރުޕީގެ މެމްބަރެއްގެ އިތުރުން، ރައީސް ޔާމިން އެންމެ ފުރަތަމަ އުފެއްދެވި ޕީއޭއާއި، އަދި ޖުމުހޫރީ ޕާޓީގެ މެމްބަރެއްގެ އިތުރުން، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.

މިގޮތުން، ޑީއާރުޕީ އެންމެ ފުރަތަމަ އުފެދިގެން އައިއިރު، ޑިއާރުޕީގެ ނާއިބު ޒައީމެއްގެ މަގާމް އަދާ ކުރައްވާފައި ވެއެވެ. ޒާހިރުގެ ދައުރުގައި ޑީއާރުޕީގެ ނާއިބު ޒައީމްކަން ދެން އަދާ ކުރެއްވީ އޭޑިކޭ ނާޝިދުގެ އިތުރުން ޖާބިރުއެވެ.

އެހެންނަމަވެސް، ފަހުން ޑީއާރުޕީ ދޫކުރައްވާ 2007 ވަނަ އަހަރު ބޭއްވުނު ރިޔާސީ ބަރުލަމާނީ ކެމްޕޭނުގައި މަސައްކަތް ކުރެއްވީ ރައީސް ޔާމިންގެ ޕީއޭއާއެކީ ބަރުލަމާނީ ނިޒާމަށް ތާއީދު ހޯއްދެވުމަށެވެ. އަދި، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް، ރައީސް ޔާމިން ރައީސް މައުމޫނަށް ތާއީދު ކުރެއްވުމަށް ނިންމެވުމުން، ޒާހިރު ވަޑައިގެންނެވީ، އޭރު އަލަށް އޭޑިކޭ ނާޝިދުއާއި، ޖާބިރުއާއި އަދި އެނޫންވެސް ސިޔާސީ އިސްބައެއް ބޭފުޅުން އިސްވެ ތިއްބަވައިގެން އުފެއްދި ޖުމްހޫރީ ޕާޓީއަށެވެ. އަދި އެއަރުގެ ރިޔާސީ އިންތިޚާބުގައި ޒާހިރު ތާއީދު ކުރައްވާފައިވަނީ ގާސިމް އިބުރާހިމް އަށެވެ.

އެހެންނަމަވެސް، 2008ގެ ރިޔާސީ އިންތިޚާބަށްފަހު، 2009 ވަނަ އަހަރު އައި މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާ މަޖިލީހަށް އިންތިޚާބު ވެވަޑައިގަތީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައެވެ. 17 ވަނަ ރައްޔިތުންގެ މަޖިލިހުގައި އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ދެ އަހަރެއްހާ ދުވަސް ހޭދަ ކުރެއްވުމަށްފަހު ޒާހިރު އާދަމް އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ 2011 ވަނަ އަހަރުއެވެ.

މީގެ އިތުރުން ޒާހިރު އާދަމް ވަނީ، ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ވެރިކަމަށް ގެނައުމަށް ކުރެވުނު ކެމްޕޭނުގައިވެސް މުހިންމު ދައުރެއް އަދާ ކުރައްވާފައެވެ.

ރިޔާސީ ކެމްޕޭނުގައި ސޯލިހު ގައްދުއަށް ފައިބައި ވަޑައިގެންނެވުމުން، ޒާހިރ ސޯލިހުއަށް މަރުހަބާ ދަންނަވަނީ

 

ވިޔަފާރީގެ ދާއިރާގައި

ސިޔާސީ ދާއިރާގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ޒާހިރު އާދަމްއަކީ މަޝްހޫރު ވިޔަފާރި ވެރިއެއްވެސް މެއެވެ. އޭނާއަކީ ރާއްޖެއަށް ފަތުރުވެރިކަން އެންމެ ފުރަތަމަ ތައާރަފް ވެގެން އައި ދުވަސްވަރު، ފަތުރުވެރި ކަމުގެ ސިނާއަތުގެ ތެރެއަށް ވެންނެވި ބޭފުޅެކެވެ.

