ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ގައްދޫ ޒާހިރު އަވަހާރަ ވުމާއި ގުޅިގެން އެއާއިލާއަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންއާއި، ޕީޕީއެމްގެ މެމްބަރުންގެ ފަރާތުން ތައުޒިޔާ ދަންނަވައިފިއެވެ.
ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގދ. އަތޮޅު މެންބަރު ކަމާއި ގައްދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ އަދި ފަތުރުވެރިކަމުގެ ދާއިރާގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އޮނަރަބަލް ޒާހިރު އާދަމް (ގައްދޫ ޒާހިރު) ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވި ޚަބަރު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ފުން ހިތާމައާއި އަސަރާއިއެކުގައި ކަމަށެވެ. އަލްމަރްޙުމް ޒާހިރު އާދަމްގެ ފުރާނަފުޅަށް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވުމަށް އިދިިކޮޅު ކޯލިޝަނުން ވަނީ ދުޢާ ކޮށްފައެވެ.
އަދި މި ހިތާމަވެރި ދަނޑިވަޅުގައި އަލްމަރްހޫމް ޒާހިރު އާދަމް ގެ ދަރިކަލުން ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޒާހިރާއި ޢާއިލާއަށް ޕީ.ޕީ.އެމް. ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލާއި، ޕާލަމަންޓްރީ ގްރޫޕާއި، ސްޓިއަރިންގ ކޮމިޓިތަކާއި އަދި ކޯލިޝަންގެ އެންމެހާ މެންބަރުންގެ ނަމުގައި ތާޢުޒިޔާ ވަނީ ދަންނަވާފައެވެ.
ޒާހިރު އަވަހާރަ ވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އާއިލާއަށް ތަޢުޒިޔާ ދަންނަވަމުންނެވެ.
ޒާހިރު އާދަމް ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލިހުގެ 17 ވަނަ ދައުރުގައެވެ. އެހެންނަމަވެސް، އޭނާ އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބު ވެވަޑައިގަތީ ގދ. އަތޮޅު މެމްބަރެއްގެ ގޮތުން 27 ފެބްރުއަރީ 2005 އިން 27 މޭ 2009 އަށެވެ. 28 ފެބްރުއަރީ 2005 އިން 26 ޖޫން 2008ގެ ނިޔަލަށް އޭނާވަނީ ޚާއްސަ މަޖިލިހުގެ މެމްބަރުކަންވެސް ކުރައްވާފައެވެ. 17 ވަނަ ރައްޔިތުންގެ މަޖިލިހަށް އޭނާ އިންތިޚާބު ވެވަޑައިގަތީ 28 މޭ 2009 ގައެވެ. 17 ވަނަ މަޖިލިހުގައި މަސައްކަތް ކުރެއްވުމަށްފަހު އޭނާވަނީ 18 ވަނަ މަޖިލީހުގައި ވާދަ ކުރެއްވުމަށް އެއިންތިޚާބުގައި ނަން ހުށަހެޅުއްވުމަށްފަހު، ވާދަ ނުކުރައްވާ ނަން އަބުރާ ގެންދަވާފައެވެ.
ކޮމެންޓު ފޮނުވާ