އެމަނިކުފާނަށް ބީރު ކަންފަތެއް ދިނުންވާނީ ރައްޔިތުންނަށް ބީރު ކަންފަތެއް ދިނުންކަމަށާއި، ސަރުކާރުން އެއްބާރުލެއްވުން ދެއްވާހާ ހިނދެއްގައި ސަރުކާރުގެ އެއްމެ ގާތް އެކުވެރިއެއް ގޮތުގައި ސިޓީ ކައުންސިލް އޮންނާނެކަމަށް މާލެ ސިޓީގެ އައު މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާލުވެއްޖެއެވެ.
މާލޭގެ މޭޔަރުކަމުގެ ހުވަިއ ކުރައްވާ ދެއްކެވި ވާހަކަފުޅުގައި މުޢިއްޒު ވިދާޅުވީ، ސަރުކާރަށް މިއަދު ދެ އަހަރާއި ބައިވާއިރު ރައްޔިތުން ނިންމާފައިވަނީ ނިމިގެން މިދިޔަ ދެއަހަރާއި ބަޔަކީ މާލެސިޓީ ރައްޔިތުންގެ އުއްމީދުތައް އެއްވެސް ވަރަކަށް ޙާސިލްކޮށްދެވުނު ދެއަހަރާއި ބައި ނޫންކަމަށާއި، މާލެސިޓީ ރައްޔިތުން އެދެނީ އެމަނިކުފާނާއި، އެމަނިކުފާނާއެކު ހޮއްވެވި ޓީމުން ރައްޔިތުންގެ އަމާޒުތަކަށް ވާސިލް ކޮށްދޭން މަސައްކަތްކޮށްދީ ނަތީޖާ ނެރެދިނުމަށްކަމަށެވެ. އެހެންކަމުން އެމަސައްކަތް ކުރާނީ އެ ގޮތުގައިކަން ފާހަގަކުރައްވާ ނަތީޖާ ނެރެދޭނޭކަމުގެ ޔަޤީންކަން އައު މޭޔަރު ދެއްވިއެވެ.
މޭޔަރުގެ ވާހަކަފުޅުގައި، ސިޓީ ކައުންސިލް ހިންގުމުގައި އަދި ސްޓްރެޓެޖިކް އެކްޝަން ޕްލޭން ޙަޤީޤަތަކަށް ހެދުމުގައި ސަރުކާރުގެ އެއްބާރުލެއްވުން ދެއްވުމަށް ގޮވާލެއްވިއެވެ. އެއީ މާލޭގެ ރައްޔިތުންނަށް އެއްބާރުލެއްވުން ދެއްވުންކަމަށާއި، ފައިދާވާނީ ރައްޔިތުންނަށްކަން ފާޙަގަކުރައްވާ މުޢިއްޒު ވިދާޅުވީ، އެމަނިކުފާޏު ދާނީ ރައްޔިތުން ޙަވާލުކުރި ކަމަކާ އެކީގައި އެކަނިކަމަށް ވިދާޅުވިއެވެ.
އަޅުގަނޑަށް ބީރު ކަންފަތެއް ދިނުންވާނީ ރައްޔިތުންނަށް ބީރު ކަންފަތެއް ދިނުންކަން! އަޅުގަނޑު އެދޭ ކަންކަމަށް ވާ އިހުމާލުވާނީ ރައްޔިތުންނަށް ވެވޭ އިހުމާލެއްކަން! ސަރުކާރުން އެއްބާރުލެއްވުން ދެއްވާހާ ހިނދެއްގައި ސަރުކާރުގެ އެއްމެ ގާތް އެކުވެރިއެއް ގޮތުގައި ސިޓީ ކައުންސިލް އޮންނާނެ!
– މާލޭގެ މޭޔަރު
މޭޔަރު ވަނީ ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކުގެ ހަނދާން އައުކުރައްވާ އެ ހަމަލާތައް މާލެ ސިޓީގެ ރައްޔިތުންގެ ނަމުގައި ކުއްވެރިކުރައްވާފައެވެ.
ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެ އިންސާނީ ޙައްޤެއްކަން ބަޔާންކުރައްވާ މުޢިއްޒު ވިދާޅުވީ، ގުޅީފަޅުގައި ޕޯޓް އެޅުން ހުއްޓާލަން ވަރަށް ސާފުކޮށް ސަރުކާރަށް ގޮވާލައްވާކަމަށެވެ. އަދި ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކަށް ލަސްނުކޮށް ފްލެޓްތައް ޙަވާލުކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ. ވިދާޅުވީ، ހިޔާ ފްލެޓްތައް ފިނިޝް ކުރުމަށް ރައްޔިތުންދާނޭ ޚަރަދުގެ އެވްރެޖެއް ކަނޑައަޅާ އެ ޢަދަދު ފްލެޓްގެ އަގުން އުނިކޮށްދެއްވުމަށް ގޮވާލައްވާކަމަށެވެ. އަދި ހުރިހާވެސް އެއްޗަކީ މާލީ ފައިދާ ކަމުގައި ނުހެދުމަށް ސަރުކާރަށް ގޮވާލައްވާކަމަށާއި، ރައްޔިތުންނަށް ހިތްހަމަޖެހުމެއް ހޯދައިދިނީމާ ރައްޔިތުންގެ މޫނުމައްޗަށް އަންނަ ހިނިތުންވުމަކީ ވެސް ސަރުކާރަށް ލިބޭނޭ ފައިދާއެއްކަމުގައި ދެކުމަށް ގޮވާލައްވާކަމަށްވެސް ވިދާޅުވިއެވެ. މާލޭގެ މޭޔަރު ވިދާޅުވީ، ހިޔާ ފްލެޓް ތަކުގެ މަހަކަށް ދައްކަންޖެހޭ ވަރު 5600ރ އަށްވުރެ ބޮޑު ނުކުރުމަށާއި ޑައުންޕޭމަންޓް އެއްފަހަރާ ނުދެއްކޭ ފަރާތްތަކަށް ބަހާލައިގެން ދެއްކޭގޮތް ހަދައިދިނުމަށްވެސް އެދިވަޑައިގަންނަވާކަމަށެވެ.