މި ގޮތުން 1980ގެ ކުރީކޮޅު އޮޅުވެލި ރިސޯޓު ތަރައްގީ ކުރައްވާ، އޭނާވަނީ، ރައްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފުޅާދާއިރާއެއްގައި މަސައްކަތް ކުރައްވާފައެވެ. އޮޅުވެރި ރިސޯޓު ފަހުން ކުއްޔަށް ދޫކުރައްވާ، އެރިސޯޓު ހިންގަމުން އައިސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްއެވެ.

މީގެއިތުރުންވެސް، ޒާހިރު އާދަމްއަކީ، މާލޭގައި އެއް ޒަމާނެއްގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިވެސް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މިގޮތުން، ޖެނެރަލް އިލެކްޓްރޯނިކްސްގެ ނަމުގައި، އިލެކްޓްރޯނިކްސްއާއި ގުޅުން ހުރި ތަކެތި ރާއްޖެެއިން ބޭރުން އެތެރެކޮށް، ވިއްކުމުގެ ވިޔަފާރި 2000ގެ އަހަރުތަކުގެ ކުރީކޮޅުގައި އޭނާވަނީ ފުޅާ ދާއިރާގެއްގައި ކުރައްވާފައެވެ.

ޒާހިރު އާދަމް އާންމު ވިޔަފާރީގެ ތެރެއަށް އެންމެ ފުރަތަމަ ވަންނަވާފައިވަނީ، 1980ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. އޭރު ސްރީ ލަންކާއަށް ހިކި ކަނޑުމަސް ބޭރުންކުރުންފަދަ އެތަކެއް ވިޔަފާރިއެއް އޭނާ ކުރައްވާފައިވެއެވެ.

މި ވިޔަފާރީގައި އުޅުއްވަނިކޮށް، ސްރީ ލަންކާގައި އޭނާއަށް ވަރަށް ނުރައްކާތެރި އެކްސިޑެންޓަކާ ކުރިމަތި ލާން ޖެހުނެވެ. މި އެކްސިޑެންޓުގައި އޭނާ ފަޔަށް ލިބުނު އަނިޔާ ދާއިމީ އަނިޔާއަކަށް ބަދަލުވެ، މި އާލާސްކަން ފުޅުގައި، އުމުރަށް އުޅުއްވާފައިވެއެވެ.

ޒާހިރު އާދަމްއަކީ، ފަންނީ ގިނަ މަސައްކަތްވެސް އަމިއްލަފުޅަށް ދެނެވަޑައިގެންނެވި ބޭފުޅެއް

ގައުމީ ފެންވަރެއްގައި އޭނާ ކުރައްވަމުން ގެންދެވި ވިޔަފާރީގެ އިތުރުން އޭނާވަނީ، އެކި ދުވަސްވަރު، އެކި ފެންވަރުގައި އޭނާގެ އުފަން ރަށް ކަމުގައިވާ ގދ. ގައްދޫގައިވެސް ތަފާތު އެތަކެއް ވިޔަފާރިއެއް، ހޯލްސޭލް ކޮންނާއި އަދި ރީޓެއިލްކޮށްވެސް ކުރައްވާފައެވެ.

 

ދީލަތިކަން

ގައްދޫ ޒާހިރަކީ، އޭނާ 1980ގެ އަހަރު ތަކުގެ ކުރީކޮޅު ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިއަށް ވެދެވަޑައިގެންނެވުމާއި ހަމައިން، ފޯރުންތެރި ބޭފުޅެއްގެ ގޮތުގައި ދިރިއުޅުއްވަމުން ގެންދެވި ބޭފުޅެކެކެވެ. ނަތީޖާއެއްގެ ގޮތުން، އޭނާގެ ފޯރުންތެރިކަމުގެ ފައިދާއާއި ދީލަތި އެހީތެރިކަން އެތައް ގޮތަކުން ދިވެހި އެތަކެއް ރައްޔިތުނާއި ހަމައަށް ފޯރާފައި ވެއެވެ.

އަދި ވަކީން ޚާއްސަކޮށް ދިގު ޒަމާންތަކެއް ވަންދެން، އޭނާގެ އުފަން ރަށް، ގައްދޫގެ ރައްޔިތުންނާ ހަމައަށް އޭނާގެ ފޯރުންތެރިކަމުގެ ފައިދާއާއި ދީލަތިކަން އެތައް ގޮތަކުން ވާސިލްވެފައިވާ ކަން މިއީ، ގައްދޫގެ ރައްޔިތުން ހެކިވާނެ ކަމެކެވެ.

މިގޮތުން، އޭނާ އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށް ދީފައިވަނީ، ދަތި ހާލުގައި ދިރިއުޅޭ ރައްޔިތުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގައެވެ. މީގެ އިތުރުންވެސް، ޚުދު ރަށުގައި ތިބެގެންވެސް، އެހީތެރިކަމަށް އެދޭ ގައްދޫގެ އެތަކެއް ރައްޔިތުންނަށް އޭނާ ވަނީ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. ހަމަ އެއާއިއެކު އުމްރާ އަދި ހައްޖުގެ އަލުކަންފަދަ ދީނީ އަޅުކަންތައް އަދާ ކުރުމުގައިވެސް ފޯރުންތެރިކަން ނެތް ފަރާތްތަކަށް އޭނާ އެހީތެރިކަން ފޯރު ކޮށްދެއްވާފައި ވެއެވެ.

އެހެންކަމުން، އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން އޭނާގެ އެހީތެރިކަމެއް ފޯރާފައިނުވާ އާއިލާއެއް ގައްދޫގައި މަދުވާނެކަން މިއީ ގައްދޫގެ ގިނަ ބަޔަކު ހެކިވާނެ ކަމެއްކަމުގައި ނޫނީ ނުވާނެއެވެ.

ނަތިޖާއެއްގެ ގޮތުން ގައްދޫގެ ގިނަ ރައްޔިތުން އޭނާއަށް ކުރާ އިހުތިރާމާއި ދޭގަދަރެއްގެ ގޮތުން، ކުދިބޮޑު އެންމެން އޭނާއާއި މުޚާތަބުރަނީ "ޒާހިރު ބޭ"ގެ ނަމުންކަން ފާހަގަ ކޮށްލެވެއެވެ. އަދީ ޒާހިރު އާދަމްގެ ދިރި އުޅުމުގެ ވައްޓަފާޅިއާއި، މުއާމަލާތު ކުރުމުގެ ވައްޓަފާޅި ގެއްގުޅުއްވާ ގޮތުން، ޒަމާނުއްސުރެ ގައްދޫގެ ގިނަ ރައްޔިތުން "ރާޖާ"ގެ ނަމުންވެސް އޭނާއާއި މުޚާތަބް ކުރަމުން ދެއެވެ.

ޒާހިރު އާދަމްއަކީ ގަދޫގެ ކުދި ބޮޑު އެތައް ބަޔަކަށް ދީލަތި އެހީތަކެއް ވެދެއްވާފައިވާ ބޭފުޅެއް

މީގެއިތުރުން، ޒާހިރު އާދަމްއަކީ، އިޖުތިމާއީ ގޮތުންނާއި އަދި އުމްރާނީ ގޮތުންވެސް ގައްދުއަށް ގިނަގުން ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

މިގޮތުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، ގައްދޫގެ ރައްޔިތުން އެތަކެއް ޒަމާންތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއްކަމުގައިވާ ގައްދޫ ކައިރީގައި މިހާރު ހުޅުވާފައިވާ އެއަރޕޯޓު ހަގީގަތަކަށް ހެދުމުގައި އޭނާ އަދާ ކުރައްވާފައިވާ ދައުރެވެ.

ގައްދޫ ރައްޔިތުން މާލެ ދަތުކުރުމުގައި، އެތަކެއް ޒަމާންތަކެއް ވަންދެން އުފުލުމުންއައި ބޮޑެތި ބުރަތަކާއި ދަތި އުދަގޫތަކަށް ނިމުން ގެނައުމަށް، މި އެއަރޕޯޓު އެންމެ ފުރަތަމަ އަޅަން ފެށިފައިވަނީ، ރައީސް މައުމޫނުގެ ވެރިކަން ނިމެމުން ދިޔަ ދުވަސްވަރު، ގައްދުއާއި ޖެހިގެން އޮތް މާވެއްދޫގައެވެ. އެހެންނަމަވަސް، ރައީސް މައުމޫނުގެ ވެރިކަން ނިމި ދިއުމާއެކު، މި އެއަރޕޯޓު އެޅުމަށް ކުރިޔަށް ގެންދެވުނު ބިން ހިއްކުމުގެ މަޝްރޫޢު ހުއްޓި، އެއަރޕޯޓު މަޝްރޫޢުވެސް ވަޅުޖެހިގެން ދިޔައެވެ.