މޭޔަރުގެ ވާހަކަފުޅުގައި ކިންގ ސަލްމާން މިސްކިތް ހުޅުވުމަށްވެސް އިލްތިމާސްކުރެއްވިއެވެ. މާލެ ސިޓީ ކައުންސިލް ހިނގާނީ ދެފުށް ފެންނަ، ނަޒާހަތްތެރި ކައުންސިލްއެއްގެ ގޮތުގައިކަމުގެ ޔަޤީންކަން ދެއްވަމުން ވިދާޅުވީ، ކައުންސިލް ބައްދަލުވުންތައް ކަނޑައެޅޭ އުސޫލެއްގެ މަތީން ލައިވް ކުރާނެކަމަށެވެ.
ކަައުންސިލަރުންގެ ކިބައިން އަޅުގަނޑު ޔަޤީންކުރަނީ ތިޔަ ބޭފުޅުންގެ ކިބައިންވެސް ފެނިގެންދާނީ ނަޒާހަތްތެރި، އިޚްލާސްތެރި، ޚިދްމަތްތެރި މަސައްކަތްތަކެއްކަން! ކައުންސިލަކީ ރައްޔިތުންނަށް އޯގާތެރި، ރައްޔިތުންނަށް އަޅާލާ ކައުންސިލަކަށް ވާންޖެހޭނެކަން! .އަޅުގަނޑުމެންވާންވާނީ، ވަޒީފާއެއްގެ ގޮތުގައި ދެކިގެން މަސައްކަތްކުރާ ބައެއްގެ ބަދަލުގައި ޒިންމާއެއްގެ ގޮތުގައި ދެކިގެން މަސައްކަތްކުރާ ބައެއްގެ ގޮތުގައި! ކައުންސިލަކީ ރަސްމީ ގަޑި ކަނޑައެޅިފައި އޮންނަ ތަނަކަށްވިޔަސް، 24/7 ރައްޔިތުންގެ ޚިދުމަތުގައި ތިބޭ ބަޔަކަށް އަޅުގަނޑުމެން ވާން ޢަޒުމް ކަނޑައަޅަންވާނޭ
ކަމަށް!
– މޭޔަރު މުޢިއްޒު
ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސިޔާސީ ފިކުރަކަށް ނުބަލާ، އެންމެންނާމެދުވެސް ހަމަހަމަ ކަމާއެކު، އިންސާފުވެރިކަމާއެކު، ތެދުވެރިކަމާއެކު ޚިދްމަތްދޭ ކައުންސިލަކަށް އެކައުންސިލް ހެދުމަށް މޭޔަރު ވަނީ ހުރިހާ ކައުންސިލަރުންނަށް ގޮވާލައްވާފައެވެ. މާލެ ސިޓީ ކައުންސިލަކީ ސިޔާސީ ޖަގަހައަކަށް ވިޔަ ނުދޭނެކަމުގެ ޔަޤީންކަން އަރުވަމުން މޭޔަރު ވިދާޅުވީ، މާލެ ސޓީ ކައުންސިލަކީ ޚިދުމަތުގެ ގޮވައްޗަކަށް ހައްދަވާނެކަމަށެވެ. ކޮންމެ ބޮޑުކަމެއް ކުރުމުގައި ވެސް އެކަމެއްގައި ރައްޔިތުންގެ ޚިޔާލު ހޯދާނޭކަމަށްވެސް މޭޔަރު ވިދާޅުވއެވެ.
އައު މޭޔަރު ވަނީ ސަރުކާރުން މާލެ ސިޓީގެ ރައްޔިތުންނަށް އެއްބާރުލުން ދެއްވުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ. އަދި އެކަން އެގޮތުގައި ކުރައްވާނޭކަމަށް ޔަޤީންކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
އެންމެ ބޮޑު އެއްބާރުލެއްވުމެއް ބޭނުންވާ ބޭފުޅުންގެ ތެރޭ ގައި ރައީސުލް ޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕްލޭނިންގ މިނިސްޓަރ، ފިނޭންސް މިނިސްޓަރ، ޓްރާންސްޕޯޓް މިނިސްޓަރ އަދި އިކޮނޮމިކް މިނިސްޓަރ ފާހަގަކޮށްލަން! ހުރިހާ މިނިސްޓަރުންނާއި، ގިނަ ކުންފުނިތަކުގެ ވެރިންނާއި، އެހެނިހެން މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރުމަށް ރަސްމީކޮށް އެދޭނަން!
– މާލޭގެ މޭޔަރު
މުޢިއްޒު ވަނީ ކޯވިޑްގެ ޙާލަތުން އަރައިގަތުމުގައި، ސިޓީކައުންސިލަށް ކުރެވެންހުރި ހުރިހާ ކަމެއް ޚާއްސަ ސަމާލުކަމެއްދީގެން ކުރައްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. އަދި އެކުވެރި ޤައުމުތަކުގެ ސިޓީތަކާއި ގުޅުން ބަދަހިކުރުމުގައި އާ އުސްމިންތަކަކަށް ދާނެކަމަށްވެސް މާލޭހެ އައު މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