އެހެންނަމަވެސް، ދެވަނަ ފަހަރަށް މި މަޝްރޫއަށް އަމަލީ ސިފަ ގެނެވިގެން ދިޔައީ، ގައްދޫ ކައިރީގައި އޮތް މާވާރުލުގައި އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތާއި ޒާހިރު އާދަމްގެ މުވިންގ އިންޓަރނޭޝަނަލްއިން ހަވާލުވި ހިސާބުންނެވެ. އެހެންނަމަވެސް، އެއަރ ޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް، ކޮޅެއްގައި ނުޖެހި އެތައް އަހަރެއްވަންދެން ކުރިޔަށް ގޮސް، އެންމެ ފަހުން، ރައީސް ޔާމިންގެ ވެރިކަމުގެ ފަހުކޮޅު، މިމަސައްކަތް ޒާހިރު އާދަމްގެ މޫވިންގ އިންޓަނޭޝަނަލްއިން ވަކިކޮށް، އެއްރޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައި ވަނީ، ކުރީ ސަރުކާރު ނިމެމުން ދަނިކޮށް، އެމްޓީސިސީއާއި ހަވާލު ކޮށްގެންނެވެ.

ގައްދޫ ރައްޔިތުން އެތަކެއް ޒަމާންތަކެއް ވަންދެން، ދެކެމުން އައި އެއަރޕޯޓެއްގެ ހުވަފެން، ޒާހިރު އާދަމްގެ ބެއްލެވުމުގެ ދަށުން ހަގީގަތަކަށް ވެގެން ނުދިޔަ ނަމަވެސް، އަދި، މި އެއަރޕޯޓު ތަރައްގީ ނުކުރެވި، ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިއުމުގައި ބައެއް ފަރާތްތަކުގެ ނުތަނަވަސްކަން ހުރިކަމުގައި ވިނަމަވެސް، މި ހުވަފެން ހަގީގަތަކަށް ވެގެން ދިއުމުގެ އެއް އަސްލުކަމުގައި ވެގެންދާ އެއް ސަބަބަކަށް، މިމަސައްކަތް ކުރެއްވުމަށް ޒާހިރު އާދަމް ފެއްޓެވި ފެއްޓެވުން ވެގެންދާނޭކަން، އިންސާފުގެ ތަރާދަކުން ވިސްނާ ކޮންމެ މީހަކުވެސް މިއަދު ގަބޫލުރަން ޖެހެއެވެ.

މީގެ އިތުރުން ދުނިޔެ ދޫކުރެއްވިއިރު ޒާހިރު އާދަމް ގެންދެވީ، ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އޭނާ ދެކެމުން އައި ހުވަފެނެއް ކަމުގައިވާ، ގައްދޫގައި މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދަވަމުންނެވެ. މިގޮތުން، ގައްދޫގެ މަލަމަތީގައި، ބަނދަރު ސަރަހައްދުގައި، އޭނާ ބިނާ ކުރައްވަމުން ގެންދަވާ މިސްކިތުގެ މަސައްކަތް ނިޔާވިއިރުވެސް ދަނީ ކުރިއަށެވެ. މިމަސްކަތުގެ 60 ވަރަކަށް އިންސައްތަ މިހާތަނަށް އައިއިރު ވަނީ މުޅިން ނިމިފައެވެ.

ޒާހިރު އާދަމް ގައްދޫގެ ބަދަރު ސަރަހައްދުގައި ބިނާ ކުރަން ފަށާފައިވާ މިސްކިތް

ވަކިވެ ދިއުން

ވިޔާފާރީގެ ދާއިރާގައި އުޅުއްވަނިކޮށް 80ގެ އަހަރުތަކުގެ ކުރީކޮޅު ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވި އެކްސިޑެންޓެއްގައި، ފަޔަށް ލިބުނު އަނިޔާ، ޒާހިރު އާދަމްގެ ހަޔާތުގެ ބޮޑު ބައެއްގައި ތަހައްމަލް ކުރައްވާފައި ވެއެވެ. އަދި ފައިގެ އާލާސް ކަންފުޅު ބޮޑުވެ، ފާއިތުވި އަހަރު ފައި ބުރިކޮށް، މި އާލާސްކަންފުޅަށް ވަރަށް ބޮޑު ފަރުވާއެއް ސިންގަޕޫރުގައި ހޯއްދަވާފައިވެއެވެ. މި ފަރުވާއަށްފަހު، އާލާސްކަންފުޅުން މުޅިން ރަގަޅުވެ، ދޭތެރެ ދޭތެރެއިން ސިއްޙީ އެހެނިހެން ފަރުވާތަކަށް ރާއްޖެއިން ބޭރަށް ދަތުރު ކުރެއްވި ނަމަވެސް، ދިއިރު އުޅުއްވާފައިވަނީ ރާއްޖޭގައެވެ.

އެހެންނަމަވެސް، ޒާހިރު އާދަމް ކޯވިޑް19 އަށް ޕޮޒިޓިވް ދަރުމަވަންތައް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ، މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެޑްމިޓް ކުރުމަށްފަހުވެސް، ސިއްޙީ ހާލުކޮޅު އެހާ ގޯސް ނޫންކަމަށް ގާތް ބައެއް ބޭފުޅުން މައުލޫމާތު ދެއްވާފައިވެއެވެ. އަދި ހުން ރަގަޅުވުމާއި، ކޯވިޑާ ގުޅުންހުރި އެހެނިހެން އަލާމާތްތައްކަށްވެސް ލުއިކަން ލިބިގެން ގޮސްފައި ވުމާއެކު، އިއްޔެގެ ވަގުތެއްގައި އަމިއްލަފުޅަށް ގެއަށް ބަދަލު ކޮށްދިނުމަށް ޑޮކްޓަރުންގެ އަރިހުން އެދިވަޑައިގަތުމާއި ގުޅިގެން، އޭނާ އިއްޔެގެ ވަގުތެއްގައި ގެއަށް ބަދަލު ކުރެވުނުކަމަށް ގާތް ބައެއް ބޭފުޅުން މައުލުމާތު ދީފައި ވެއެވެ.

އެހެންނަމަވެސް ގެއަށް ބަދަލު ކުރެވިފައި ވަނިކޮށް، ކުއްލި ގޮތަކަށް ހާލުކޮޅު ގޯސްވެ، ފަރުވާ ހޯދުމަށް އެމެޖެންސީކޮށް ހޮސްޕިޓަލަށްވެސް ގެންދެވުނެވެ. ޒާހިރު އާދަމް ނިޔާވެފައިވަނީ ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ. އަދި ނިޔާވި އިރުވެސް، ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ދައްކާފައި ވުމާއިއެކު، ރޭގެ ވަގުތެއްގައި ވަނީ ފަސްތާނުލާފައެވެ.

ޒާހިރު އާދަމް އަވަހާރަވި އިރު، 6 ބޭފުޅަކު ދުނިޔޭގައި އެބަ ތިއްބެވިއެވެ. އެއީ ބައްލަވައި ގެންނެވި ދެ ކައިވެންޏަކަށް، ލިބިލެއްވި 2 ފިރިހެން ބޭފުޅުންނާއި 4 އަންހެން ބޭފުޅެކެވެ.

ޒާހިރު އާދަމްއަކީ، އިޖުތިމާއީ ކަންކަމުގައި ބޮޑެތި ހޭދަތަކެއް ކުރައްވާފައިވާ ދީލަތި ބޭފުޅެކެވެ. ވަކީން ޚާއްސަކޮށް، އޭނާއަކީ ގައްދޫ ރައްޔިތުންނަށް ދީލަތި އެހީތަކެއް ދިގު ޒަމާންތަކެއް ވަންދެން ވެދެއްވަމުން ގެންދެވި ބޭފުޅެއްކަން މިއީ ގައްދޫގެ އެތަކެއް ރައްޔިތުންނެއް ހެކިވާނެ ހަގީގަތެކެވެ.

ކޮންމެ ދީލަތިކަމަކީވެސް އޭގެ ހެޔޮފައިދާ އުޚުރަވީ ހަޔާތުގައި ނުކޮށް ނުދާނޭ ކަމެއްކަންވެސް ޔަގީނެވެ. ޒާހިރުބޭ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.!

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.